ތެލެސީމިއާ ވާރުތަވާ މައްސަލަ ހައްލުކުރަން ޑަބްލިއުއެޗްއޯގެ އެހީއަށް ސަރުކާރުން އެދިއްޖެ
ތެލެސީމިއާ ބަލި ވާރުތަވާ މައްސަލަ ހައްލުކުރަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ އެހީއަށް ސަރުކާރުން އެދިއްޖެއެވެ.
އެކަން ހާމަކުރީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ތެލެސީމިއާ ދުވަހާ ގުޅިގެން މިރޭ ބޭއްވި ޖަލްސާގައި ހެލްތް މިނިސްޓަރު ޑރ އަބްދުﷲ ހަލީލްއެވެ.
ތެލެސީމިއާ އަކީ މައިންބަފައިންގެ ފަރާތުން ދަރިންނަށް ވާރުތަވާ ބައްޔެކެވެ.
މިނިސްޓަރު ވިދާޅުވީ ތެލެސީމިއާ ބަލި ވާރުތަކުރުމުގެ މައްސަލަ ހައްލު ކުރުމަށްޓަކައި އެޅޭނެ ފިޔަވަޅުތަކަކީ ކޮބައިތޯ ބެލުމަށްޓަކައި ޑަބްލިއުއެޗްއޯގެ އެހީއަށް އެދިފައިވާނެ ކަމަށެވެ. އަދި ބޭރުގެ ގައުމުތަކުގެ އެހީއަށްވެސް އެދިފައިވާނެ ކަންވެސް މިނިސްޓަރު ހާމަކުރެއްވި. އެ ގައުމުތަކުގެ ލިސްޓެއް ހަލީލް ވިދާޅެއް ނުވެއެވެ.
''މިހާރު މަސައްކަތްކުރަމުން އެބަދަން ވާރުތަކުރުމުގެ މައްސަލަ ހައްލު ކުރުމަށްޓަކައި ފިޔަވަޅުތަކަކީ ކޮބައިތޯ ބެލުމަށްޓަކައި، ޑަބްލިއުއެޗްއޯގެ އިތުުރުން ބޭރުގެ ގައުމުތަކުގެ އެހީއަށްވެސް އެދިފައިވާނެ'' މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖެއިން ތެލެސީމިއާ ބަލި އެންމެ ފުރަތަމަ ފެނިފައިވަނީ 1970 ގެ އަހަރުތަކުގެ ތެރޭގައެެވެ. ތެލެސީމިއާ ލޭއަޅާ ކުދިން އުފަންވާ އަދަދު އިތުރުވާތީވެ ސަރުކާރުގެ އެދުމުގެ މަތިން ޑަބްލިއުއެޗްއޯއިން ތިން ފަހަރެއްގެ މަތިން ދިރާސާއެއް ހެދިއެވެ. ދުނިޔޭގެ ނިސްބަތުން އާބާދީއާ އަޅައިބަލާއިރު ރާއްޖެއަކީ ތެލެސީމިއާ ޕޭޝަންޓުން އެންމެ ގިނަ ގައުމެވެ.
ތެލެސީމިއާ ޕޭޝަންޓުންނަށް ފަރުވާ ދިނުމަށް ''ތެލެސީމިއާ ސެންޓަރު'' ގެ ނަމުގައި ހާއްސަ މަރުކަޒެއް ހުޅުވީ 1994 ވަނަ އަހަރުއެވެ. ތެލަސީމިއާ ޕޭޝަންޓުންނަށް ދެވޭ އެންމެ މުހިއްމު ފަރުވާއަކީ ލޭ އެޅުމާއި ހަށިގަނޑަށް އެތެރެވާ ދަނގަޑުގެ ބައި ބޭރުކުރުމާއި އަދި އިތުރުވުމުން ދިމާވާ އެކި އެކި ކޮމްޕްލިކޭޝަންތައް ކުޑަކުރުމެވެ. މިއީ ތެލެސީމިއާ ބަލި ޖެހިފައިވާ ފަރާތްތަކަށް ދާއިމީކޮށް ކުރަން ޖެހޭ ފަރުވާއެވެ. މާލޭގައި ދިރިއުޅޭ ތެލެސީމިއާ ޕޭޝަންޓުންނަށް ފަރުވާދެނީ ތެލެސީމިއާ ސެންޓަރުންނެވެ. އަތޮޅު ތެރޭގައި 108 ރަށުގައި ލޭ އެޅުމުގެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. މި ވަގުތު ރާއްޖޭގައި ތެލެސީމިއާގެ 659 ޕޭޝަންޓުން އެބަތިބިއެވެ. އެއީ މާލޭގައި ތިބި 349 ޕޭޝަންޓުންނާއި އަތޮޅު ތެރެއިން 313 ޕޭޝަންޓުންނެވެ.