ޚަބަރު

މިއަހަރުގެ މިނިވަން ދުވަސް ކުލަގަދަކޮށް ފާހަގަކުރަނީ، ހަވާ އަރުވާނެ

ރައުފާ ރަޝީދު ، ދެން އޮންލައިން

"ދިވެހިންގެ އަމިއްލަވަންތަކަން, ދިވެހިންގެ މިނިވަންކަން" މި ޝިޢާރާއެކު މިއަހަރުގެ މިނިވަންދުވަސް މުޅި ރާއްޖޭގައި ކުލަގަދަކޮށް ފާހަގަކުރުމަށް ތައްޔާރުވަމުންދާ ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

Ads by STELCO

އެ ވުޒާރާއިން މައުލޫމާތު ދީފައިވާ ގޮތުގައި މިނިވަން ދުވަސް ރަސްމީކޮށް ފަށާނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން ބާއްވަވާ ރަސްމީ ބައްދަލުކޮށްލެއްވުމަކުންނެވެ. އެއަށްފަހު 26 ވަނަ ދުވަހުގެ ހެނދުނު 6:00 ގައި މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ދިދަނެގުމުގެ ރަސްމިއްޔާތު އޮންނާނެއެވެ. އެންމެންގެ ބައިވެރިވުމާއެކު ދިދަ ވިހުރުވުމުގެ ހަރަކާތެއް ވެސް މިފަހަރު ބާއްވާނެއެވެ.

މާލޭގައި ދިދަނެގުމުގެ ރަސްމިއްޔާތު އޮންނާނީ ޖުމްހޫރީ މައިދާނުގައެވެ. އަތޮޅުތަކުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ކުރިއަށްގެންދާނީ އެރަށެއްގައި ހުރި ސަރުކާރުގެ އެންމެ އިސް ޢިމާރާތެއްގައެވެ.

މީގެ އިތުރުން ދަޢުލަތައް ހިދުމަތް ކުރެއްވި ހިދުމަތްތެރިންނަށް އިނާމާއި އެއްކޮށް މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ ބާއްވާނެ ކަމަށާއި ސްކޫލް ދަރިވަރުން ބައިވެރިކޮށްގެން ކުރިޔަށްގެންދަން ރާވާފައި ހުރި ހަރަކާތްތަކުގެ ތެރޭގައި މަޒްމޫނު ލިޔުމުގެ މުބާރާތާއި, ކުރެހުމުގެ މުބާރާތާއި ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތަކަށް ސްކޫލްތަކުން ހަތަރު އައިޓަމް ހުށަހެޅުން ހިމެނޭ ކަމަށް އެ ވުޒާރާއިން ބުންޏެވެ.

އަދި އިތުރު ހަރަކާތްތަކުގެ ތެރޭގައި ޑޮކިއު ޑްރާމާ, މިނިވަން ދުވުން, ފަންނާނުންގެ ޝޯ, ފިޔަވަތީގެ ކުދިންނަށް ހަވީރެއް, އިސްރަށްވެހިންގެ މައިޒާނުގެ ނަމުގައި ހަވީރެއް ބޭއްވުން, ފިލްމް ފެސްޓިވަލް, އެމްބަސީތަކުގައި ބާއްވާ ހަރަކާތްތައް, މިނިވަން ކާނިވާ, ޑްރޯން ޝޯ, ހަވާއެރުވުން, ފްލޯޓް ޕެރޭޑް, ސަގާފީ ޝޯ, ފުޑް ފެސްޓިވަލް, މިނިވަން ސޭލް ވެސް ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މިނިވަން ދުވަހުގެ ހަރަކާތްތައް ކުރިޔަށްގެންދަން ހަމަޖެހިފައިވަނީ ހަފްތާއެއްގެ މުއްދަތަށެވެ. އެއީ ޖުލައި މަހުގެ 24 އިން ފެށިގެން 31 ވަނަ ދުވަހާ ހަމައަށެވެ.

ދިވެހިރާއްޖޭގެ މިނިވަންދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޖުލައި މަހުގެ 26 ވަނަ ދުވަހެވެ. އެއީ 1965 ވަނަ އަހަރުގެ ޖުލައިމަހުގެ 26 ވަނަ ދުވަހު އިނގިރޭސިންގެ ހިމާޔަތުގެ ދަށުން ދިވެހި ރާއްޖެއަށް ފުރިހަމަ މިނިވަންކަން ހޯއްދަވައިދެއްވުމަށް އިނގިރޭސި ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު ރާއްޖެއަށް މިނިވަންކަން ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރެވުނު ތާރީހީ ދުވަހެވެ.

Ads by Ooredoo
  1. ޖފހޗ

    ފަލަސްދީންއަށް ހަދިޔާ ކުރުންވެސް މާ ރަނގަޅު