މި އަހަރުގެ އަމީރުލް ހައްޖަކީ އެޑިއުކޭޝަން މިނިސްޓަރު

މި އަހަރު ރާއްޖެއިން ދިޔަ ހައްޖުވެރިންގެ އަމީރުލް ހައްޖުގެ ގޮތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ހަމަޖައްސައިފިއެވެ.
މިކަން ހާމަކުރެއްވީ މިއަދު އެއާޕޯޓުގައި ބޭއްވި ޕްރެސް ބްރީފިންގައި އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު އެވެ. މިނިސްޓަރު ޝަފީއުއާ އެކު ޝަހީމް ވެސް ހައްޖަށް ވަޑައިގަންނަވާނެ އެވެ.
"މިއަހަރު ދިވެހި ރާއްޖޭގެ ހައްޖާޖީންގެ ކަންތައްތަކުގެ އިސްކޮށް ވަޑައިގަންނަވާ ބޭފުޅެއްގެ ގޮތުގައި ރައިސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވީ މިނިސްޓާ އޮފް އެޑިއުކޭޝަން ޑރ. އިސްމާއިލް ޝަފީއު. އެހެންމަ އިސްމާއިލް ޝަފީއު އަޅުގަނޑާއެއްކޮށް މިއަދު ފުރާވަޑައިގަންނަވާނެ ފްލައިޓުގައި" މިއަދު ފުރި 150 ހައްޖާޖީންގެ ތެރޭގަައި ދެ މިނިސްޓަރުން ވެސް ހިމެނިވަޑައިގަންނަވާކަން ފާހަގަކުރައްވަމުން ޝަހީމް ވިދާޅުވި އެވެ.
ރާާއްޖެއިން ހައްޖަށް ދާ އެންމެ ފަހު ގްރޫޕާއެކު ހައްޖަށް ފުރާވަޑައިގެންނެވުމުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްވަމުން ވިދާާޅުވީ މިއަހަރު ހައްޖުވެރިން ފުރުމުގެ އިންތިޒާމްތައް ހަމަޖެހިފައިވަނީ ވަރަށް އަމާން އޮމާންކޮށް ކަމަށެވެ. އެގޮތުން މިއަހަރު މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ އެހީގައި 1150 މީހުން ހައްޖު ކުރާނެ ކަމަށެވެ. މިއީ މިހާތަނަށް އެ ކޯޕަރޭޝަންގެ ބެލުމުގެ ދަށުގައި މިހާ ގިނަ އަދަދެއްގެ މީހުން ހައްޖުވާ ދެވަނަ ފަހަރެވެ.