Friday, 13 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ނިޝާންތައް ފެންނަން ހުއްޓަސް، ޖަމީލަށް އަނިޔާކޮށްފައެއް ނުވޭ: ފުލުހުން

ނިޝާންތައް ފެންނަން ހުއްޓަސް، ޖަމީލަށް އަނިޔާކޮށްފައެއް ނުވޭ: ފުލުހުން

މާފުށީ ޖަލުގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުއްޓާ އިއްޔެ ހެނދުނު ނިޔާވި ށ. ފުނަދޫ ޒަމާނީ ވިލާ މުޙައްމަދު ޖަމީލް (45 އަހަރު)ގެ ހަށިގަނޑުން އަނިޔާކޮށްފައިވާކަމުގެ ނިޝާންތައް ފެންނަން ހުއްޓަސް ޖަލު އޮފިސަރެއް ނުވަތަ އެހެން ގައީދީއެއްގެ ފަރާތުންވެސް ޖަމީލަށް އަނިޔާކޮށްފައިނުވާ ކަމުގެ ޔަގީންކަން ފުލުހުން ދީފިއެވެ.

މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވިދާޅުވީ މިހާތަނަށް ބެލި ބެލުމުން ޖަމީލް އެންމެ ފަހުން ގޮޅިއަށް ވަދެފައި ވަނީ މަރުވި ދުވަހުގެރޭ ކުރީ ދުވަހު ރޭގެ 9:30 އެހާކަށްހާއިރު ކަމަށެވެ. އޭގެ ފަހުން ގޮޅިއަށް އެއްވެސް މީހަކު ވަދެފައިނުވާ ކަމަށެވެ. އަދި ހެނދުނުގެ 6:30 ހާއިރު ޕްރިޒަން އޮފިސަރުން އާންމު އުސޫލުން ގޮޅިއަށް ވަދެފައިވާ ކަމަށެވެ.

އޮފިސަރުން ގޮޅީގެ ދޮރު ހުޅުވި ނަމަވެސް ގޮޅިއަށް ވަދެފައިނުވާ ކަމަށާއި ސަބަބަކީ އެވަގުތު ވެސް ޖަމީލް އޮތީ ސަޖިދައިގައި އޮންނަ ގޮތައް އެ މަގާމުގައި ކަމަށްވާތީ އޭނާ ހުރީ ނަމާދަށް ކަމަށް ގަބޫލުކޮށްގެން ކަމަށެވެ.

Advertisement
Allied Insurance — Square (box)

އެއަށްފަހު ޖަމީލްގެ ހަރަކާތްތަކެއް ފާހަގަކުރެވެމުން ގޮސް އިއްޔެގެ 7:43ހާއިރު ޖަމީލްގެ އެންމެ ފަހުގެ ހަރަކާތް ފޫޓޭޖްގެ ޒަރިއްޔާޔިން ފެނިފައިވާ ކަމަށެވެ. އެހެންކަމުން ޖަމީލްގެ ހަށިގަނޑުން ބައެއް ކަހަލަ ނިޝާންތައް ފެންނަން ހުރި ނަމަވެސް އެއްވެސް ފަރާތެއްގެ ޖިސްމާނީ އަނިޔާއެއް ލިބިފައި ނުވާ ކަމަށް ވިދާޅުވިއެވެ.

"މިދެންނެވި ހުރިހާ ކަމެއް މިހެން ހުރުމާއެކު އަޅުގަނޑުމެން އަދިވެސް ތަކުރާރުކޮށް މި ވިދާޅުވަނީ އަޅުގަނޑުމެންނަށް މިދެންނެވުނު ހަށިގަނޑުން ބައެއް ކަހަލަ ނިޝާންތައް ފެންނަން ހުރި ނަމަވެސް އެއްވެސް ފަރާތެއްގެ ޖިސްމާނީ ނުވަތަ ފައުލް ޕްލޭ އެއް އޮތް ކަމަކަށް ގަބޫލެއް ނުކުރެވޭ" ފުލުހުން ވިދާޅުވިއެވެ.

އަދި އޭގެ ފަހުން އިތުރު ތަހުގީގު ކުރުމަށް ޖަމީލްގެ ހަށިގަނޑު މާލެ ގެނެސް އާންމު އުސޫލުން މި ބާވަތްތަކުގެ މައްސަލަތައް ތަހުގީގު ކުރުމަށް ގެންގުޅޭ މިންގަނޑުގެ ތެރެއިން ސީޓީ ސްކޭނެއް ވެސް ހަދާފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެއެވެ.

ހަށިގަނޑު އޮޓޮޕްސީ ހެދުމަށް ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރުމުން ހަށިގަނޑު އިތުރަށް ބާއްވަން ޖެހޭ ހާލަތެއް ފާހަގަކުރެވިފައިނުވާތީ އާއި ފުލުހުންގެ ތަހުގީގަށް ވެސް އެފަދަ އެއްވެސް ހާލަތެއް އޮތް ކަމަށް ނުބެހެވޭތީ އިއްޔެގެ 18:10 ހާއިރު ވަޅުލުމުގެ ހުއްދަ ދީ ހަށިގަނޑު އާއިލާއާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އަދި ވަޅުލުމުގެ ކަންކަން ކުރިޔަށްގެންދިޔުމަށް އާއިލާއިން ހަށިގަނޑު ހުޅުމާލެ ސަހަރާއަށް ގެންގޮސްފައިވާ ކަމަށާއި ނަމަވެސް ހަށިގަނޑު އާއިލާއާ ހަވާލު ކުރި ފަހުން އާންމުކޮށް މީސް މީޑިއާގައި ހަށިގަނޑުގެ އެކި ކަހަލަ ފޮޓޯތައް ނަގައި ދައުރުކޮށްފައިވާ ކަމަށެވެ.

"އަދި އެގޮތައް ދައުރުކޮށްފައިވާ ފޮޓޯތަކުގެ ތެރޭގައި ޖިސްމާނީ ގޮތުން ބައެއްގެ ފުށުން ނުވަތަ މީހެއްގެ ފުށުން ބޮޑެތި އަނިޔާތައް ލިބިފައި ހުރި ކަން ދޭހަވާ ގޮތައް އެކިއެކި ސުރުހީތަކުގަ އެ ފޮޓޯތައް ދައުރުކޮށްފައިވާ ކަން ހިތާމައާއެެކު ދަންނަވަން" ފުލުހުން ވިދާޅުވިއެވެ.

އެފަދަ ސަބަބުތައް ހުރުމާއެކު އެ މިންވަރުން ހަށިގަނޑު ދޫކޮށްފި ނަމަ އާއިލާއަށް ނުވަތަ ތަހުގީގައް އިތުރަށް ކަށަވަރުކުރަން ޖެހޭ ކަންތައްތައް ހުންނާނެ ކަމަށް ބަލައި ހަށިގަނޑުގެ އޮޓޮޮޕްސީއެއް ހެދުމަށް ނިންމާ ރޭގެ 12 ޖެހުމާ ގާތްވެފައި ވަނިކޮށް އާއިލާއާ މަޝްވަރާކުރުމަށް ފުލުހުން ސަހަރާއަށް ގޮސްފައިވާ ކަމަށް މައުލުމާތު ދީފައިވެއެވެ.

ނަމަވެސް ވަޅުލުމުގެ ކަންކަން ކުރިޔަށްގެންދަން ބޭނުންވާ ކަމަށް ބުނެ ހަށިގަނޑު އިތުރަށް ފުލުހުންނާ ހަވާލުކުރުމަށް އާއިލާއިން އިންކާރުކޮށްފައިވާ ކަމަށާއި އެކި ގޮތްގޮތުން އާއިލާގެ މެމްބަރުންނާ މަޝްވަރާކުރި ކަމަށާއި ނަމަވެސް އެކަމަށް އެދެވޭ އެއްވެސް ކުރިއެރުމެއް ނުލިބި ފަތިސް ނަމާދަށް ފަހު މިއަދު 6:30 ހާއިރު ހަށިގަނޑު ވަޅުލާފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދިނެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް

މި ލިޔުމަށް ކޮމެންޓް ކުރުން ވަނީ ބަންދުކޮށްފައެވެ.