ޚަބަރު

ހެލިކޮޕްޓަރު އޮޕަރޭޓްކުރާނެ ބަޔަކު ހޯދަން އަންނަ ހަފްތާގައި އިއުލާނުކުރަނީ

އަލީ ސަމާޙް ، ދެން އޮންލައިން
ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން

ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ދިނުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ގާތްގަނޑަކަށް ނިމިފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

މި ސަރުކާރުގެ ހަ މަސް ދުވަހު، ޓްރާންސްޕޯޓް މިނިސްޓްރީން ކުރެވުނު މަސައްކަތްތަކާއި އަދި ކުރިއަށް ރާވާފައިވާ ކަންތައްތަކުގެ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ޕްރެސް ބްރީފިންއެއްގައި މިނިސްޓަރު އަމީން ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަން 7.8 ޕަސެންޓް، އަހަރަކުން އަހަރަށް އިތުރުވަމުން އަންނަނަމަ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އަލަށް ހަދާ ޑިޕާޗާ ޓާމިނަލްއާ އެކު ވައިގެ ދަތުރުފަތުރަށް އިތުރު ގޮތްތަކެއް ހޯދަން ޖެހޭ ކަމަށެވެ.

"ސީޕްލޭންގެ އުދުހުމުގެ ނިޒާމު އޮތް ގޮތުން ދުވާލު އެކަނި މިކަން ކުރަނީ. ހެނދުނު 6 އިން ރޭގަނޑު 6 އަށް. އެކަމަކު ޓޫރިސްޓު ދާން ބޭނުންވޭ ރިސޯޓުތަކަށާއި އެހެނިގެން މަންޒިލްތަކަށް ރޭގަނޑުވެސް" އަމީން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ހެލިކޮޕްޓަރު އޮޕަރޭޝަން ފެށުމަށް ސަލާމަތާއި ރައްކާތެރިކަން ބެލުމަށްޓަކައި އެކަމުގެ އެންމެ ތަޖުރިބާ ހުރި އިނގިރޭސިވިލާތުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީއޭއޭ) އިން ސްޓަޑީއެއް ހަދާފައިވާ ކަމަށެވެ. ހެލިކޮޕްޓަރުގެ ހިދުމަތް ދޭނީ އެ އެ ސްޓްޑީޒްގައި ބުނާ މިންގަނޑުތަކަށް ކަމަށް ވިދާޅުވި އެވެ.

އެކަމަކު އެ ހިދުމަތް ދޭނެ ބަޔަކު ހޯދަން އިއުލާން ނުކުރެވިގެން އުޅެނީ ގާނޫނީ ގޮތުން ފިނޭންސް މިނިސްޓްރީން ނިންމަން ޖެހޭ ކަންތައްތަކެއް އޮތުމުންނެވެ. ނަމަވެސް ބަންޑާރަ ނައިބުގެ ލަފައާއެކު އެކަންތައް މިހާރު ކުރިއަށްދާކަން އަމީން ހާމަކުރެއްވި އެވެ.

"މިހަފްތާ ނިމޭއިރުގައި ނޫނީ މި އަންނަ ހަފްތާ މެދުތެރެއަށްދާއިރު ފިނޭންސް މިނިސްޓްރީން ނިންމާނެ" އަމީން ވިދާޅުވި މިނިސްޓްރީގެ ނިންމުމާއެކު އެކަން ކޮށްދޭނެ ބަޔަކު ހޯދަން ސަރުކާރުގެ ގެޒެޓްގެ އިތުރުން ބައިނަލްއަގްވާމީ ޕްލެޓްފޯމް ތަކުގައި ޝާއިއުކުރެވިގެންދާނެ ކަމަށެވެ. އަދި އެ ހިދުމަތްދޭނެ ރަނގަޅު ބަޔަކު ރާއްޖެ ގެނެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގައި ސަލާމަތާއި ރައްކާތެރިކަމާއެކު، އަލުން ހެލިކޮޕްޓަރު އުދުއްސުމުގެ ހިދުމަތް ތައާރަފުކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާއާއެކު ރައީސް ޑރ މުހައްމަދު މުއިއްޒު ނިންމެވީ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!