ވިއްސާރަވެ ފެންބޮޑުވުމުން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އާންމުކޮށްފި
ވިއްސާރަވެ ފެންބޮޑުވުމުން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ އިރުޝާދު ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓު އޮތޯރިޓީއިން އާންމުކޮށްފި އެވެ.
އެންޑީއެމްއޭއިން މިއަދު އާންމު ކުރި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ އިރުޝާދުގައި ވަނީ ވިއްސާރަވުމުގެ ސަބަބުން ފެންބޮޑުވުމުން އަޅަން ޖެހޭ ފިޔަވަޅުތައް ތަފްސީލުކޮށް ކިޔައިދީފަ އެވެ.
އެގޮތުން ގެއަށް ފެން ނުވަންނާނެހެން ރައްކާތެރި ފިޔަވަޅެއްގެ ގޮތުގައި ވެލި ބަސްތާފަދަ ތަކެތި ޖެހުމާއި ގެއަށް ފެން ވަދެއްޖެ ނަމަ ގެއްލުންވާ މުދާ އުސް ތަންތަން ނުވަތަ ފެން ނުޖެހޭ ތަންތަނަށް ލުމަށް އެ އޮތޯރިޓީއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
ދަނޑުވެރިކަން ކުރާ ފަރާތްތަކުން ދަނޑުގައި ފެންބޮޑުވެ ގަސްގަހާގެއްސަށް ކުރާނެ ގެއްލުމުން ރައްކާތެރިވުމަށް ދުރާލާ ފިޔަވަޅުއެޅުމަށްވެސް އެންޑީއެމްއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
މީގެ އިތުރުން ކަނޑުދަތުރު ކުރާފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރުފަތުރު ކުރުމަށާއި ދަތުރަށް ނުކުންނަ އިރު ސަލާމަތީ ފިޔަވަޅުތައް އަޅައިގެން ނިކުތުމަށްވެސް އެ ފިޔަވަޅުތަކުގައި ވަނީ ހިމަނައިފަ އެވެ.
ފެންބޮޑުވުމުގެ ސަބަބުން ސިއްހީ މައްސަލައެއް ކުރިމަތިވުމުން ދުރުހެލިވުމަށް އުދަ އެރުމުން ނުވަތަ ފެންބޮޑުވުމުން ވީހާވެސް އަވަހަށް ކުނި ސާފުކުރުމަށް އެ އޮތޯރިޓީއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
މި ދުވަސްވަރަކީ ރާއްޖެއަށް ހުޅަނގު މޫސުން ކުރިމަތިވާ ދުވަސްވަރުކަމުން ވިއްސާރަކޮށް މިފަދަ ހާދިސާތައް ހިނގުން އާންމު ދުވަސްކޮޅެކެވެ.