ޖަޕާނާ ގުޅިގެން ރާއްޖޭގެ ހުރިހާ ރަށެއްގައި ފެން ހިންދާ ނިޒާމު ގާއިމް ކުރަނީ

ވެރިރަށް މާލެ ސިޓީ ހިމެނޭހެން ރާއްޖޭގެ ހުރިހާ ރަށެއްގައި ފެން ހިންދަން ބޭނުންވާ ޕަމްޕުތައް ފޯރުކޮށްދިނުމުގެ މަޝްރޫއެއް ޖަޕާނު ސަރުކާރާ ގުޅިގެން ކުރިއަށްދާކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީގައި ވާހަކަދައްކަވަމުން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ޙިސާން ހުސެއިން ވަނީ މިމަޝްރޫއުގެ މައުލޫމާތު ހިއްސާކޮށްފަ އެވެ. އެގޮތުން ވިދާޅުވީ ޖަޕާނު ސަރުކާރާ ގުޅިގެން ކުރިއަށްގެންދާ މަޝްރޫޢެއްގެ ދަށުން އަންނަ އަހަރުގެ ކުރީކޮޅު، ރާއްޖެއަށް ކާރިސާތަކުން އަރައިގަތުމަށް ބޭނުންވާ އެކި އާލާތްތައް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެ މަޝްރޫއުގެ ދަށުން އަތޮޅުތެރޭގެ ހުރިހާ ރަށަކާއި މާލެ ސިޓީ ހިމެނޭހެން ފެން ބޮޑުވާ ހާލަތުގައި ބޭނުންކުރާނެ ވަޞީލަތް ހޯދުމަށް މަސައްކަތް ކުރިއަށްދާކަމަށް ޙިސާން ވިދާޅުވި އެވެ.
"60 މިލިއަން ޔެންގެ މަޝްރޫޢެއްގެ ދަށުން ރާއްޖެއަށް ތަކެތި ފޯރުކޮށްދިނުމަށް ޖަޕާނާއެކު ޕްރޮޖެކްޓެއް އެބަ ކުރިއަށްގެންދަން. މިތަކެތި އަޅުގަނޑުމެންނަށް އަންނަ އަހަރުގެ ކުރީކޮޅު ލިބޭނެކަމަށް މިހާރުވަނީ އަންގާފައި"
ޖަޕާނުން ފޯރުކޮށްދޭނީ ވާރޭވެހި ފެން ބޮޑުވާ ޙާދިސާތަކުގައި ފެން ހިންދުމަށް ބޭނުންވާ ޕަމްޕެވެ. މި ޕަމްޕުތައް ރާއްޖޭގެ ހުރިހާ ރަށަކަށް ފޮނުވާނެ އެވެ.
މީގެ އިތުރުން މާލެ ސިޓީއަށް ކުރިމަތިވާ ދަތިތައް ޙައްލުކުރުމަށް ފްލަޑް ޕަމްޕެއް މާލެ ސިޓީ ކައުންސިލަށް ހޯދުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެއިތުރުން އަލިފާނުގެ ޙާދިސާތަކުން ރައްކާތެރިވުމަށް 40 ފަޔަރ ފައިޓިންގ ޕަމްޕާއި 4 ފަޔަރ ފައިޓިންގ ވެހިކަލްވެސް މިމަޝްރޫއުގެ ދަށުން ލިބޭނެ އެވެ.

އެންޑީއޭގެ މެމްބަރުން ބައިވެރިވި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ
ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި ހިސާން ވަނީ އެންޑިއެމްއޭ ހިންގަން ކުރިމަތިވާ ދަތިތަކަށްވެސް އަލިއަޅުއްވާލައްވައިފަ އެވެ. އެގޮތުން އޭނާ ވިދާޅުވީ އޮތޯރިޓީ އުފެދިގެން މިވީ 20 އަހަރު ތެރޭގައި އެކަށީގެންވާ ޢިމާރާތެއް ނެތުމާއި، ވޭތުވެދިޔަ ސަރުކާރުތަކުން އެއޮތޯރިޓީގެ ޢިމާރާތް އެޅުމަށް ބިން ހަމަޖައްސައި ނުދިނުމުގެ ކަންބޮޑުވުންވެސް އެބައޮތް ކަމަށެވެ.
މީގެއިތުރުން ރާއްޖޭގައި ވަޞީލަތް ނެތް މިންވަރުން ޢިމާރާތް ކުރުމުގެ ސަބަބުން ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރިމަތިވަމުންދާ ދަތިތައް އެއޮތޯރިޓީން ވަނީ ކޮމިޓީއާ ހިއްސާކޮށްފަ އެވެ.