ޚަބަރު

ގައުމުގެ މަސްލަހަތު ގެއްލޭ ކަންކަމަށް ސިޔާސީ ޕާޓީތަކުން ހިތްވަރު ނުދީ: ޝަރީފް

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ސިޔާސީ ޕާޓީތަކުން ގައުމުގެ މަސްލަހަތު ގެއްލޭ ކަންކަމަށް ހިތްވަރު ނުދިނުމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ގޮވާލައްވައިފިއެވެ.

Ads by MWSC

ޝަރީފް މިހެން ވިދާޅުވީ  ޗެނަލް13 އިން ބްރޯޑްކާސްޓު ކުރި "ރައްޔިތުންގެ އަޑު" ޕްރޮގްރާމްގައި އެ ޕްރޮގްރާމަށް ގުޅި ބައިވެރިއަކު ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ހަށިކޮޅުގައި ހުޅު ޖެހުމަށް ގޮވާލި ކަމަށް ބުނާ މައްސަލަ އާ ގުޅިގެންނެވެ.

 

މި މައްސަލަ ފުލުހުން އަންނަނީ މިހާރު ތަހުގީގު ކުރަމުންނެވެ.

މިކަމާ ގުޅިގެން އެކަމަކީ އެސްޓޭޝަނުން ގުޅިގެން ކޮށްފައިވާ ކަމެއް ކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ މީސްމީޑިއާގައި ނުރުހުން ފާޅު ކޮށްފައެވެ. ޗެނަލް 13 ބަންދު ކުރުމަށާއި، އެސްޓޭޝަނާއިމެދު ފިޔަވަޅު އެޅުމަށް ވެސް ބައެއް ފަރާތްތަކުން ވަނީ ގޮވާލާފައެވެ. ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން މީސްމީޑިއާގައި ބުނެފައިވަނީ އެޗެނަލަކީ ވަރަށް ގިނައިން ސަރުކާރާއިމެދު އެފަދައިން ވާހަކަތައް ފަތުރާ، ނޫސްވެރިކަމުގެ މިންގަނޑުތަކާއި ޚިލާފު ސްޓޭޝަނެއް ކަމަށެވެ.

އެ ފޯންކޯލް ވަގުތުން ކަނޑާލި ނަމަވެސް އޭނާ އެހެން ބުނާ އަޑު ބްރޯޑްކާސްޓު ކުރެވިފައިވާތީ އެކަމަށް ޓަކައި ޗެނަލް13 އިން ވަނީ ބެލުންތެރިންގެ ފަރާތުން މަޢާފަށް އެދި ބަޔާނެއް ނެރެފައެވެ. އެގޮތުން ބަޔާނުގައި ޗެނަލް 13 އިން  ބުނެފައިވަނީ އެމީހާ ޕްރޮގްރާމަށް ގުޅައިގެން ދެއްކި ވާހަކަ އަކީ އޭނާގެ އަމިއްލަ ޚިޔާލުގެ މައްޗަށް ދެއްކި ވާހަކަ އެއް ކަމަށާއި އެމީހާ އެހެން ބުނުމުން ޗެނަލް13 އިން ވަގުތުން ވާނީ އެ ފޯން ކޯލު ވެސް ކަނޑާލައިފައި ކަމަށް މި ބަޔާނުގައި ބުނެފައި ވެއެވެ.

އަދި  އެ ޗެނަލް އަކީ އަނިޔާވެރިކަމާއި އާންމުންގެ މެދުގައި އެކަކު އަނެކަކަށް ނަފްރަތު އުފެއްދުމަށް ހިތްވަރު ދޭނެ ބައެއް ނޫން ކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް އެފަދަ ކަންކަމަށް ހިތްވަރު ދީ ގާނޫނާއި ޚިލާފު ކަންކަން ކުރުމަށް އެ ޗެނަލްގެ ފަރާތުން އެއްވެސް ފަރާތަކަށް ފުރުސަތު ނުދޭނެކަމަށް ވެސް އެ ބަޔާނުގައި ފާހަގަ ކޮށްފައި ވެއެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!