އާ ޖޯޝަކާއެކު ޔާމީން ނުކުމެވަޑައިގަންނަވަނީ
ކުރީގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގަންނަވާ، ޕީޕަލް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ ހާއްސަ ޖަލްސާއެއް މާދަމާ ރޭ ބާއްވަން ހަމަޖެހިފައިވާ ކަމަށް އެ ޕާޓީން ބުނެފި އެވެ.
ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މަލީހު ޖަމާލް މިއަދު 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ޖަލްސާ އޮންނާނީ މާދަމާ ރޭގެ ވަގުތެއްގައި ޕީއެންއެފްގެ އައު އޮފީހުގައި ކަމަށެވެ.
"ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާ ޕީއެންއެފްގެ ވަރަށް ފޯރިގަދަ ޖަލްސާއެއް ޕާޓީގެ އޮފީހުގައި އޮންނާނެ" މަލީހު ވިދާޅުވި އެެ.
ޕީއެންއެފްގެ އޮފީސް މިހާރު ހިންގަމުން އަންނަނީ ޔާމީންގެ ގެކޮޅު ހ. ދޫވެހީގެ ފުރަތަމަ ފަންގި ފިލާގަ އެވެ. ޖަލްސާ ފަށާނެ ގަޑިއެއް މަލީހު ވިދާޅެއް ނުވެ އެވެ.
މަލީހު، މީގެ ކުރިން ވިދާޅުވެފައިވާ ގޮތުންނަމަ ޕާޓީގެ މަސައްކަތްތައް މަޑު ޖެހިފައި އޮތީ އޮފީސް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާތީވެ އެވެ.
މިއީ ރައްޔިތުންގެ މަޖިލީސް އިންތިހާބަށް ފަހު ޕީއެންއެފްއިން ބާއްވާ ފުރަތަމަ ޖަލްސާ އެވެ. އިންތިހާބުގައި ޕީއެންއެފް އިން ވާދަކުރި އެއްވެސް ކެންޑިޑޭޓަކަށް ކަމިޔާބު ލިބޭގޮތް ވަނީ ނުވެފަ އެވެ. އެކަމާއި ގުޅޭ ގޮތުން އެ ޕާޓީން ރަސްމީކޮށް އަދި މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.
ޕީއެންއެެފް، ސިޔާސީ ޕާޓީއެއްގެ ގޮތުގައި އިލެކްޝަން ކޮމިޝަންގައި ރަޖިސްޓްރީ ކޮށްފައިވަނީ އޭޕްރީލް މަހުގެ 25 ވަނަ ދުވަހު އެވެ.
ޕީއެންއެފްގެ ވަގުތީ ރައީސް އަކީ ޔާމީންގެ ދަރިކަލުން ޒޭން އަބްދުﷲ ޔާމީންއެވެ. އެ ޕާޓީގެ ދާއިމީ ސެނެޓެއް އިންތިހާބު ކުރެވެންދެން، ވަގުތީ ސެނެޓަށް ވަނީ ޔާމީން ހިމެނޭހެން 20 މީހުން އައްޔަން ކޮށްފަ އެވެ.
އެ ޕާޓީން ނިމިދިޔަ މަޖިލީސް އިންތިހާބުގައި ވެސް ވާދަކުރި އެވެ. ނަމަވެސް ކުރިމަތިލާން ޖެހުނީ ނާކާމިޔާބީއާ އެވެ.