އީދު ނަމާދަށްފަހު މާލޭގައިވެސް ބޮޑު އީދު ސައި
މިއަދު ފެށުނު އަޟްހާ އީދުގެ ނަމާދަށްފަހު ވެރިރަށް މާލޭ ސިޓީގައި ބޮޑު އީދުގެ ސައި ބާއްވައިފި އެވެ.
އީދު ނަމާދަށްފަހު ޖަމާއަތުގައި އީދު ސައި ބޭއްވުމަކީ ރާއްޖޭގައި ޒަމާނުއްސުރެއް ކުރިއަށް ގެންދަމުން އައިސްފައިވާ ސަގާފަތެކެވެ.
މިއަހަރުގެ އަޟްހާ އީދުގައި މާލޭގައި ބޮޑު ސައި ބާއްވާފައިވަނީ ނެޝަނަލް ސެންޓަރ ފޮ ދި އާޓްސްއިން އިންތިޒާމު ކޮށްގެންނެވެ. އެގޮތުން މާލޭގެ ދެ ސަރަހައްދެއްގައި އީދު ސައި ވަނީ ބާއްވައިފަ އެވެ.
އާޓިފިޝަލް ބީޗުގެ އިތުރުން މާފަންނު ސްޓޭޑިއަމްއާ ދިމާއިން ބޮޑުތަކުރުފާނު މަގުގައި ކުރިއަށް ގެންދިޔަ އީދު ސައިގައި ގިނަ ބަޔަކު ވަނީ ބައިވެރިވެފަ އެވެ.
މާލޭގެ އިތުރުން އަތޮޅުތެރޭގެ ގިނަ ރަށްރަށުގައިވެސް އީދު ނަމާދަށްފަހު ސައި ވަނީ ބާއްވައިފަ އެވެ.
މިއަހަރުގެ އަޟްހާ އީދުގައި މާލޭގައި ތަފާތު ސަގާފީ ކުޅިވަރިތަކާއެކު ފޯރިގަދަ ސްޓޭޖު ޝޯވތައްވެސް އިންތިޒާމު ކުރާނެކަމަށް އެންސީއޭއިން ވަނީ ބުނެފަ އެވެ.