ސައުދީގެ އިސްލާމިކް މިނިސްޓްރީއާ ގުޅިގެން ރާއްޖޭގައި ޕްރޮގްރާމްތަކެއް ހިންގަނީ

ރާއްޖޭގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި ސައުދީ ޢަރަބިއްޔާގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާ ގުޅިގެން ރާއްޖޭގައި ދީނީ ޕްރޮގްރާމްތަކެއް ބާއްވަން ނިންމައިފިއެވެ.
މިކަމުގެ މަޝްވަރާތައް ކުރެއްވުމަށް ސައުދީ ޢަރަބިއްޔާގެ އިސްލާމިކް މިނިސްޓްރީ އިން ރާއްޖެއަށް ވަނީ ވަފުދެއް ވަޑައިގެންފައެވެ. އެ ބޭފުޅުންނަށް ރާއްޖޭގެ އިސްލާމިކް މިނިސްޓްރީގެ މަސައްކަތްތަކާއި މަޝްރޫޢުތަކާއި އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާ ދާއިރާތަކާ ބެހޭ ގޮތުން މިއަދު ވަނީ މަޢުލޫމާތު ދީފައެވެ.
މިއަދު ބޭއްވި ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އެ ވަފުދަކީ އެންމެ ފަހުން ސައުދީ އަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅުގައި އެ މިނިސްޓްރީއާއެކު ބޭއްވުނު މަޝްވަރާތަކުގެ މަތިން ރާއްޖެއަށް ވަޑައިގެންނެވި ވަފުދެއް ކަމަށެވެ.
އެ މިނިސްޓްރީއާ ގުޅިގެން ކުރިޔަށްއޮތް ތަނުގައިވެސް ގިނަ އިލްމީ މަަސައްކަތްތައް ކުރައްވާނެ ކަމަށާއި އިލްމީ މަޝްރޫއުތަކުގެ މައިގަނޑު މަގްސަދަކީ އިސްލާމް ދީނުގެ ސައްހަ އަގީދާ މީސްތަކުންނަށް ބަޔާންކޮށްދީ، ރާއްޖޭގައި ދީނީ ހަރަކާތްތަކުގައި އުޅޭ ޒުވާނުންނާއި ޖަމިއްޔާ ޖަމާއަތްތަކަށް އިސްލާމްދީނުގެ އުސޫލުތަކާއި ގަވާއިދުތައް ކިޔައިދިނުން ކަމަށް މިނިސްޓަރ ޝަހީމް ވިދާޅުވިއެެވެ.