ބަނޑޭރިކޮށިން ފެނުނު ހަށިގަނޑު ޕޯސްޓްމޯޓަމަށް އިންޑިއާއަށް ގެންދަނީ

މާލޭގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ މަރުގެ ސަބަބު ދެނެގަތުމަށް ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ގެންދަން ތައްޔާރުވެއްޖެ އެވެ.
ފުލުހުންނަށް ލިބުނު މައުލޫމާތަކަށް ގުޅިގެން ބަނޑޭރިކޮށީގެ އެޕާޓްމަންޓެއް ބަލައި ފާސްކުރި އިރު މަރުވެފައި އޮތް މީހަކު ފެނިފައިވަނީ ހޯމަ ދުވަހުގެ ހަވީރުގެ ވަގުތެއްގަ އެވެ.
އޭނާގެ އޮޓޯޕްސީ ހަދަން ނިންމިއިރު, ފުލުހުން މިއަދު ބުނީ އެކަމަށް ހަށިގަނޑު ފޮނުވުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ. އެނގިފައިވާ ގޮތުގައި އޭނާގެ އޮޓޯޕްސީ ހަދަން ފޮނުވަނީ އިންޑިއާ އަށެވެ.
މަރުވެފައި އޮއްވާ ފެނިފައިވަނީ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ އާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހިއްސާކޮށްފައި ނުވެ އެވެ.
އާންމު ގޮތެއްގައި މިފަދަ މަރުތަކުގައި އޮޓޮޕްސީ ހަދަނީ ފުލުހުންނަށް ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުންނެވެ. ނަމަވެސް މި މައްސަލައާ ގުޅޭ އިތުރު ތަފުސީލެއް ފުލުހުން މިހާތަނަށް ދީފައެއް ނުވެއެވެ. ފުލުހުން އަންނަނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.