އަހަންނަށް އެންމެނާއި މެދުވެސް މާބޮޑަށް ރަނގަޅު ވެވުނީ..
ބައެއް މީހުން ކިބައިގައި އުފެދުމުގައި ވެސް ހުންނަ ޠަބިއްޔަތެއްގެ ސަބަބުން ބައެއް ކަހަަލަ ބޮޑެތި ގެއްލުންތައް ލިބެއެވެ. އެގޮތުން މީހުނަށް މާ ރަނގަޅު ވެވުމަކީ މީގެ މީގެތެރެއިން ހިމެނޭ ކަމެކެވެ.
ނޫނެކޭ ބުނަންޖެހޭ ބައެއް ޙާލަތްތަކުގައި ނޫނެކޭ ބުނަން ވެސް ދަސްކުރާށެވެ. އެކި ކަންކަމާއި ބިރުން ، ނޫނެކޭ ބުނަން ޖެހޭ ޙާލަތްތަކުގައި ނޫނެކޭ ބުނުމުގެ ބަދަލުގައި އާނއެކޭ ބުނެވިދާނެއެވެ. އެއީ އަނެކާއާއި ދޭތެރޭ ވިސްނޭތީއެވެ. އެހެންނަމަވެސް އެވަގުތު އެ ނިންމާ ނިންމުމުގެ ސަބަބުން ތިމާގެ ޙަޔާތައް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރެއެވެ.
އޭގެ ސަބަބުން ތިމާއަށް އެކި ވަރުވަރުގެ ލަނޑު ލިބުނު ކަމުގައިވީ ނަމަވެސް، އެކަން އެގޮތަށް ކުރީ ހަމަ އަނެކާއަށް ރަނގަޅު ގޮތެއް ވެދިނުމަށް ޓަކައެވެ. އެކަމު ގިނަފަހަރަށް ތިމާއާއި ދޭތެރޭ ވެސް އެއްވެސް ވަރަކަށް ވިސްނާ ނުލާ އަނެކާ ތިމާއަށް ގެއްލުންވާ ގޮތަށް ކަންކަން ނިންމާލައެވެ. ވާނީވެސް އެހެންތާއެވެ. ތިމާ ހުންނަނީ އަނެކާ ކުރިމަތީގައި،އެޅިހާ ބަތަކަށް ރިހަ ވެގެންނެވެ.
ނޫނެކޭ ބުނަންޖެހޭ ދަނޑިވަޅުތަކުގައި ނޫނެކޭ ބުނުން ވަރަށް މުހިންމެވެ. އެހެން ނޫންނަމަ ތިމާ ފަހުން އެކަމާ ރޯން ޖެހިދާނެއެވެ. އެންމެނަށް ރަނގަޅު ވެގެން މިދުނިޔޭގައި އުޅެވޭ ހެއްޔެވެ؟ މިސާލަކަށް އެންމެނަށް ރަނގަޅު ވެގެން އުޅުނު ކަމުގައި ވީ ނަމަވެސް އެ އެންމެންނަކީ ތިމާއަށް ހެޔޮ އެދޭ މީހުން ހެއްޔެވެ؟ ނޫނެކެވެ. މިތުރުންނާއި ހަތުރުން ވެސް އުޅޭނެއެވެ.
ތިމާ އެމީހުންނާ މެދު ވިސްނާ ވަރަށް އެމީހުން ތިމާއާއި މެދު ނުވިސްނާ ކަމުގައި ވަނީނަމަ، ތިމާ އެމީހުނާ ދޭތެރޭ އެހާ ވަރަށް ވިސްނުމުގެ ބޭނުމަކީ ފަހެ ކޮބައި ހެއްޔެވެ؟ އަމިއްލަ ނަފުސަށް ގެއްލުން ދިނުން ނޫން އިތުރު ކަމެއް އެބަ ކުރެވޭ ހެއްޔެވެ؟ އެންމެންނަކީ ތިމާއަށް ހެޔޮ އެދޭނެ ބައެއް ވެސް ނޫނެވެ. ބައެއް މީހުންނަކީ ތިމާގެ ބޭނުން ހިފާލައި ބޭކާރު ކޮށްލާ ބައެކެވެ. ފެންކައްކާ ބޮލީގެ ޢިއްޒަތަށް ތިމާ ވާން ބޭނުން ހެއްޔެވެ؟
އޮފީސް މާޙައުލުގައިވެސް ހަގީގަތުގައި މާ ރަނގަޅު ވެވެނީއެވެ. ތިމާގެ މައްޗަށް ހުންނަ މީހާއަށް އިޙުތިރާމް ކުރަން ވާނެއެވެ. އެހެންނަމަވެސް ބުނިހާ ކޮންމެ ކަމެއް ތިމާ ކުރާކަށް މަޖުބޫރެއް ނޫނެވެ. ކުރިން ވެސް ބުނެފައިވާ ފަދައިން ނޫނެކޭ ބުނަންޖެހޭ ޙާލަތްތަކުގައި ނޫނެކޭ ބުނަން ވާނެއެވެ. އެހެންނަމަވެސް ގިނަފަހަރަށް މިހެން މިކަންތައް ކުރުމުގެސަބަބުން އެ މުވައްޒަފުގެ ހިތުގައި ތިމާއަށް ޓަކައި ނަފުރަތު އުފެދިގެން ދެއެވެ. އަދި މިކަންތައް ވަރަށް ހިތާމަވެރިކޮށް ވެސް ނިމިފައި އެބަހުއްޓެވެ.
ދިރިއުޅުމުގައި ކަންކަމާއި ކުރިމަތި ލާން ދަސްކުރާށެވެ. އެހެނީ ދުނިޔޭގައި އުޅެވެން އޮތީ ހުރިހާ ކަމަކާ ވެސް ކުރިމަތި ލާން ކެރިގެންނެވެ. އެންމެނަށް ރަނގަޅު ވެގެން ވާނެ ފައިދާއެއް ނެތެވެ. އެންމެނަށް ތިމާ މާ ރަނގަޅު ވުމުން ތިމާއަށް ގިނަ ފަހަރަށް ލިބޭނީ ލަނޑެވެ. މިއީ ދުނިޔަވީ ޙަގީގަތެކެވެ. ވިސްނައިފި ނަމަ މިކަން ވަރަށް ރަނގަޅަށް އެނގިގެން ދާނެއެވެ.