ޚަބަރު ރައްޔިތުންގެ މަޖިލިސް

މިލިއަނުން ހަރަދު ކުރިޔަސް ފެނަކައިގެ އެއްވެސް މަޝްރޫއެއް ނުނިމޭ: އައިބީ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ (އައިބީ)

ވޭތުވެދިޔަ 5 އަހަރުގެ ތެރޭގައި ފެނަކަ ކޯޕަރޭޝަނުން ހިންގި މަޝްރޫއުތަކަށް އެތައް މިލިއަނެއް ހަރަދު ކުރިނަމަވެސް އެއްވެސް މަޝްރޫއެއް ނިންމާފައި ނުވާކަމަށާއި އެފައިސާއަށް ވީގޮތްވެސް ނޭނގޭކަމަށް ވިދާޅުވެ ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ (އައިބީ) ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

Ads by STELCO

އައިބީ މިކަންބޮޑުވުން ފާޅުކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޭނާ ހުށަހެޅުއްވި ކުއްލި މައްސަލައަށް ވާހަކަ ދައްކަވަމުންނެވެ. އައިބީގެ ކުއްލި މައްސަލައިގައި ބުނެފައިވަނީ ކަރަންޓާއި ފެނުގެ ހިދުމަތް ދިނުމަށް ސަރުކާރުން އުފައްދާފައިވާ ކުންފުނިން މިދިޔަ 5 އަހަރު އެތައް މިލިއަން ފައިސާއެއް ހަރަދުކުރިނަމަވެސް އެމަސައްކަތްތައް ނިންމާފައި ނުވާކަމަށާއި ހަރަދު ކުރި ފައިސާއަށްވެސް ވީގޮތް ނޭނގޭތީ މިމައްސަލައަކީ ރައްޔިތުންގެ މަސްްލަހަތާއި ގުޅުންހުރި މައްސަލައެއް ކަމަށެވެ.

އައިބީ ވިދާޅުވީ މިދިޔަ 5 އަހަރު ފެނަކައިގެ ކުޑަ އަދި ބޮޑު މަޝްރޫއަކަށްވެސް ބަޖެޓު ކުރަނީ 100 މިލިއަން ރުފިޔާ ކަމަށެވެ. އެއަދަދުން ނެއްޓެން ނޭނގި ދައުލަތުން ފައިސާ ހަރަދު ކުރަމުން ދިޔައިރު ސަރުކާރު ބަދަލުވިއިރު ބައެއް މަސައްކަތްތައް ވަކި ހިސާބަކުން ހުއްޓި އަނެއްބައި މަސައްކަތްތައް އެއްގޮތަކަށްވެސް ކުރިއަށް ގެންގޮސްފައި ނުވާކަމަށް އައިބީ ވިދާޅުވި އެވެ.

“24 މާޗުގަ އެމްޑީ މުއާޒު ރަޝީދު ވިދާޅުވެފަ އެބަވޭ ތިމަންނާމެން މިސަރުކާރާ ހަވާލުވެގެން, ފެނަކައަށް ގޮސް ފެނަކައިގެ ކަންކަން ބަލައިލިއިރު މިއަދު ފެނަކައިގެ މަސައްކަތްތައް ހުރި ގޮތުން ރައްޔިތުންނަށް އެންމެ ފުރިހަމައަށް ހިދުމަތް ނުދެވިގެން މިއުޅެނީ ވޭތުވެދިޔަ ސަރުކާރުގެ ގައިރު ޒިންމާދާރު ކަމުންނޭ” އައިބީ ވިދާޅުވި އެވެ.

އައިބީ ވިދާޅުވީ ބައެއް ރަށްރަށުގައި ހުރި ޖަނަރޭޓަރު ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭގައި ސާވިސް ނުކުރެވިއްޖެނަމަ މުޅި ރަށުން ކަރަންޓު ކެނޑޭ ހާލަތުގައި ހުރި ކަމަށެވެ. ގިނަ ދާއިރާތަކުގެ ރައްޔިތުން މެމްބަރުންނަށް ގުޅައި އެކަންބޮޑުވުން ފާޅުކުރަމުން ދާކަމަށް އޭނާ ވިދާޅުވި އެވެ.

“3 ނޮވެމްބަރުގަ ބަނޑޭރި ކޮށީގެ ފާރު ފެންނަ ގޮތަށް ކުންފުނިތައް ފެންނަން އޮތީ”

ފެނަކައިގެ ދަރަނީގެ ވާހަކަ ފާހަގަކުރައްވައި އައިބީ ވިދާޅުވީ ހަމައެކަނި އެސްޓީއޯއަށް އެކަނިވެސް 2 ބިލިއަން ރުފިޔާ ދައްކަން ޖެހިފައިވާ ކަމަށެވެ. 2019 ވަނަ އަހަރުން ފެށިގެން ކުންފުނިން އެއްވެސް ފައިސާއެއް ދައްކާފައި ނުވާއިރު އެސްޓީއޯއަށް ފައިސާ ދައްކަމުން ދަނީވެސް މި ސަރުކާރު އައިސްކަމަށް އައިބީ ވަނީ ވިދާޅުވެފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގައި ފެނަކައިގެ އެމްޑީއަކަށް ހުންނެވި އަހުމަދު ސައީދު މަޖިލީހަށް ހާޒިރުކޮށް ފެނަކައިން ހަރަދުކުރި ފައިސާއަށް ވީގޮތަކާއި ބެހޭގޮތުން ސުވާލު ކުރަންވެސް އައިބީ ގޮވައިލެއްވި އެވެ. އޭނާގެ ކުއްލި މައްސަލައިގައި ވަނީ ފެނަކައިން ހިންގި ކޮރަޕްޝަންތައް ވީއެންމެ އަވަހަކަށް ތަހުގީގުކުރަން ސަރުކާރަށް ގޮވާލައިފަ އެވެ.

އައިބީ މިއަދު ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހުގެ 67 މެމްބަރުންގެ ވޯޓާއިއެކު ވަނީ ބަލައިގެންފަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!