މަސްވެރިންނަށް ނުދެވި ހުރި ފައިސާ މިއަދު ދޭން މަސައްކަތް ކުރަނީ
މަސްވެރިން މިފްކޯއަށް ކިރުވާފައިވާ މަހަށް ނުދެވި ހުރި ފައިސާ މިއަދު ދިނުމަށް މަސައްކަތް ކުރަމުން އަންނަކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކަމްޕެނީ ލިމިޓެޑް (މިފްކޯ) އިން ބުނެފިއެވެ.
މިފްކޯއިން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މަސްވެރިންނަށް ދޭންޖެހޭ ފައިސާ ހަމަޖައްސަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މަޢުލޫމާތު ލިބޭ ގޮތުގައި ދޫކުރަން ހަމަޖެހިފައިވަނީ 52 މިލިއަން ރުފިޔާ ކަމަށް މިފްކޯއިން ބުންޏެވެ.
“މައުލޫމާތު ލިބެނީ 52 މިލިއަން [ރުފިޔާ] ސެޓްލް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް. އެެހެން ނަމަވެސް، ކޮންފަމޭޝަން އަދި އަޅުގަނޑުމެންނަށް ނުލިބޭ،" މިފްކޯގެ މެސެޖްގައިވެއެވެ.
މިފްކޯއިން މިފަދައިން ބުނެފައިވަނީ މަސްވެރިންނަށް ގިނަ ދަތިތަކެއް ކުރިމަތިވެފައިވުމާއިއެކު މާލެ ސަރަހައްދާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މުޒާހަރާ ކުރަމުންދާ ދަނޑިވަޅެއްގައެވެ. ދާދި ފަހުން މާލެ ސަރަހައްދުގައި ރިޔާސީ ފާލަން ހުންނަ ސަރައްދާއި އެމްއެމްއޭ ކުރިމަތީގެ ފަޅުތެރޭގައިވެސް މަސްވެރިން ވަނީ އިހުތިޖާޖްކޮށްފައެވެ.
މީގެ ކުރިން މިފްކޯއިން މަޢުލޫމާތުދީފައިވާ ގޮތުގައި މަސްވެރިންނަށް ނުދެވި ހުރީ 80 މިލިއަނާއި ގާތްކުރާ އަދަދެއްގެ ފައިސާއެވެ. މިދިޔަ މަހުގެ 9 ވަނަ ދުވަހުން ފެށިގެން މިމަހުގެ މިހާތަނައް މިފްކޯއިން 52.6 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށްވެސް މިފްކޯއިން މައުލޫމާތުދެއެވެ.
ޕެންޑިންގައި ހުރި ފައިސާ ކްލިއަރކުރުމަށް ފިޝަރީޒް މިނިސްޓްރީއާއި ސަރުކާރުކާރާއިއެކު މިފްކޯއިން ދަނީ މަސައްކަތް ކުރަމުންނެވެ.