ޚަބަރު

ސަރުކާރު ހަރަދުގައި ބޯންމެރޯ އޮޕަރޭޝަން ކުރަން އިތުރު 10 ޕޭޝަންޓުން މި އަހަރު ފޮނުވަނީ

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ހެލްތު މިނިސްޓަރު ހަލީލް - ފޮޓޯ: ހެލްތު މިނިސްޓްރީ

ދިވެހި ސަރުކާރުގެ ހަރަދުގައި ބޯންމެރޯ އޮޕަރޭޝަން ކުރުމަށް، އިތުރު 10 ޕޭޝަންޓުން މި އަހަރު ފޮނުވާނެ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ބައިނަލް އަގުވާމީ ތެލެސީމިއާ ދުވަހުގެ މުނާސަބަތުގައި މިރޭ ކުރިއަށް ދިޔަ ޖަލްސާގައި މިނިސްޓަރު ވިދާޅުވި ގޮތުގައި، އެއިން ފަސް ޕޭޝަންޓުން މި އަހަރު މެދު ތެރޭގައި ފޮނުވަން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އަހަރު ފަހުކޮޅުގައި ފަސް ޕޭޝަންޓެއް ފޮނުވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މި އަހަރު ތެރޭގައި އިތުރު 10 ކުއްޖަކު ފޮނުވޭނެ، އަހަރުގެ މެދު ތެރޭގައި ފަސް ކުދިން ފޮނުވުމުގެ މަސައްކަތް، ފަހުކޮޅު ފަސް ކުދިން،" މިނިސްޓަރު ހަލީލް ވިދާޅުވިއެވެ.

ބޯން މެރޯ އޮޕަރޭޝަން ކުރަން ފަސް ޕޭޝަންޓަކު ތިބީ އިންޑިއާގަ އެވެ. އެއިން ދެ ޕޭޝަންޓުގެ އޮޕަރޭޝަން ކާމިޔާބުކަމާއެކު ނިމިފައިވާ ކަމަށް މިނިސްޓަރު މިރޭ ވިދާޅުވިއެވެ. ދެ ޕޭޝަންޓުންގެ ހާލު ރަނގަޅެވެ.

ތެލެސީމިއާއަށް ފަރުވާ ހޯދާ ފަރާތްތަކަށް މިހާރު ދެވޭ ހިދުމަތްތައް ހަރުދަނާކޮށް ފުޅާކުރުމުގެ އިތުރަށް ހިލޭ ބޯންމެރޯ ޓްރާސްޕްލާންޓް ހެދޭނެ މަގުފަހިކޮށްދިނުމަކީ މި ސަރުކާރުގެ ކެބިނެޓުން ނިންމާފައިވާ ސިޔާސަތެކެވެ.

ތެލެސީމިއާ ކުދިންނަށް ބޭނުންވާ ބޭހާއި ކޮންސިއުމަބަލްސް ފަސޭހައިން ލިބޭނެ އިންތިޒާމު އެސްޓީއޯ މެދުވެރިކޮށާއި އާސަންދައިގެ ތެރެއިން ހަމަޖެއްސުމަށް ނިންމާފައިވެ އެވެ.

ކުރު ރާސްތާގައި ހުރިހާ އެސެސްމެންޓެއް ހެދި ބޯންމެރޯ ހެދުމަށް ފައިނަލްވާ ކުދިން، ބޯންމެރޯ ހެދުމަށް ކޮންމެ އަހަރަކު ކަނޑައެޅިފައިވާ މިންވަރަކުން ބޯންމެރޯ ހެދުމަށް ފޮނުވަމުން ދިއުމަށް ނިންމަވާފައިވެއެވެ.

Ads by HDC