ޚަބަރު

ފޮރިން މިނިސްޓަރު ޒަމީރު ލަންކާގެ ރައީސްއާ ބައްދަލުކުރައްވައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ސްރީލަންކާއަށް ކުރަައްވަމުންގެންދަވާ ރަސްމީ ދަތުރުގައި ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު، އެ ގައުމުގެ ރައީސް ރަނިލް ވިކްރަމަސިންހައާ މިރޭ ބައްދަލުކުރައްވައިފިއެވެ.

Ads by Hajj Corporation

އެ ބައްދަލުކުރެއްވުމަށް ފަހު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ޒަމީރު ވަނީ އިޖްތިމާއީ އަދި އިގްތިސާދީ ކުރިއެރުމަށް ލަންކާއިން، ރާއްޖެއަަށް ދެމުންދާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރާނެ ކަމުގެ ޔަގީންކަންވެސް ދީފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ފޮރިން މިނިސްޓްރީން ބުނީ، ދެ ބޭފުޅުންގެ ދެމެދު ބޭއްވި ބައްދަލުވުމުގައި ރަނިލް ވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ރަހުމަތްތެރިކަން ފާހަގަކޮށް އެ ކަމަށް ޝުުކުރު އަދާކުރައްވާފައި ކަމަށެވެ.

މިނިސްޓަރު ޒަމީރު ވަނީ ލަންކާގެ ޕާލަމެންޓް މެންބަރު އަދި ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސްގެ ދަރިކަލުން ނަމަލް ރާޖަޕަކްސައާވެސް ބައްދަލުކުރައްވާފައެވެ.

މިނިސްޓަރު ޒަމީރު ލަންކާއަށް ވަޑައިގެންނެވީ އެ ގައުމުގެ ފޮރިން މިނިސްޓަރުގެ ދައުވަތަކަށް، ތިން ދުވަހަށެވެ. ދެ ގައުމުގެ ފޮރިން މިނިސްޓަރުންގެ ދެމެދު ރަސްމީ މަޝްވަރާތައް މިއަދު ބާއްވާފައިވާއިރު ގުޅުން ބަދަހިކުރުމާއި ގުޅޭ ގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާތަކެއް ކޮށްފައިވެއެވެ. އަދި ރާއްޖެއަށް ރަސްމީ ދަތުރެއްގައި ވަޑައިގަތުމުގެ ދައުވަތު، ޒަމީރު ވަނީ ލަންކާގެ ފޮރިން މިނިސްޓަރު އަލީ ސަބްރީ އަށް ދީފައެވެ.

ޒަމީރު ސްރީލަންކާއަށް ކުރެއްވި މި ރަސްމީ ދަތުރުފުޅަކީ، މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ސްރީލަންކާއަށް ކުރެއްވި ފުރަތަމަ ދަތުރެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!