ރައީސް މުއިއްޒު އިންޑިއާގެ ރައީސްއާ ބައްދަލުކުރައްވައިފި
އިންޑިއާގެ ރައީސް ދްރޫޕަޑީ މުރުމޫ އާއި ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރައްވައިފި އެވެ.
ރައީސް މުއިއްޒު މިހާރު އުޅުއްވަނީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ތިން ވަނަ ދައުރަކަށް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް އެ ގައުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގަ އެވެ. މިއީ އެމަނިކުފާނު ރައީސްކަމާ ހަވާލުވެވަޑައިގެންނެވިފަހުން އިންޑިއާއަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.
އާ ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންތަކެއް މޯދީއަށް ކުޑައިމީސްކޮށް ސޯޝަލް މީޑިއާގައި ޕޯސްޓުތަކެއް ކުރިފަހުން ދެ ގައުމުގެ ގުޅުން ހީނަރުވެފައި އޮތް މި ދަނޑިވަޅުގައި ރައީސާއި އެކު ސަރުކާރުގެ އިސް ބޭފުޅުން އެ ގައުމަށް ވަޑައިގެންނެވީ އެ ގުޅުން ރަނގަޅުކުރުމުގެ މަގްސަދުގަ އެވެ.
އެގޮތުން، ދެ ގައުމުގެ ރައީސުން ވަނީ ނިއު ދިއްލީގައި ހުންނަ އެ ގައުމުގެ ރައީސްގެ ގެކޮޅު ކަމަށްވާ ރަޝްތުރަޕަތީ ބަވަންގައި ބައްދަލުކުރައްވާފަ އެވެ.
"އެ ބައްދަލުވުމުގައި ދެ ރައީސުން ވެސް ވަނީ ދެ ގައުމުގެ ކުރިއެރުމަށްޓަކައި އެކުގައި މަސައްކަތް ކުރުމުގެ މުހިއްމުކަން ފާހަގަކުރައްވާފަ" މި ބައްދަލުވުމާ ގުޅިގެން ރައީސް އޮފީހުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައި ވެއެވެ.
މީގެކުރިން ރާއްޖޭގެ ރައީސުން އެންމެ ފުރަތަމަ ރަަސްމީ ދަތުފުޅުކުރައްވަނީ އިންޑިއާ އަށެވެ. އެއާ ހިލާފަށް ރައީސް މުއިއްޒު އެންމެ ފުރަތަމަ ރަސްމީ ދަތުރުފުޅެއް ކުރެއްވީ ޗައިނާއަށެވެ.