މަސްވެރިންނަށް ފައިސާ ދޭން ގޮވާލާ ކުއްލި މައްސަލަ ހުށަހަޅައިފި
މިފްކޯއިން މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ވީ އެންމެ އަވަހަކަށް ދިނުމަށް ގޮވާލާ އެމްޑީޕީން ހުށަހެޅި ކުއްލި މައްސަލަ ބަލައިގަނެ މަޖިލީހުގައި ބަހުސް ފަށައިފިއެވެ.
މި މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީއެވެ. ސަރުކާރު ހިންގާ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުން މި ކުއްލި މައްސަލަ ބަލައިގަތީ 74 މެންބަރުންގެ އިއްތިފާގުންނެވެ.
އޭނާ ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވާ ގޮތުގައި މަސްވެރިން ކުރަމުންދާ އިހުތިޖާޖާ ގުޅިގެން މިހާތަނަށް އެއްވެސް ހައްލެއް ހޯދައިދީފައިނުވާތީ, އެކަމާ ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
މަސްވެރިން މަސް ކިރާތާ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދިނުމަކީ މި ސަރުކާރުގެ ވައުދަކަށް ވާއިރު, މި ވައުދު ނުފުއްދާ ކަމަށް އެ މައްސަލައިގައި ފާހަގަކޮށްފައިވެއެވެ. މިކަމާ ގުޅިގެން އައްޑޫ ސިޓީގެ 400 އެއްހާ މަސްވެރިން ކަންބޮޑުވުން ފާޅުކުރަމުން އަންނަ ކަމަށާއި އެ އިހުތިޖާޖުތަކަށް ފުލުހުން ހުރަސް ނޭޅުމަށް ވެސް މައްސަލާގައި ގޮވާލާއިފައިވެއެވެ.
އަހުމަދު ދީދީގެ މައްސަލާގައި ވަނީ މި މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރަށް ގޮވާލައިފައެވެ.
މިފްކޯއިން ބުނެފައިވާ ގޮތުގައި މިދިޔަ މަހުގެ 9 ވަނަ ދުވަހުން ފެށިގެން މިމަހުގެ މިހާތަނަށް މިފްކޯއިން 52.6 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.
ޕެންޑިންގައި ހުރި ފައިސާ ކްލިއަރކުރުމަށް ފިޝަރީޒް މިނިސްޓްރީއާއި ސަރުކާރުކާރާއިއެކު މިފްކޯއިން މަސައްކަތްތައް ކުރަމުންދާ ކަމަށް މައުލޫމާތު ދީފައިވެއެވެ.