ޚަބަރު

އެކެއްގެ ނަމުގައި 100 ވެހިކަލް: ޓްރާންސްޕޯޓު މިނިސްޓްރީއާ ގުޅިގެން ބޮޑު ސްކޭމެއް!

އައިކާ ޔުނާން ، ދެން އޮންލައިން
މިއަަދުގެ ޕްރެސްގައި ސުޕްރިޑެންޓް އޮފް ޕޮލިސް މުހައްމަދު ދާއޫދު ވާހަކަ ދައްކަނީ

އެމްއޭސީއެލްއިން ވަގަށް ނެގި ވެހިކަލްގެ މައްސަލައިގެ ތެރެއިން ޓްރާންސްޕޯޓާ ގުޅިގެން ހިންގި ވެހިކަލް ރެޖިސްޓްރީކުރުމުގެ ބޮޑު ސްކޭމެއް ފަޅާ އަރައިފިއެވެ.

Ads by Sosun Fihaara

މި މައްސަލާގައި މިހާތަނަށް ހައްޔަރުކޮށްފައިވަނީ/ ކ. މާލެ މ. މޮޑަމް ކޮމެޓް/ އަހުމަދު ނިޒާމު (43) ގެ އިތުރުން އެމްއޭސީއެލްގެ ވެހިކަލް ވަގަށް ނެގުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ސްޓާފެއް ކަމަށްވާ/ މ. ސީނިއަސުރުމާގެ، މުހައްމަދު ހައިޝަމް (42) އެވެ.

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުޕްރިޑެންޓް އޮފް ޕޮލިސް މުހައްމަދު ދާއޫދު ވިދާޅުވީ އެމްއޭސީއެލުން ވެހިކަލް ވަގަށް ނެގި މައްސަލަ އޭޕްރީލްގައި ހުށަހެޅުމާ ގުޅިގެން އެ ސަރަހައްދަށް ގޮސް ބެލި ބެލުމުން އެރޭގެ ދަންވަރު ވަގުތެއްގައި އެމްއޭސީއެލްގެ ހުޅަނގު ބްރިޖަށް ނިކުންނަށް އޮންނަ މަގުން ވެހިކަލް ނެރުން ކަމަށް އެނގިފައިވާ ކަމަށެވެ.

ވެހިކަލް ނެރެގެން ހުޅުމާލެ ގެންގޮސް ހުޅުމާލޭގެ ވިލާ ފިއުލްޝެޑާ ހަމާގައި ހުންނަ އޮރެންޖް ބިލްޑިންކައިރީ މަޑުކުރުމަށްފަހު ވެހިކަލްގެ ނަންބަރު ޕްލޭޓް ބަދަލުކޮށް އަނެއްކާ އަނބުރާ މާލެ ގެނެސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މާލެ ގެނައުމަށް ފަހު އެ ވެހިކަލް ޕާކު ކޮށްފައި އޮތީ ހ. އީރާނުގޭގެ ތިރީގައި ހަދާފައިވާ ގަރާޖެއްގައި ކަމަށާއި އެ ގަރާޖު ބެލި ބެލުމުން އެ ތަނުން އެ ވެހިކަލްގެ އިތުރުން ވަގަށް ނަގާފައިވާ އިމިގްރޭޝަންގެ ވެހިކަލެއް ވެސް ފެނުނު ކަމަށް އޭނާ ވިދާޅުވިއެވެ.

ދާއޫދު ވިދާޅުވީ މި ދެ ވައްކަމުގެ ތެރޭގައި ގެންދާ ވެހިކަލްތައް ހާއްސަކޮށް 4 ފުރޮޅުލި ވެހިކަލްތައް އޭގެ އަސްލު އޮޅުވާލުމަށްޓަކައި މަސައްކަތްކޮށް އިންޖީނު ނަންބަރާއި ޗެސިސް ނަންބަރާއި ކަހާލުމަށް ފަހު ފުޅާ ދާއިރާއެއްގައި އެ ވިޔަފާރި ކުރަމުން އަންނަ ކަން ފާހަގަވެފައިވާ ކަމަށެވެ.

ވެހިކަލް ޕާކުކޮށްފައިވާ ގަރާޖު ކުއްޔަށް ނަގައިގެން އުޅެނީ ނިޒާމް ކަމަށާއި އޭނާގެ ނަމުގައި 100 ވެހިކަލް ރެޖިސްޓްރީކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭގެ ތެރޭގައި ހިމެނޭ 86 ހަތަރު ފުރޮޅުލީ ވެހިކަލްގެ ތެރެއިން 42 ވެހިކަލް ރެޖިސްޓްރީކޮށްފައިވަނީ ނިޒާމްގެ އަންހެނުންގެ ނަމުގަ އެވެ.

ދާއުދު ވިދާޅުވީ މި މައްސަލައިގެ ތެރެއިން ޓްރާންސްޕޯޓު ތެރެއިން ކުރިއަށް އަންނަ އޮތް އަހަރުތަކަށް ވެހިކަލް ރެޖިސްޓްރީކޮށްފައިވާ ކަން ފަޅާ އަރާފައިވާ ކަމަށެވެ.

"ޓްރާންސްޕޯޓުން ބެލިއިރުގައި ވެހިކަލްތަކުގެ ރަޖިސްޓްރީގެ 2025, 2027, މިއީ އަޅުގަނޑުމެންނާ އަދި ބައްދަލުނުކުރާ އަހަރުތައް ވެހިކަލްތަކެއް ރަޖިސްޓްރީކޮށް އިޝޫ ކޮށްފައި ހުރިކަން ފާހަގަވޭ." އޭނާ ވިދާޅުވިއެވެ.

މި މައްސަލައިގެ ސީރިއަސް ތަހުގީގެއް ހިންގަމުން އަންނައިރު, ޓްރާންސްޕޯޓު ތެރެއިން މި ކަމުގައި ބައިވެރިވި މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!