ވޭވަށު ހިރިގަލު މިސްކިތް ހިމާޔަތްކުރަން މިނިސްޓްރީއާއެކު މަޝްވަރާ ކޮށްފި
މ. ވޭވަށުގައި ހުރި 500 އަހަރުވީ ހިރިގަލުގެ މިސްކިތް ހިމާޔަތްކޮށް އެތަނުގެ އާސާރު ރައްކާތެރިކުރުމަކީ ބޮޑު އަހަންމިއްޔަތުކަމެއް ދޭ ކަމެއްކަމަށް ވާތީ، އެކަން ކުރުމަށް ސަގާފަތާއި ބެހޭ ވުޒާރާގެ އެހީތެރިކަމަށް އެ އަތޮޅު ކައުންސިލުން އެދި މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ސަގާފަތާއި ތަރިކައާއި ބެހޭ ވުޒާރާގައެވެ. މި ބައްދަލުވުމުގައި ވަޒީރު އާދަމް ނަސީރު އިބްރާހިމް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މ އަތޮޅު ކައުންސިލްގެ ނާއިބު ރައީސް އަޙްމަދު ނިޝާންގެ އިތުރުން، ކައުންސިލް މެންބަރުންނާއި ސެކެޓްރީ ޖެނެރަލް ބައިވެރިވެވަޑައިގެންނެވިއެވެ.
އެ ބައްދަލުވުމުގައި އެ އަތޮޅުގެ ރަށްތަށުގައި ހުރި މި ވުޒާރާއާ ގުޅުން ހުރި ދާއިރާތަކާ ގުޅޭ މައްސަލަތަކާއި ދަތިތައް ވަޒީރާ ހިއްސާކުރެވުނު ކަމަށް ސަގާފީ ތަރިކައާ ބެހޭ ވުޒާރާއިން ބުންޏެވެ. އަދި އެ އަތޮޅުގެ އާސާރީ ސަގާފަތް ދިރުވައި އާލާ ކުރުމަށް ދެފަރާތް ގުޅިގެން ކުރެވެން ހުރި މަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެވުނެވެ.
އެގޮތުން، އެއަތޮޅުގެ ހުރިހާ ރަށެއްގައި ހުރި އާސާރީ ތަންތަނަށް ރަސްމީ ޒިޔާރަތެއް ކުރެއްވުމަށް ކައުންސިލުން ވަޒީރަށް ދައުވަތުވެސް ވަނީ ދީފައެވެ. އަދި ވަޒީރު ވަނީ މި ދައުވަތު ގަބޫލުކުރައްވާފައެވެ.
މި ޒިޔާރަތުގައި މިތަންތަނާ ބެހޭ ފަހުގެ ދިރާސާތައް ކުރެއްވުމާއި އަދި އެދިރާސާތައް އަރުޝީފު ކުރެވޭނޭ ނިޒާމެއް އޮތުމުގެ މުހިންމުކަންވެސް އެ ބައްދަލުވުމުގައި ކައުންސިލުން ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވަޒީރު ވަނީ، ތާރީހާ ސަގާފަތް ހިމާޔަތް ކުރަން ކުރާ މަސައްކަތާއި ވިސްނާ ވިސްނުމުގައި، ރާއްޖެއަށް އެކަނި ހާއްސަ ދަނޑުގޮވާމާއި، ކުޅިވަރާއި ކެއްކުން ފަދަ، ތަބީއީ ތަރިކަ ރައްކާ ކުރުމަށް އިސްކަން ދެއްވުމަށް އެދިވަޑައިގެންފައެވެ.
އެގޮތުން، މަޑުއްވަރީގެ “އުޅަމަތިހިފުން ކުޅިވަރު” ދިރުވަން ކުރެވުނު މަސައްކަތް ކައުންސިލުން ވަނީ ވަޒީރާ ހިއްސާ ކުރެއްވާފައެވެ. މިކުޅިވަރު މަދަރުސާ ކުދިންނަށް ދަސްކޮށްދީ ކުޅިވަރު ގެއްލުނަނުދީ ދިރުވަން މަސައްކަތް ކޮށްފައިވާކަން ކައުންސިލުން ފާހަގަކުރެއްވިއެވެ. އަދިމި ކުޅިވަރު އާކައިވް ކުރުމުގައި ވުޒާރާގެ އެހީތެރިކަން ބޭނުންވާނެ ކަމުގައި ވެސް ކައުންސިލުން ފާހަގަކުރިއެވެ.