އެކުގައި މަސައްކަތްކުރަން ސޯލިހު ދެއްވި ދައުވަތު ނަޝީދު ގަބޫލުކުރައްވައިފި
އިދިކޮޅު މައި ސިޔާސީ ޕާޓީ، އެމްޑީޕީއާ ގުޅިގެން މަސައްކަތްކުރަން ބޭނުންވާ ކަމުގެ އިޝާރާތެއް "ދަ ޑިމޮކްރެޓްސް" އުފެއްދުމުގައި އިސްކޮށް އުޅުއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ދެއްވައިފި އެވެ.
ޑިމޮކްރެޓްސް އަކީ އެމްޑީޕީގެ ކުރީގެ ރައީސް ނަޝީދަށް ތާއީދު ކުރި މެންބަރުން އެ ޕާޓީ ދޫކޮށް އުފެއްދި ޕާޓީއެކެވެ. ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ދެމެދު އުފެދުނު އެންމެ ބޮޑު އެއް ހިޔާލު ތަފާތު ވުމަކީ ވެރިކަމުގެ ނިޒާމުގެ މައްސަލަ އެވެ. މިދިޔަ ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސް އިން ތާއިދުކުރީ ރައީސް ޑރ މުހައްމަދު މުއިއްޒު އަށެވެ.
އެމްޑީޕީއާ އެއްތަންވާން ބޭނުންވާކަމުގެ އިޝާރާތެއް ނަޝީދު ދެއްވާފައިވަނީ އެމްޑީޕީއަށް 19 އަހަރު ފުރުމާއި ގުޅިގެން ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމް ގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްކެވި ވާހަކަތަކާއި ގުޅުވަ އެވެ. އެ ޕްރޮގްރާމްގައި ސޯލިހު ވިދާޅުވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުން ބަލިވި މައިގަނޑު ސަބަބަކީ އެމްޑީޕީ އުފެދުނީއްސުރެ އުޅުނު ބަޔަކު ޕާޓީ ދޫކޮށް ދިޔުން ކަމަށެވެ.
"އަޅުގަނޑު ހިތުން މިއަދު މިއީ އެ ބޭފުޅުން (ޑިމޮކްރެޓްސް) ވެސް ވިސްނަންވީ ވަގުތު. މިއީ ހަމަ އަޅުގަނޑުމެންގެ އެންމެންގެ ޕާޓީ. އެންމެން އެކީގައި އުފައްދާފައި އޮތް ޕާޓީ. އެކީގައި ވަޑައިގަންނަވަނީ" މިދިޔަ ފަސް އަހަރު ވެރިކަން ކުރެއްވި ސޯލިހު ވިދާޅުވި އެވެ.
ޒާތީ މައްސަލަތައް އެއްފަރާތްކޮށް އެކުގައި މަސައްކަތްކުރުމުގެ ދައުވަތު ދެއްވަމުން ސޯލިހު ވިދާޅުވީ ފެށި މަސައްކަތް އަދި ނުނިމޭ ކަމަށެވެ.
ސޯލިހު އެހެން ވިދާޅުވީ ވީޑިއޯ ކްލިޕް އެކްސްގައި ހިއްސާކުރައްވާ ނަޝީދު ވިދާޅުވީ "ބޮޑު ތެދުފުޅެއް" ކަމަށެވެ.
"ތި ވިދާޅުވި މިސްރާބު އަޅުގަނޑުމެން އެންމެންނަށްވެސް ހޯދޭނެ ކަމުގެ އުއްމީދު އަޅުގަނޑުވެސް ކުރަން" މަޖިލީހުގެ ރައީސްކަން މީގެ ކުރިން ކުރެއްވި ނަޝީދު ކުރެއްވި ޓްވީޓްގައި ވިދާޅުވި އެވެ.