ރަސްމީ ދަތުރެއްގައި ހަތަރު ވަޒީރަކު ރާއްޖެއިން ބޭރަށް
ރަސްމީ ދަތުރެއްގައި ހަތަރު މިނިސްޓަރަކު ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފި އެވެ.
އެއީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، ފޮރިން މިނިސްޓަރު މޫސާ ޒަމީރު އަދި އެންވަޔަރަމެންޓް މިނިސްޓަރު ތާރިގު އިބްރާހިމްގެ އިތުރުން އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު އެވެ.
ފޮރިން މިނިސްޓަރު ޒަމީރު، ރޭގެ ވަގުތެއްގައި އެމެރިކާއަށް ވަނީ ފުރާވަޑައިގެންފަ އެވެ. ފޮރިން މިނިސްޓްރީން ބުނީ، މިނިސްޓަރު ޒަމީރުގެ ދަތުރުގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެތަނީ ބްލިންކެންއާ ބައްދަލުކުރައްވާނެ ކަމަށެވެ. އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް މިނިސްޓަރު ކުރައްވާ ދަތުރުގައި އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
ރޭގެ ވަގުތެއްގައި މިނިސްޓަރު ސައީދު ވަނީ ޗައިނާއަށް ފުރާވަޑައިގެންފަ އެވެ. އިކޮނޮމިކް މިނިސްޓްރީގެ ރަސްމީ އެކައުންޓުން 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ބުނީ ސައީދު، ޗައިނާ އަށް ވަޑައިގަންނަވަނީ ވޯލްޑް އިކޮނޮމިކް ފޯރަމްގައި ބައިވެރިވަވަޑައިގެންނެވުމަށް ކަމަށެވެ. އެ ދަތުރުގައި ޗައިނާގެ ކޮމާސް މިނިސްޓަރާ ސައީދު ބައްދަކުރައްވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ސައުތު އޭޝިއާ ކޯޕަރޭޓިވް އެންވަޔަރަންމަންޓް ޕްރޮގްރާމް (ސަކެޕް) ގެ 16 ވަނަ ގަވަނިން ކައުންސިލް މީޓިންގައި ބައިވެރިވެ ވަޑައިގެންނެވުމަށް ތޯރިގު ވަނީ މިއަދު ބޫޓާނަށް ފުރާވަޑައިގެންފަ އެވެ.
މިއަދުން ފެށިގެން މި މަހުގެ 26 އަށް ކުރިއަށްދާ މި ބައްދަލުވުމަކީ ސަކެޕްގެ މެންބަރު ގައުމުތަކުގެ އިތުރުން އެކުވެރި ދައުލަތްތަކުގެ އެހެނިހެން އިދާރާތައް ހިމެނޭގޮތަށް ތިމާވެށީގެ ދާއިރާއާ ގުޅޭ މަޝްވަރާތައް ކުރުމަށް ބޭއްވޭ މުހިއްމު ބައްދަލުވުމެކެވެ.
މި މަހުގެ 28 އަށް ޗައިނާގެ ސިންޖިއަން ރީޖަންގެ އުރުމްގީގައި ބޭއްވުމަށް ހަމަޖެހިފައިވާ ޗައިނާ-ޔޫރޭޝިއާ އެކްސްޕޯގައި ބައިވެރިވުމަށް މިނިސްޓަރު ޝަހީމްވެސް ވަނީ މިއަދު ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފަ އެވެ. މިދަތުރުގައި ޗައިނާގެ މުހިންމު މިސްކިތްތަކާއި އިސްލާމީ އެކަޑަމީތަކަށް މިނިސްޓަރު ޒިޔާރަތް ކުރައްވާނެ އެވެ.