ޕާޓީ ތެރޭ އުފެދޭ އެކި ހިތްހަމަނުޖެހުންތަކާ ހެދި ބައި-އިލެކްޝަންތައް ގެއްލޭ: ރައީސް
ޕާޓީ ތެރޭގައި އުފެދޭ ހިތްހަމަނުޖެހުންތަކާއި ހެދި ބައި-އިލެކްޝަންތައް ގެއްލޭ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ސަރުކާރު ހިންގާ ޕީއެންސީގެ އައު ޖަގަހަ ރޭ ވަނީ ހުޅުވައިފިި އެވެ. ޕީއެންސީ ޖަގަހަ ހަދާފައިވަނީ މީގެ ކުރިން އިދިކޮޅު އެމްޑީޕީއާ ދަ ޑިމޮކްރެޓްސް އިން ޖަގަހަ ހިންގި ހ. ވެޔޮވިލާގޭގައި އެވެ.
އެ ޖަގަހަ ހުޅުވައިދެއްވައި ޕީއެންސީގެ ލީޑަރު ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅުވެ ވަޑައިގަންނަވަނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކަންކަން ކުރެއްވުމަށް ކަމަށެވެ. އެހެންވެ ވެރިކަމާއި ހަވާލުވެވަޑައިގަތުމާއި އެކު އެންމެ ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން މި ސަރުކާރަށް މިވީ ހަ މަސް ތެރޭގައި 150 އަށްވުރެ ގިނަ ކައުންސިލްތަކާއި ބައްދަލުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
މީގެ ކުރިން މާލޭގެ މޭޔަރުކަންވެސް ކުރެއްވި ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅުވަނީ ކައުންސިލުތަކާއި ގުޅިގެން ރައްޔިތުން ބޭނުންވާ ކަންކަން ފުރިހަމަކޮށް ދިނުމަށް ކަމަށެވެ. އެހެންވެ ކައުންސިލްތަކުގެ ބައި-އިލެކްޝަނުގައި ވާދަކުރާ ޕީއެންސީ/ޕީޕީއެމްގެ ކެންޑިޑޭޓުން އިންތިހާބު ކޮށްދިނުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.
"މިއީ އެއްގޮތަކަށްވެސް އެ އޮންނަ ލޯކަލް ޕޮލިޓިކްސްގެ ތެރޭގައި އާއިލީ ވާދަވެރިކަން ވިޔަސް އަދި ކުރިން ދިމާވި ކޮންމެސް ކަމެއް އޮތް ހިތްހަމަނުޖެހުމެއް ކަމުގައިވިޔަސް އަދި ކޮންމެވެސް މީހަކު ވަޒީފާއެއް ލާން ނުލެވިގެން އަންނަ ހިތްހަމަ ނުޖެހުމެއް ކަމުގައިވިޔަސް މި ކަހަލަ ކޮންމެސް ކަމަކާއި ހެދި އެބަ ގެއްލޭ ބައި- އިލެކްޝަންތައް، އެހެން ނަހައްދަވާ" ރައީސް އެދިވަޑައިގެންނެވީ އެއަށްވުރެ ބޮޑަށް ރަށާއި ގައުމު އިސްކުރުމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި ރައްޔިތުން އެކަން ކޮށްދެއްވާނެކަމުގެ ޔަގީންކަން އެމަނިކުފާނަށް އެބައޮތެވެ. މި ފަހުން ބޭއްވި ގިނަ ބައި_އިލެކްޝަންތައް ކާމިޔާބުކޮށްފައިވަނީ ޕީއެންސީންނެވެ. ގިނަ ކައުންސިލުންތަކުގައި ބައި-އިލެކްޝަން ބާއްވަން ޖެހުނީ ކައުންސިލް މެންބަރުންތަކެއް މަޖިލީހަށް އިންތިހާބުވުމުންނެވެ.