ޚަބަރު

ބޮޑު ބަޔަކަށް ޔެލޯ އެލާޓް، 50 މޭލަށް ވައިގަދަ ވެދާނެ

ރައުފާ ރަޝީދު ، ދެން އޮންލައިން

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ކުރިއަށް ހުރި ވަގުތު ތަކުގައި މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފިއެވެ.

Ads by Sosun Fihaara

މެޓް އޮފީހުން މިއަދު 14:00 އާ ހަމައަށް ޔެލޯ އެލާޓް ނެރެފައިވަނީ، ބ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށެވެ.

މެޓް އޮފީހުން ބުނީ އެ ވަގުތުގައި ބޯކޮށް ވާރޭވެހި، ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ޔެލޯ އެލާޓް ނެރެފައިވާއިރު ރައްކާތެރިވުމުގެ ގޮތުން އެޅިދާނެ ބައެއް ފިޔަވަޅުތައް:

▪︎ ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދައި އުޅަނދުގައި މުއާސަލާތީ ވަސީލަތްތައް ހަމަކުރުން.
▪︎ ކޮޅިގަނޑުގައި އަންނަ ގަދަ ވަޔަށް ސަމާލުވެ، ޚާއްސަކޮށް ދެރަކޮށް ހެދިފައި ހުންނަ އިމާރާތްތަކާއި ގެދޮރުގައި ހުންނަ ފުރާޅު ފަަދަ ތަންތަނުގެ ރައްކާތެރިކަން ބެލެހެއްޓުން.
▪︎ ބޯކޮށް ވާރޭ ވެހި ފެންބޮޑުވެދާނެ ފަދަ ހާލަތްތަކަށް ތައްޔާރުވުން.
▪︎ ގެއަށް ފެން ވަދެފާނެ ކަމުގައިވާ ނަމަ ގޭ ބޭރުގައި ވެލިބަސްތާ ފަދަ ތަކެތި ޖައްސައިގެން ގެއަށް ފެން ނުވަންނާނެ ފިޔަވަޅުތައް އެޅުން.
▪︎ ފެން ޖެހި ހަލާކުވާނެ ފަދަ މުދަލާއި ތަކެތި ފެނުގެ އަސަރު ނުފޯރާނެ ފަދަ ތަންތަނަށް ބަދަލުކުރުން.
▪︎ އަލަށް އިމާރާތް ކުރަން ފަށައިފައިވާ ތަންތަނުގެ ރައްކާތެރިކަން ބެލެހެއްޓުން.
▪︎ މޫސުމާ ގުޅޭ ގޮތުން ޚަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކޮށް ސަރުކާރުން ފޯރުކޮށްދޭ މައުލޫމާތަށް ރައްޔިތުން ސަމާލުވުން.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!