ޚަބަރު

އާ ސަފީރު މުންދު، ސަފީރުކަމުގެ ފަތްކޮޅު ޔޫއޭއީ ރައީސަށް އަރުވައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ރާއްޖެއިން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ކަނޑައެޅުއްވި އާ ސަފީރު މުހައްމަދު ހުސައިން ޝަރީފް، އޭނާގެ ސަފީރުކަމުގެ ފަތްކޮޅު ޔޫއޭއީގެ ރައީސް އަދި އަބޫދާބީގެ ވެރިޔާ ޝެއިޚް މުހައްމަދު ބިން ޒައިދު އަލް ނަހްޔާނަށް މިއަދު އަރުވައިފިއެވެ.

Ads by Hajj Corporation

ޔޫއޭއީގެ ރިޔާސީ ގަނޑުވަރު ,ކަސްރު އަލް ވަތާންގައި ބޭއްވި ރަސްމިއްޔާތެއްގައި ސަފީރު ޝަރީފް ވަނީ ރާއްޖޭގެ ދިދަ ނަންގަވައި، ގައުމީ ސަލާމް ކުޅުން ބައްލަވާލައްވާފައެވެ.

ޔޫއޭއީގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، ސަފީރު ޝަރީފަށް މަރުޙަބާ ވިދާޅުވެ، އެމަނިކުފާނުގެ ދައުރު ފެއްޓެވުމުން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވެ، ސަފީރުކަމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ކާމިޔާބީއަށް އެދިވަޑައިގެންނެވިއެވެ. އަދި އްޖެއާއި ޔޫ.އޭ.އީއާ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، އާ ސަފީރާއެކު މަސައްކަތްކުރެއްވުމަށާއި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަރައްޤީގެ ތަޞައްވުރަށް އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

ސަފީރު ޝަރީފް ވަނީ ޔޫއޭއީގެ ރައީސާއި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒާއި ދިވެހި ރައްޔިތުންގެ ފަރާތުން ޝުކުރު އަދާކުރައްވައި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ. އަދި ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ސަފީރު ދެއްވިއެވެ.

ރާއްޖެއާއި ޔޫއޭއީއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކޮށްފައިވަނީ 15 މާރޗް 1978 ގައެވެ. ސަފީރު މުހައްމަދު ހުސައިން ޝަރީފަކީ ރާއްޖެއިން ޔޫއޭއީއަށް ކަނޑައަޅުއްވާފައި ހުންނަވާ ހަވަނަ ސަފީރެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!