ޚަބަރު

ޝާހިދުގެ މަރުހަބާ މޯދީއަށް: "އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން އެބައޮތް"

މަރިޔަމް އުމްނާ އިސްމާޢިލް ، ދެން އޮންލައިން

އިންޑިއާގެ ބޮޑުވަޒީރުކަން ތިން ވަނަ ދައުރަކަށް ކާމިޔާބުކުރެއްވި ނަރެންދްރަ މޯދީއަށް، އެ ގައުމާ އަބަދުވެސް ގާތް ގުޅުމެއް ބާއްވާ އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މަރުހަބާ ވިދާޅުވެ، އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވިދާޅުވެއްޖެ އެވެ.

Ads by STELCO

މިއަދު ބޭއްވި އިންޑިއާގެ އާންމު އިންތިހާބުގައި އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ތިންވަނަ ދައުރެއް ދިފާއުކުރައްވާފަ އެވެ. އެއާއެކު މީގެ ކުރިން އދ.ގެ އާއްމު މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި ޝާހިދު ވަނީ މޯދީއަށް މަރުހަބާ ވިދާޅުވެ 'އެކްސް'ގައި ޕޯސްޓެއް ކުރައްވާފަ އެވެ.

"ތިބޭފުޅާގެ ޒައާމަތުގައި، އިންޑިއާއިން ވަނީ ރާއްޖޭގެ އިތުރުން މުޅި މި ސަރަހައްދާއި އޮތް ގުޅުން ވަރަށް ބޮޑަށް ރަނގަޅުކޮށްފަ. އަޅުގަނޑަށް ޔަގީން، މިކާމިޔާބީތަކާއެކު މިހާރަށްވުރެ ބޮޑަށް އެއްބާރުލުން ލިބިވަޑައިގަންނަވާނެކަމުގެ ޔަގީންކަން އެބައޮތް،" ޝާހިދު ލިޔުއްވާފައިވެ އެވެ.

ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމާއި ދެ ފަހަރު މަތިން ފޮރިން މިނިސްޓަރުކަން ކުރައްވާފައިވާ ޝާހިދުގެ ޕޯސްޓުގައި ދެން ފާހަގަ ކުރެއްވީ، އިންޑިއާގެ އާއްމު އިންތިހާބަކީ ދުނިޔޭގެ ޑިމޮކްރެސީގެ އެންމެ ބޮޑު ހަރަކާތް ކަމެވެ.

ޑިމޮކްރަސީ ދެމެހެއްޓުމަށް ކުރަަމުންދާ މަސައްކަތަށް އިންޑިއާގެ ރައްޔިތުންނާއި މުއައްސަސާތަކަށް ތައުރީފު ކުރައްވައި ލިޔުއްވި އެވެ.

ބޮޑު ވަޒީރު ކަމުގެ ތިން ވަނަ ދައުރެއް ދިފާއު ކުރެއްވި ނަމަވެސް އިންޑިއާގެ ލޯކް ސަބާގެ އިންތިހާބުގައި އެމަނިކުފާނުގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އަށް އަގުލަބިއްޔަތު ނުލިބޭނެ ކަން މިހާތަނަށް ގުނި ވޯޓުން ޔަގީންވާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.

ތިންވަނަ ދައުރު މޯދީ ކަށަވަރުކުރެއްވީ އެ ޕާޓީއާ ގުޅިފައިވާ އެހެން ޕާޓީތަކާ އެކު ކޯލިޝަން ސަރުކާރެއް އުފައްދާ ގޮތަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!