ބޮލީވުޑް މުނިފޫހިފިލުވުން

އަމްބާނީ ކައިވެނި: އާލިއާއާއި ރަންބީރުގެ ހާއްސަ ހުށަހެޅުމެއް ކްރޫޒްގައި އޮންނާނެ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
އަނަންތު އަމްބާނީ އާއި ރާދިކާ މާޗެންޓުގެ ކައިވެނި އޮންނާނީ އަންނަ ޖުލައި މަހު

އަނަންތު އަމްބާނީ އާއި ރާދިކާ މާޗެންޓުގެ ކައިވެނީގެ ހަފްލާއަށް ތައްޔާރުވަމުން ދާއިރު މާދަމާއިން ފެށިގެން ތިން ދުވަހުގެ ނިޔަލަށް އުފާ ފާޅުކުރުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންދާނެ އެވެ. މިއީ ޖުލައި މަހު އޮންނަ ކައިވެނީގެ ހަފްލާގެ ކުރިން ބާއްވާ ދެވަނަ އުފާފާޅުކުރުމެވެ.

Ads by Sosun Fihaara

މިފަހަރުގެ ހަރަކާތްތައް ކުރިއަށް ގެންދަނީ ލަގްޝަރީ ކްރޫޒެއްގަ އެވެ. މި ކްރޫޒް ދަތުރު ކުރާނީ އިޓަލީން ފްރާންސް އަށެވެ. ޖުމްލަ 800 މެހެމާނުންނަށް ދައުވަތު އެރުވިގެން ކުރިއަށް ގެންދާ މި ހަފްލާގައި 600 މުވައްޒަފުން ކްރޫޒުގައި ހަރަކާތްތެރިވާނެ އެވެ.

ކްރޫޒް ހަރަކާތުގައި ބައިވެރިވުމަށް ބައެއް މެހެމާނުން މިހާރު ފުރަން ފަށާފައިވާއިރު، މިއަދު ހެނދުނު ބޮލީވުޑް ތަރި ރަންބީރު ކަޕޫރާއި އާލިއާ ބަޓް އަދި ދަރިފުޅު ރާހާ ކަޕޫރު ވަނީ މުމްބާއި އެއާޕޯޓުން ފެނިފަ އެވެ. މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން މިތަރިން ދަތުރު ކުރަނީ ކްރޫޒްއަށެވެ. އަދި ކްރޫޒްގައި މި ދެތަރިންގެ ހާއްސަ ހުށަހެޅުމެއް އޮންނާނެކަމަށްވެސް ރިޕޯޓުތައް ބުނެ އެވެ.

ކްރޫޒް ހަރަކާތަށް އަމްބާނީ އާއިލާއިން ދައުވަތު ދިނީ ބޮލީވުޑްގެ މަދު ފަންނާނަކަށެވެ. ރަންބީރް އާއި އާލިއާ އަކީ އަމްބާނީގެ އަންހެން ދަރި އީޝާ އަމްބާނީގެ ވަރަށް ގާތް ރަހުމަތްތެރިންނެވެ. ރަންބީރާއި އާލިއާގެ އިތުރުން ޝާހުރުކް ހާން، ސަލްމާން ހާން އަދި އާމިރު ހާން ކްރޫޒް ހަރަކާތްތަކުގައި ބައިވެރިވާނެކަމަށް މައުލޫމާތު ލިބެ އެވެ.

އަނަންތުއާއި ރާދިކާގެ ކައިވެނި ހަފްލާ އޮންނާނީ އަންނަ ޖުލައި މަހު އެވެ. މި ހަފްލާގެ ތީމްއެއް އޮންނާނެ ތަނެއް އަދި ނޭނގެ އެވެ. އެހެންނަމަވެސް މިއީ މުޅި އޭޝިއާގައި ބާއްވާ އެންމެ އަގުބޮޑު ކައިވެނި ހަފްލާއަށް ވާނެކަމަށް އޮތީ ލަފާކުރެވިފަ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!