ޚަބަރު

ހައްލު ލިބޭނީ ޚަރަދު ކުޑަކޮށްގެން، އިޤްތިޞާދު ކުރިއަރައިގެން އެކަނި ހާލަތު ބަދަލެއް ނުވާނެ: އާޑަމް

މަރިޔަމް އުމްނާ އިސްމާޢިލް ، ދެން އޮންލައިން
ވޯލްޑް ބޭންކްގެ ކަންޓްރީ އިކޮނޮމިސްޓް އާޑަމް އޭޓަސް

ހަމައެކަނި ރާއްޖޭގެ އިގްތިސާދު ކުރިއަރައިގެން ނުވަތަ ފައިނޭންސިން ހޯދައިގެން ގައުމު މިހާރު ވެއްޓިފައިވާ އިގްތިސާދީ އަނދަވަޅުން އަރައިގަނެވެން ނެތް ކަމަށް ވޯލްޑް ބޭންކްގެ ކަންޓްރީ އިކޮނޮމިސްޓް އާޑަމް އޭޓަސް ވިދާޅުވެއްޖެ އެވެ.

Ads by Hajj Corporation

އޭނާ އިއްޔެ 'އެކްސް' ގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ރާއްޖޭގެ އިގްތިސާދަށް މި ހާލަތު ކުރިމަތިވީ، ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި ދަރަނި އިތުރުވެ، އެ މުއްދަތުގައި ފިސްކަލް އަދި ކަރަންޓް އެކައުންޓް ޑެފިސިޓް އިތުރުވުމުން ކަމަށެވެ.

"އިގްތިސާދީ ކުރިއެރުން އައިސްގެން ނުވަތަ އިތުރު ފައިނޭންސިން ހޯދައިގެން މި މައްސަލަ ހައްލެއް ނުކުރެވޭނެ." އާޑަމް ވިދާޅުވި އެވެ.

މިހާރު ކުރިމަތިވަމުންދާ މައްސަލަތައް ހައްލުވާނީ އޭނާ ވިދާޅުވި ގޮތުގައި ދައުލަތުގެ ހަރަދުތައް ކުޑަކޮށްގެން ނެވެ. އަދި ހަރަދުތައް ކުޑަކޮށްފިނަމަ، އެމްއެމްއޭގެ ރިޒާވް ހިފެހެއްޓުމަށް ބާރުލިިބި، މެދު ރާސްތާގައި ދަރަނީގެ ހާލަތު ރަނގަޅުވާނެ ކަމަށެވެ.

"އިސްލާހީ ފިޔަވަޅުތައް ތަންފީޒުކުރަން ސަރުކާރުން ކުރާ މަސައްކަތަށް މަރުހަބާ ކިޔަން" އޭނާ ވިދާޅުވި އެވެ.

ބޭރު ފަރާތްތަކުން ނަގާފައިވާ ދަރަނިތައް ނުދެއްކިދާނެ ކަމަށް ބަލައި އެމެރިކާގެ ކްރެޑިޓިން އޭޖެންސީ ފިޗުން ވަނީ ރާއްޖޭގެ ރޭޓިން ބީ- އިން ސީސީސީ+ އަށް ދަށްކޮށްފަ އެވެ. ރާއްޖޭގެ ރޭޓިން ދަށްކުރި ސަބަބުތަކުގެ ގޮތުގައި އެ އޭޖެންސީން ބުނީ، ދަރަނިތައް އަދާކުރުމަށާއި ޑޮލަރު އަގު ހިފެހެއްޓުމަށް އާ ސަރުކާރަށް ގޮންޖެހުންތަކާއި ކުރިމަތިވެފައިވާ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!