ޚަބަރު

ޝަރުތު ހަމަވި 1015 ދަރިވަރަކަށް ސްޓޫޑެންޓް ލޯން ދޭން ނިންމައިފި

މަރިޔަމް އުމްނާ އިސްމާޢިލް ، ދެން އޮންލައިން

ރާއްޖެއިން ބޭރުން މަތީ ތައުލީމާއި ތަމްރީނު ހޯދުމަަށް ލޯނަަށް އެދި 1709 ދަރިވަރުން ފޯމު ހުށަހަޅާފައިވާ ކަމަށާއި އޭގެ ތެރެއިން 1153 ދަރިވަރުން ލޯނަށް ޝަރުތުހަމަވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފި އެވެ.

Ads by MWSC

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ ސްޓޫޑެންޓް ލޯނަށް ހުޅުވާލި 500 ޖާގައަށް 1700 އަށް ވުރެ ގިނަ ފޯމު ލިބިފައިވާ ކަމަށެވެ. އޭގެ ތެރެއިން 1100 އަށް ވުރެ ގިނަ ކުދިންގެ ޝަރުތުހަމަވާއިރު އެ ހުރިހާ ކުދިންނަށް ފުރުސަތު ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފަ އެވެ.

އެ މިނިސްޓްރީން އިތުރަށް ބުނީ، މި އަހަރުގެ ލޯނު ސްކީމް މިހާތަނަށް 1015 ދަރިވަރުން ހޮވާފައިވާ ކަމަށެވެ. އަދި އެ މީހުންނަށް އަންނަ ބުރާސްފަތި ދުވަހު ލޯނަށް ހޮވިފައިވާ ކަމުގެ "ސްޕޮންސާ ލެޓާ" ލިބިގެންދާނެ ކަމަށެވެ.

ރާއްޖޭގައި މަތީ ތައުލީމު ހާސިލުކުރުމަށް އެންމެ ޑިމާންޑު ބޮޑީ އޭވިއޭޝަން ދާއިރާއަށެވެ. އެގޮތުން ފާއިތުވެދިޔަ އަހަރު، 500 އަށްވުރެ ގިނަ ދަރިވަރުންނަށް ރާއްޖެއިން ބޭރުން ޕައިލެޓް ލައިސެންސަށް ކިޔެވުމަށް ލޯނު ދީފައިވެ އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ މަރިޔަމް މާރިޔާ ވިދާޅުވީ މިހާ ގިނަ ފުރުސަތު، އެއް ދާއިރާއަކުން ކިޔެވުމަށް ދިނުމުން ދަރިވަރުންނާއި، ބެލެނިވެރިންނާއި، ކަމާ ބެހޭ އެކިއެކި އިދާރާތަކުން ގިނަގުނަ ޝަކުވާތަކާއި ކަންބޮޑުވުންތައް މި މިނިސްޓްރީއާ ހިއްސާކޮށްފައިވާ ކަމަށެވެ. އަދި ދަރިވަރުންނަށް ޕްލޭސްމަންޓާއި ވިސާ ލިބުމުގައި ވަރަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވަމުންދާއިރު އެހާ ގިނަ ދަރިވަރުނަތަކެއް އެއްފަހަރާ އެއް ދާއިރާއަކުން ކިޔަވައި ނިމިގެން އައުމުން ވަޒީފައި ހޯދުމުގައި ދަތިތަކާ ކުރިމަތިލާންޖެހުމަކީ އެކަށީގެންވާ ކަމެއްކަން ވެސް ފާހަގަކުރެއްވި އެވެ.

އެހެންވެ، މި އަހަރު ޕައިލެޓް ލައިސެންސަށް ކިޔެވުމަށް ލޯނުދޭން ހުޅުވާލީ އެންމެ 10 ފުރުސަތެވެ. އެއީ ރާއްޖޭގެ ފްލައިން ސްކޫލްގައި ކިޔެވުމަށެވެ. މި ސްލޮޓަށް ޝަރުތުހަމަވާ 148 އެޕްލިކޭޝަން ލިބުނު ނަމަވެސް މިނިސްޓަރު ވިދާޅުވި ގޮތުގައި އެ ފުރުސަތު ދިނުމަށް ނިންމީ މެރިޓް އުސޫލުން އެންމެމަތިން މާކްސް ހޯދާ 10 ދަރިވަރުންނަށެވެ. އަދި އެ ފުރުސަތައް އެދި ހުށަހަޅާފައިވާ ދަރިވަރުންގެ ތެރެއިން، ޝަރުތު ހަމަވާ އެހެން ހުރިހާ ދަރިވަރުން، މިއަހަރު އިއުލާންކޮށްފައިވާއި ދާއިރާތަކާއި ސްލޮޓްތަކުގެ ތެރެއިން އެދަރިވަރަކު ޝަރުތުހަމަވާ ސްލޮޓަކަށް ބަދަލުވުމުގެ އިހުތިޔާރު ދިނުމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ:

  • ޕައިލެޓް ލައިސެންސްގެ ސްލޮޓަށް ކުރިމަތިލީ ފަރާތްތަކުގެ ވަގުތީ ނަތީޖާ މިނިސްޓްރީގެ ވެބްސައިޓުން ފެންނާނެ ކަމަށް
  • އެހެނިހެން ސްލޮޓްތަކަށް ކުރިމަތިލީ ފަރާތްތަކުގެ ނަތީޖާ މިނިސްޓްރީގެ "މައި އެޑިޔު ޕޯޓަލް " އިން ފެންނާނެ
  • ނަތީޖާގައި ޑިސްކޮލިފައިވި ދަރިވަރުން ޑިސްކޮލިފައިވި ސަބަބު ބަޔާން ކޮށްފައިވާނެ؛ ނަތީޖާ އާއި މެދު ޝަކުވާ ހުށަހެޅުމަށް  މިއަދުން ފެށިގެން މި މަހުގެ 25 އާ ދެމެދުގެ މުއްދަތެއް ލިބޭނެ
  • ޝަކުވާ ހުށަހަޅަންވީ އީމެއިލް: [email protected]

ސްޓޫޑެންޓް ލޯން ސްކީމްގެ ދަށުން ހާއްސަ އެހީއަށް އިސްކަން ދޭން ވެސް ވަނީ ނިންމައިފައެވެ. މިއީ ޑިޕްލޮމާ އިން ފެށިގެން ޕީއެޗްޑީއާ ހަމައަށް ކިޔެވުމަށް ރާއްޖެއިން ބޭރުން ދޭ ފުރުސަތުތަކެކެވެ.

އޭގެ އިތުރުން މަތީ ތައުލީމަށް ދޫކުރާ ލޯނުގެ 50 ޕަސެންޓު، އެންމެ ޓެކްނިކަލް ދާއިރާތަކަށް ހާއްސަކުރަން ވެސް ނިންމާފައިވާއިރު ހައިލީ ޓެކްނިކަލް ދާއިރާތަކުގެ ތެރޭގައި ހިމެނެނީ އިންޖީނިއަރިން އާއި ސުޕަ ސްޕެޝަލައިޒޭޝަން އަދި ކޯޑިން ފަދަ ދާއިރާތަކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!