މިހާލަތަށް އިގްތިޞާދު ދިޔައީ ހޯހޯއޭ ގޮވަގޮވާ ތިއްބާ ފައިސާ ޗާޕު ކުރުމުން: އައިބީ
ބައިނަލްއަގުވާމީ ޖަމިއްޔާތަކާއި ބޭންކުތަކުން ރާއްޖެއިން ފައިސާ ޗާޕު ނުކުރަން ހޯހޯ ގޮވަމުން ދަނިކޮށް ފައިސާ ޗާޕު ކުރުމުގެ ނަތީޖާ މިއަދު ގައުމުގެ އިގްތިޞާދުން ފެންނަމުން ދާކަމަށް ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ (އައިބީ) ވިދާޅުވެއްޖެ އެވެ.
ދަރަންޏަށް ޒިންމާވުމުގެ ބިލާއި ގުޅޭގޮތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށް ދިޔަ ބަހުސްގައި ވާހަކަ ދައްކަވަމުން މެމްބަރު އައިބީ ވިދާޅުވީ އެހެން ސަރުކާރެއް މިއަދު އޮތްނަމަ މިއަށްވުރެއް ނުބައިކޮށް ކަންކަން ދުއްވައިލީސް ކަމަށެވެ. ސްކޫލު ކުދިންގެ ފޮތްތައް ޗާޕު ކުރާ ބީދައިން ފައިސާ ޗާޕުކޮށްގެން ބަހަން ފަސޭހަ ވާނެ ކަމަށާއި ރާއްޖޭގެ އިންފްލޭޝަން ކިތަންމެ މައްޗަށް ދިޔަސް އަޅާނުލައި ތިބެންވެސް ފަސޭހަވާނެ ކަމަށް އައިބީ ވިދާޅުވި އެވެ.
އެހެންނަމަވެސް ދަރަނި މެނޭޖުކުރުމަށް ގާނޫނަށް އިސްލާހު ގެންނަން މިއަދު ސަރުކާރުން މަސައްކަތް ކުރަނީ އެހެން ކަންކަން ނުކުރަން ކަމަށް އައިބީ ވިދާޅުވި އެވެ. މިއަދު މަޖިލީހުގައި އެމްޑީޕީގެ މެމްބަރުން ތިބެ އެބިލާއި ދެކޮޅަށް ވާހަކަ ދައްކަވަން ލަދު ގަންނަން ޖެހޭނެކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
"އޭރު އަނގަ ހުޅުވާކަށް ނުކެރުނު މިއިން ބޭފުޅަކަށް. އޭރު ނޫންތޯ މިކަހަލަ ބިލުތައް ވައްދައިގެން މިރާއްޖޭގެ ދަރަނި 56 ބިލިއަނުގަ 40 އަހަރު އޮއްވާ، އަޅުގަނޑު ދަންނަވާނީ އެއަށްވުރެއްވެސް ގިނަ ޒަމާން ވެއްޖެއޭ. އޮއްވާ މިބޭފުޅުންގެ ވެރިކަމުގަ 64 ބިލިއަނަށް ދަރަނި އަރުވައިލީ."
އައިބީ ވިދާޅުވީ އޭރުގެ ސަރުކާރުން ރާއްޖޭގައި ފޮތް ޗާޕު ކުރިވަރަށްވުރެއް ގިނައިން ފައިސާ ޗާޕު ކުރަމުން ދިޔައީ އައިއެމްއެފްއާއި ވޯލްޑް ބޭންކު ފަދަ މާލީ އިދާރާތަކުން ރާއްޖެއަށް ދަތުރުކޮށް "ހޯހޯ ގޮވަމުން" ދަނިކޮށްކަމަށެވެ. އެމްޑީޕީގެ މެޖޯރިޓި އޮތް މަޖިލީހުން ގާނޫނާއި ގަވާއިދަށް ބަދަލު ގެނަސް ބޭނުން ވަރަކަށް ފައިސާ ޗާޕު ކުރަން އޭރުގެ ސަރުކާރަށް ފުރުސަތު ދިންކަމަށް މެމްބަރު ވިދާޅުވި އެވެ.
އެމްޑީޕީގެ ވެރިކަން ނިމުނުއިރު ގައުމު ބަނގުރޫޓުކޮށްފިކަން ފާހަގަކުރައްވައި އައިބީ ވިދާޅުވީ މިރާއްޖެއަށް ލިބެމުން ދިޔަ ހުރިހާ އާމްދަނީއެއް އޭރު ސަރުކާރުން ދިޔައީ "ކައިލަމުން" ކަމަށެވެ. އާމްދަނީ ހުސްކޮށް އިތުރަށް 64 ބިލިއަން ރުފިޔާއިން ދަރުވައިލިކަމަށް އައިބީ ވިދާޅުވި އެވެ.
"ހުރިހާ ވިޔަފާރިވެރިން ބަނގުރޫޓުކޮށްލާ، މުޅި ގައުމު ބަނގުރޫޓުކޮށްލާ، ކުންފުނިތައްވެސް ބަނގުރޫޓުކޮށްލާފަ ދިޔައީ. މިއަދު އަޅުގަނޑުމެން މިއުޅެނީ ކުންފުނިތައްވެސް ޒިންމާދާރު ކުރުވަން."
މިހާރު މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާ ބިލު ފާސްވެގެން ދާއިރު ކުންްފުނިތަކުންވެސް ދަރަންޏަށް ޒިންމާވާންޖެހޭނެކަމަށް މެމްބަރު އިބްރާހިމް ދީދީ ވިދާޅުވި އެވެ. ދެންވެސް އެމްޑީޕީ މެމްބަރުން މަސައްކަތް ކުރަންވީ މީގެ ތެރޭގައި ތިބެގެން ގައުމު ހަމަ މަގަށް އަޅުވަންކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
ކެންދޫ ދާއިރާގެ މެމްބަރު މައުރޫފު ޒާކިރު ނިޒާމީ މައްސަލައެއް ނަންގަވައި ވިދާޅުވީ އައިބީ ގެންދަވަނީ މައުލޫމާތު އޮޅުވާލަން މަސައްކަތް ކުރައްވަމުން ކަމަށެވެ. އެމްޑީޕީން ދަރަނި މެނޭޖުކުރުމުގެ ބިލަށް ތާއީދު ކުރާކަން މައުރޫފު ފާހަގަކުރެއްވި އެވެ.