ވިލިމާލޭގައި އަޅާ ޓާޝަރީ ހޮސްޕިޓަލްގެ ސާވޭ އެއްބަސްވުމުގައި ސޮއިކޮށްފި
ވިލިމާލޭގައި ތަރައްގީ ކުރުމަށް ނިންމާފައިވާ 100 އެނދުގެ ހޮސްޕިޓަލާއި ގުޅޭ ފީސިބިލިޓީ ސްޓަޑީއާއި ދިރާސާތައް ހެދުމަށް، ރާއްޖެއާއި ޗައިނާއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ، މިނިސްޓާ ޑރ. އަބްދުﷲ މުއްތަލިބްއެވެ. އަދި ޗައިނާގެ ފަރާތުން ސޮއިކުރެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވާންގް ލީ ޒިންގްއެވެ.
މިއީ ރައީސް ޑރ މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ތަރައްގީ ކުރުމަށް ނިންމާފައިވާ ހޮސްޕިޓަލެކެވެ.
މި އެއްބަސްވުމުގެ ދަށުން ޕްރޮޖެކްޓްގެ އަމަލީ މަސައްކަތަށް ބޭނުންވާ ދިރާސާތައް ހެދިގެންދާނެއެވެ. އެގޮތުން ޕްރޮޖެކްޓްގެ ޓައިމްލައިނާ، ޑިޒައިން އަދި ދޭނެ ހިދުމަތްތަކާއި ގާއިމުކުރާނެ ވަސީލަތްތަކާ ގުޅޭ ދިރާސާ ކުރެވިގެންދާނެއެވެ. އަދި މިކަމަށް ހާއްސަ ޗައިނާގެ ޓީމެއް ވެސް ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައެވެ.
ވިލިމާލޭގައި 100 އެނދުގެ ހޮސްޕިޓަލެއް ގާއިމްކުރުމުގެ މަސައްކަތް ޗައިނާގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދާ ކަމަށް މިދިޔަ މާރޗް މަހު ރައީސް ވިދާޅުވިއެވެ.
ރައީސް އޮފީހުން ސިލްސިލާކޮށް ކުރިއަށް ގެންދިޔަ "ސުވާލާ ޖަވާބު" ޕްރޮގްރާމުގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ، ވިލިމާލޭގެ ސިއްހީ ހިދުމަތް ރަނގަޅުކުރުމަކީ އިސްކަންދެއްވަމުން އަންނަ ސިޔާސަތެއް ކަމަށެވެ. އަދި މިހާރު ހައްލު ނުވެ ހުރި މައްސަލަތައް ހައްލު ކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
"މިހާރު ކުރިއަށްދަނީ ޗައިނާގެ ކަމާއިބެހޭ އިދާރާގެ ބޭފުޅުންނާއި، އަޅުގަނޑުމެންގެ ކޮންސްޓްރަކްޝަން މިނިސްޓްރީއާއި ހެލްތް މިނިސްޓްރީއިން ގުޅިގެން ޑިޒައިނިންގް އާއި ޓެކްނިކަލް މަސައްކަތްތައް. އެކަމަށް ބިންވެސް ކަނޑައަޅާފަ އި މިހާރު އެޔޮތީ،" އޭރު ރައީސް ވިދާޅުވިއެވެ.
ހެލްތު މިނިސްޓަރު ޑރ އަބްދުﷲ ހަލީލް ވިދާޅުވެފައިވާ ގޮތުން ވިލިމާލޭގައި ގާއިމު ކުރާ 100 އެނދުގެ ހޮސްޕިޓަލުގެ މަސައްކަތް މިއަހަރު ފަށައި، ތިން އަހަރު ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.