"ޕަބްޖީ ކުޅެންފެށީ ބިޓެއް ހޯދަން، އެކަމަކު ލިބުނީ ބޮޓެއް"
ޕަބްޖީއަކީ ދިވެހި ޒުވާނުންގެ މެދުގައި މަގުބޫލު އޮންލައިން ގޭމެކެވެ. ކެއުމެއް ބުއިމެއް ނެތި އެ ގޭމު ކުޅުމުގައި ވަގުތުތައް ހޭދަކޮށްލާ ޒުވާނުން ވެސް މަދެއް ނޫނެވެ. މުޅި ދުވަހު އެހެން އެއްވެސް ކަމެއް ނުކޮށް ހަމައެކަނި ޕަބްޖީ ކުޅުމުގައި ހޭދަކޮށްލާ މީހުންނަކީ ވެސް މަދު ބައެއް ނޫނެވެ.
ޕަބްޖީ ކުޅެން ބައެއް ޒުވާނުން ފަށަނީ އެމީހުންގެ ރައްޓެހިންގެ ފަރާތުން އެ ގޭމް ކުޅެން ދަސްވެގެންނެވެ، ނުވަތަ ރައްޓެހިން އެ ގޭމް ކުޅުމަށް ބުނާތީއެވެ. މިއީ ވަރަށް އާދަޔާޚިލާފު ގޮތަކަށް ޕަބްޖީ ކުޅެން ފެށި ޒުވާނެއްގެ ވާހަކައެވެ. ރައްޓެހިން ޕަބްޖީއިން ލޯބިވެރިން ހޯދޭނޭ ކަމަށް ބުނުމުން ޕަބްޖީން ލޯބިވެރިއެއް ހޯދަން ޕަބްޖީ ކުޅެން ފެށި ޒުވާން ފިރިހެން ކުއްޖެއްގެ ވާހަކައެވެ.
"އަހަރެން ޕަބްޖީ ކުޅެން ފެށީ ރައްޓެހިން ޕަބްޖީން ރަނގަޅު ރީތި އަންހެން ކުއްޖަކު ލިބޭނޭ ބުނުމުންނެވެ. ޕަބްޖީގައި ވަރަށް ފަސޭހައިން ލޯބިވެރިން ހޯދޭނޭ ކަމަށް ބުނެ ރައްޓެހިން އަހަރެން ހައްދާލީއެވެ. އަހަރެންގެ ބޮލަށް އެރުނީއެވެ.
ކޮންމެއަކަސް ޕަބްޖީ ކުޅެން ފަށައި މާ ގިނަ ދުވަސްތަކެއް ނުވެ އަހަންނަށް ރީތި އަންހެން ކުއްޖަކާ ދިމާވެއްޖެއެވެ. އެއީ ކުރިން ވެސް އަހަރެން ސުކޫލުގައި އުޅުނު އިރު ވާހަކަ ދެއްކި ކުއްޖެކެެވެ. ރައްޓެހިންގެ ފަރާތުން އަހަރެން ޕަބްޖީ ކުޅެން ދަސްކޮށް ވަރަށް މޮޅަށް ޕަބްޖީ ކުޅެމުން ދިޔަ ދުވަސް ވަރެއްގައެވެ.
މި އަންހެން ކުއްޖާ އަހަރެންނާއެކު ޕަބްޖީ ކުޅެން ފެށިއެވެ. އެ ކުއްޖާ ޕަބްޖީ ކުޅެން ފެށީ އަލަށެވެ. އެންމެ ފުރަތަމަ ޕަބްޖީ މެޗެއް ވެސް ކުޅުނީ އަހަރެންނާއެކުގައެވެ. އަހަރެމެން ދެމީހުން އެކަކު އަނެކަކާ އެކު ޕަބްޖީގައި ގިނަ ވަގުތުތަކެއް ހޭދަކުރަމުން ދިޔައީމެވެ. އަހަރެންނާ އޭނާއާ ދެމެދު ރަނގަޅު ގުޅުމެއް އުފެދުނެވެ.
އެކުގައި ކޮފީިތަކަށް އަރައިވެސް ޕަބްޖީ ކުޅެން އަހަރެމެން ތިބެމެވެ. އޭނާއަށް މާ ރަނގަޅަށް ޕަބްޖީ ކުޅެން ނޭނގުނަސް އަހަރެން ޕަބްޖީ ކުޅޭ ހިތްވަނީ އޭނާއާއެކުގައެވެ.
އެއްދުވަހަކު އަހަރެމެން ދެމީހުން ޕަބްޖީ މެޗެއްގައި އޭނާ އެދުނީ އަހަރެންގެ އަތުގަައި އޮތް ބަޑިއެއް ދިނުމަށެވެ. "އެމް4 16" އެކެވެ. އެއީ އެ ގޭމުގައި އަހަރެން އެންމެ ގަޔާވާ ހަތިޔާރެެވެ. ކޮންމެއަކަސް އޭނާ އެދުނަސް އެ ބަޑި ނުދެވޭނެ ކަމަށް އަހަރެން ބުނީމެވެ. ފަހަރެއްގައި ވެސް އޭނާ ރުޅި އަންނާނެ ކަމަކަށް ނޫނެވެ.
ކަންތައްތައް ވެގެން ދިޔައީ އަހަރެން ހީކުރި ގޮތަކަށް ނޫނެވެ. އެ ހަތިޔާރު އޭނާއަށް ނުދިނުމުން އޭނާ އެ ކަހަލަ ހަތިޔާރެއް ހޯދުމަށް މަސައްކަތް ކުރިއެވެ. ނަމަވެސް އެ މަސައްކަތް އޭނާއަށް ކާމިޔާބެއް ނުވިއެވެ. ނަތީޖާއަކަށް ވީ އޭނާ އަހަރެން ދެކެ ހިތްހަމަ ނުޖެހުމެވެ. އަހަރެންނާ ވާހަކަ ދެއްކުން ހުއްޓާލީ ހަމަ އެ ހަތިޔާރު ނުދިނީތީއެވެ.
އަހަރެން ވަރަށް ދެރަވިއެވެ. ނަަމަވެެސް އެކުއްޖާ އަހަރެންނާ ވާހަކަ ނުދައްކާ އެތައް ދުވަހެއް ހޭދަކުރިއެވެ. ގާތްގަނޑަކަށް ހަފްތާއެއްހާ ދުވަސް ހޭދަކުރީ އަހަންނާ ވާހަކަ ނުދައްކާ ފޯނަށް ޖަވާބު ނުދީއެވެ. އަހަރެން މިވާހަކަތައް އަހަރެންގެ ރައްޓެހިންނާ ހިއްސާ ކުރީމެވެ. އެމީހުން ބުނީ ޕަބްޖީން އަހަންނަށް ތިޔަ ދިމާވީ ބިޓަކާ ނޫން ކަމަށެވެ. ބޮޓަކާ ކަމަށެވެ."
މިއަދު ވެސް އެ ދެ ޒުވާނުން ވާހަކަ ދައްކާ އެކުގައި ޕަބްޖީ ކުޅެ ހަދައެވެ. ނަމަވެސް އެ ޒުވާނާ މިހާރު ޕަބްޖީ ކުޅެނީ އެ އަންހެން ކުއްޖާ ބުނާ ގޮތް ހަދައިގެންނެވެ. ވާހަކަ ނުދައްކާ ހަފްތާއެއް ހޭދަކޮށްލީ ހަމަ "އެމް4 16" އެއް ނުދީގެން ވިއްޔާއެވެ. މިއީ ބިޓެއް ހޯދަން ޕަބްޖީ ކުޅެން ފެށި ނަމަވެސް ބޮޓަކާ ދިމާވި ޒުވާނެއްގެ ވާހަކައެކެވެ. ދިރިއުޅުމަށް އަމުދުން މިފަދަ ބޮޓުން އިޚްތިޔާރު ނުކުރާށެވެ.