ދިވެހި ޤައުމިއްޔަތު މަޝްރޫޢުގެ ވިލަރެސްވެރީންނަށް ނޫސްވެރިކަމުގެ ތަމްރީން ކޯހެއް ފަށައިފި
ދިވެހި ޤައުމިއްޔަތު މަޝްރޫޢުގެ ވިލަރެސްވެރީންނަށް އަމާޒުކޮށް، ނޫސްވެރިކަމުގެ ކުރު ތަމްރީނު ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ.
މި މަހުގެ 2 އިން 12 ގެ ނިޔަލަށް ކުރިއަށް ގެންދާ، މި ކޯހުގައި ކިޔަވައިދެއްވާނީ ނޫސްވެރިކަމުގެ ދާއިރާގައި ރާއްޖޭގައި ތިއްބެވި އެންމެ ތަޖުރިބާކާރު ބޭފުޅުންނެވެ.
އެއީ ނޫސްވެރިކަމުގައި 25 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވައި، ނޫސްވެރިކަން ނުވަތަ ލިޔުންތެރިކަމުގެ ރޮނގުން ޤައުމީ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅުންނެވެ. މި ތަމްރީން ޕްރޮގްރާމް ކުރިއަށް ދާނީ ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގައެވެ.
ކޯހުގައި ކިޔަވައިދެއްވާނެ ބޭފުޅުންނަކީ؛
- "އަދިވެސް އޮންލައިން"ގެ ސީ.އީ.އޯ އެޑިޓަރު މުޙައްމަދު ޝަހީބާ ("ހަވީރު" ނޫހުގެ ކުރީގެ އެޑިޓަރު)
- "ދައުރު" ގެ ޗީފް އެޑިޓަރު މޫސާ ލަތީފު ("ހަވީރު"ގެ ކުރީގެ ޗީފް އެޑިޓަރު)
- "ވަން" ގެ ސީއީއޯ އަދި ޗީފް އެޑިޓަރު ސިނާން އަލީ ("ސަން" ގެ ކުރީގެ ޗީފް އެޑިޓަރު)
- "ސަން މީޑިއާ" ގެ ސީއީއޯ މުހައްމަދު އާސިފު (މޮންދު) (ވީމީޑިއާގެ ކުރީގެ ސީއީއޯ)
- "ވީމިއާ" ގެ ކުރީގެ އެޑިޓަރު އިމާދު ލަތީފު
- ގައުމީ އަރުޝީފުގެ ޑިރެކްޓަރު ޖެނެރަލް މުހައްމަދު އާމިރު (ބަހުގެ އުސްތާޒެއް)
މި ކޯހުގައި ކިޔަވައިދޭ މައިގަނޑު ބައިތަކުގެ ތެރޭގައި ޚަބަރު ދެނެގަންނާނެ ގޮތާއި، ޚަބަރު އެކުލަވައިލައި ލިޔާނެ ގޮތާއި، އިންޓަވިއު ކުރާނެ ގޮތާއި ފީޗާ ރިޕޯޓް ލިޔާނެ ގޮތްތައް ހިމެނެއެވެ.
ނޫސްވެރިކަމުގެ އަޚުލާޤާ ބެހޭ ގޮތުންނާއި ކާމިޔާބު ނޫސްވެރިއަކަށް ވުމުގެ ޢަޒުމާއި ހިތްވަރުގެ މައްޗަށާއި ތަރުޖަމާ ކުރުމުގެ ފަންނުގެ މައްޗަށާއި ނޫސްވެރިކަމުގެ ބަހުގެ ހަމައިގެ މައްޗަށާއި ނިއުސްރޫމް މެނޭޖްމަންޓުގެ މައްޗަށާއި ފޮޓޯ އަދި ވީޑިއޯ ޖާނަލިޒަމްގެ މައްޗަށާއި މީޑިއާގެ ތަފާތު ވައްތަރުތަކުގެ މައްޗަށާއި ފޭކް ނިއުސްގެ މައްޗަށްވެސް މި ތަމްރީން ޕްރޮގްރާމްގައި ބައްލަވާނެއެވެ.