ރިޕޯޓް

އަޟްހާ އީދާއި އުޟްހިޔާ ކަތިލުން

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
އުޟްހިޔާ ކަތިލަނީ

މިއަދަކީ މުސްލިމުންގެ ބަރަކާތްތެރި އަޟްހާ އީދު ދުވަހެވެ. މި ދުވަހަކީ މާތްވެގެންވާ ހައްޖުގެ އަޅުކަމާ ގުޅިގެން މުސްލިމުން ފާހަގަކުރާ ދުވަހެކެވެ. އިސްލާމީ ތާރީހަށް ބަލާއިރު މުސްލިމް އުއްމަތް މި ދުވަސް ކުލަ ގަދަކޮށް ފާހަގަކުރެ އެވެ. މޮޅެތި ކެއުންތަކާއި، ކުޅިވަރުގެ ހަރަކާތްތަކާއި، ތާރަ ޖެހުން ފަދަ ކަންކަމަކީ އިސްލާމީ ތާރީހުގައި މުސްލިމުން ކުރަމުން އައިސްފައިވާ ކަންކަމެވެ.

Ads by STELCO

އުޟްހިޔާ ކަތިލުމަކީ އަޟްހާ އީދު ދުވަހު ކުރަމުން އަންނަ މުހިންމު ކަމެކެވެ. އުޟްހިޔާއަކީ ކޮބައި ކަމާއި މިކަން ކުރުމުގެ މަޤްޞަދުގެ މައްޗަށް ކޮންމެވެސް ވަރަކަށް އަލިއަޅުވައިލާނަމެވެ.

އުޟްޙިޔާ އަކީ ﷲ އަށް ކުއްތަންވުމުގެ ގޮތުން ޢީދުގެ ދުވަސްތަކުގެ ތެރޭގައި ނަޢަމް ޞޫފީގެ ތެރެއިން ޖަނަވާރެއް ކަތިލުމެވެ. މިއީ އިސްލާމީ ޝިޢާރުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ކީރިތި ގުރްއާނުންނާއި ސުންނަތުން އަދި ދަންނަބޭކަލުންގެ އިޖްމާޢިން އެކަން ޘާބިތުވެ އެވެ.

އުޟްހިޔާގެ ގޮތުގައި ކަތިލެވޭނީ ހަމައެކަނި ބަކަރިއެއް ނޫނެވެ. އެހެން ބައެއް ޖަނަވާރުންވެސް މި ސުންނަތް އަދާކުރެވިދާނެ އެވެ. އެހެންނަމަވެސް މިގޮތަށް ކަތިލާ ޖަނަވާރުގައި ޝަރުތުތަކެއް ހަމަވާން ޖެހެ އެވެ.

  1. ނަޢަމް ޞޫފީގެ ތެރޭގައި ހިމެނޭ ޖަނަވާރަކަށްވުން. ނަޢަމް ޞޫފީގެ ތެރޭގައި ހިމެނެނީ ޖަމަލު، ގެރި އަދި ބަކަރި އެވެ.
  2. ޝަރްޢީ ގޮތުން ކަނޑައެޅިފައިވާ ޢުމުރު ހަމަވެފައިވާ ޖަނަވާރަކަށް ވުން، ޖަމަލެއްނަމަ އޭގެ ޢުމުރުން ފަސްއަހަރު ހަމަވެފައިވުން، ގެރިއެއްނަމަ ދެއަހަރު ހަމަވެފައިވުން، އަދި ކަންބަޅިއެއް ނަމަ އަހަރުވެފައިވުން، އަދި ޖިޒަޢެއް ނަމަ ބައި އަހަރު ހަމަވެފައިވުން،
  3. ޢައިބުތަކުން ސަލާމަތްވެގެންވާ އެއްޗަކަށްވުން، މިގޮތުން އަންނަނިވި ޢައިބުތަކުން ސަލާމަތްވެފައިވާ އެއްޗަކަށްވާން ޖެހޭނެ އެވެ.
  • ފާޅުކޮށް އެނގޭވަރަށް އަވަރުވެފައިވާ އެއްޗަކަށް ނުވުން،
  • ފާޅުކޮށް އެނގިބަޔާންވާ ވަރުގެ ބައްޔެއް ހުރި އެއްޗަކަށް ނުވުން.
  • ފާޅުކޮށް އެނގިބަޔާންވާ ވަރަށް ކޮރުއެއްޗަކަށް ނުވުން.
  • ބުއްދި ފިލައިގޮސްފައިވާ އެއްޗަކަށް ނުވުން.
  • ލޯކަނު އެއްޗަކަށް ނުވުން،
  • އަލްމަބްޝޫމާ
  • ވިހަން ދަތިވެފައިވާ އެއްޗަކަށް ނުވުން،
  • ތަނަކުން ވެއްޓި މަރަށް ތައްޔާރުވެފައިވާ އެއްޗަކަށް ނުވުން.
  • ދެއަތުންކުރެ އަތެއް ނުވަތަ ދެފައިން ކުރެ ފަޔެއް ބުރިވެފައިވާ އެއްޗަކަށް ނުވުން.
  • ޢުމުރުން ދުވަސްވުމުގެ ސަބަބުން ހިނގައިގަތުމަށް އުނދަގޫވެފައިވާ އެއްޗަކަށް ނުވުން.
  1. ކަތިލެވޭ އެއްޗަކީ އުޟްޙިޔާ ކަތިލާ މީހާގެ މިލްކަކަށްވުން. ނޫންނަމަ ވެރިމީހާގެ އިޛްނަ ލިބިގެން ކަތިލެވޭ އެއްޗަކަށްވުން،
  2. އުޟްޙިޔާގެ ގޮތުގައި ކަތިލެވޭ އެތީގައި އެހެންމީހެއްގެ ޙައްގެއް އެކުލެވިފައިނުވުން، މީހަކު ރަހުނެއްގެ ގޮތުގައި ޙަވާލުކޮށްފައިވާ ނަޢަމް ސޫތްޕަކުން އުޟްޙިޔާ އެއް ކަތިނުލެވޭނެއެވެ.
  3. ޝަރީޢަތުގައި ކަނޑައެޅިފައިވާ ވަގުތުގައި ކަތިލުން.

 

އުޟްހިޔާ ކަތިލުމުގެ ވަގުތު ފެށެނީ އަޟްޙާ ޢީދު ނަމާދު ނިމުމާއި އެކުގަ އެވެ. އަދި އުޟްޙިޔާ ކަތިލުމުގެ ވަގުތު ނިމެނީ ޛުލްޙިއްޖާމަހުގެ 13 ވަނަ ދުވަހުގެ އިރުއޮއްސުމާއި އެކުގަ އެވެ. އެހެންކަމުން އުޟްޙިޔާ ކަތިލުމަށް ޢީދުދުވަހާއި އައްޔާމުއް ތަޝްރީގު ތިންދުވަސް ލިބެ އެވެ.

އެންމެ މޮޅުއިތުރު ގޮތަކީ އަޟްޙާ ޢީދު ނަމާދު ނިމުމާއި އެކު ވީހާވެސް އަވަހަކަށް ކަތިލުމެވެ. އަދި ޢީދު ދުވަހުގެ އެންމެ ފުރަތަމަ ކެއުމަކީ އުޟްޙިޔާ އިން ކާކެއުން ކަމުގައި ހެދުމެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކަންތައް ކުރެއްވި ގޮތަކީ މިއީ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!