ޚަބަރު ރައްޔިތުންގެ މަޖިލިސް

ކުރީ ސަރުކާރުގައި ދަރަނިން މަޝްރޫއުތައް ހިންގީ ބަޔަކު މުއްސަނދިވާން: އަޒާން

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން

ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގައި ބޮޑެތި އަދަދުތަކުން ދަރަނި ނަގައިގެން ނުއަގުގައި މަޝްރޫއުތައް ހިންގީ ބަޔަކު މުއްސަނދިވުމުގެ ބޭނުމުގައި ކަމަށް ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ވިދާޅުވެއްޖެ އެވެ.

Ads by MWSC

ދައުލަތުގެ ދަރަންޏާއި ބެހޭ ބިލަށް ބަހުސް ކުރައްވަމުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަޒާން ވިދާޅުވީ ދިވެހި ދައުލަތުގެ ދަރަނި އަތް ނުފޯރާ ފަށަށް ގޮސް 120 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށެވެ. މިހާލަތު އުފެއްދީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ނޫން ކަމަށާއި މިސަރުކާރު އައިއިރުވެސް ދަރަނި އޮތީ މިއަދަދުގައި ކަމަށް އަޒާން ވިދާޅުވި އެވެ.

"ދަރަނި ނެގުމަކީ އޭގެ ޒާތުގަ އެއްވެސް މައްސަލައެއް ނޫން. ދަރަނި ނަގައިގެން އެފައިސާ ބޭނުންކުރާ ގޮތަކުން އޭގެ އާހިރު ނަތީޖާ މި ނިކުންނަނީ"

އަޒާން ވިދާޅުވީ އެމްޑީޕީގެ ސަރުކާރުން 60 ބިލިއަން ރުފިޔާއިން ދަރަނި އިތުރު ކުރިއިރު އާމްދަނީ ވަންނާނެ އިތުރު ކަންތައްތަކެއް އެފައިސާއިން ކޮށްފައި ނުވާ ކަމަށެވެ. މައިގަނޑު ގޮތެއްގައި ދަރަނިން ކުރި ކަމަކީ ރިކަރަންޓު ހަރަދު އިތުރު ކުރުން ކަމަށް އަޒާން ވިދާޅުވި އެވެ.

ދަރަންޏަށް ނެގި ފައިސާއިން ރަށްރަށުގައި މަޝްރޫއުތައް ހިންގި ނަމަވެސް އޭގެ ސަބަބުން ދައުލަތަށް ފައިސާ އިތުރުވާނެ އެއްވެސް މަޝްރޫއެއް ހިންގާފައި ނުވާކަމަށް އަޒާން ވިދާޅުވި އެވެ. މިސާލެއްގެ ގޮތުން އަޒާން ފާހަގަކުރެއްވީ ފެނަކައިން އެކި ރަށްރަށުގައި ޒަމާނީ އިންޖީނުގޭގެ ނަމުގައި އިމާރާތްތަކެއް އަޅަން އަސްލު އަގާއި ނުބައްދަލު އަގުތަކެއް ކިޔައި ބަޔަކު މުއްސަނދިވި ކަމެވެ.

"އެކި ރަށްރަށުގަ މަލްޓިޕާޕަސް ހޯލު އެޅުމުގެ ނަމުގަ ހަމަ މިފަދަ ކޮރަޕްޓް އެތައް މަޝްރޫއުތަކެއް ހިންގިތަން ފެނުނީ."

އަޒާން ވިދާޅުވީ ކުރީ ސަރުކާރުން އުފެއްދި ދަރަންޏާ ހަވާލުވާން ޖެހުނީ މި ސަރުކާރަށް ކަމަށެވެ.

މިހާރު މަޖިލީހަށް ހުށަހަޅައި ބަހުސް ކުރެވެމުންދާ ބިލަކީ ކުރިއަށް އޮތް ތަނުގައި އެހެން ސަރުކާރެއް އަޔަސް ގެއްލުމުގެ ގޮތުގައި ދަރަނި ނުނެގޭނެ ގޮތަށް ފަރުމާ ކުރެވިފައިވާ މުހިންމު ބިލެއްކަމަށް އަޒާން ވިދާޅުވި އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!