ކުށްކުރާ ކުދިން ބައިތިއްބަން "ހޯޕް އައިލެންޑް" ހަދަން ރައީސް ނިންމަވައިފި
ކުށަށް އަރައިގަތުމުގެ ނުރައްކަލުގައިވާ ކުދިންނަށް ބޭނުންވާ ފަރުވާ ފޯރުކޮށްދިނުމަށާއި އިސްލާހީ އަދި ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުމަށް މަރުކަޒެއް (ހޯޕް އައިލެންޑް) ގާއިމުކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސް ޑރ މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ރައީސް އެގޮތަށް ނިންމެވީ އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީއިން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހު އެވެ.
އަދި އެކަރުދާހުގައި ހުށަހަޅާފައިވާ ގޮތަށް ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިންނާއި އެކި ސަބަބުތަކަށް ޓަކައި ކުށަށް އަރައިގަންނަން މެދުވެރިވާ ކުޑަކުދިންނަށް ބޭނުންވާ ފަރުވާއާ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން ބަޔާންކުރާ "ލޯންގް ޓާމް ރެސިޑެންޝަލް ކެއާ ފެސިލިޓީ" މީހުން ދިރިނޫޅޭ ވަކި ރަށެއްގައި (ކުރިން މީހުން ދިރިއުޅެފައި، އުމްރާނީ ތަރައްގީގެ ކަންކަން ހަމަޖެހިފައިވާ ރަށެއްގައި) ގާއިމުކުރުމަށް ނިންމަވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މީގެ އިތުރުން އެފަދަ މަރުކަޒެއްގައި ހުންނާނެ ފެސިލިޓީތަކާއި މަރުކަޒުގައި ހިންގާނެ ޕްރޮގްރާމުތަކުގެ ތަފުސީލުތައް އެ ކަރުދާހުގައި ހިމަނާފައިވެ އެވެ.
މީގެ ކުރިން ބޭއްވި ޕްރެސް ބްރީފިންއެއްގައި ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައިވާ ގޮތުން އެ މަރުކަޒުތައް ގާއިމުކުރެވުމުން، އާއިލާތަކަށް ނުބެލެހެއްޓޭ ކުދިންނާއި، އަހުލާގީ ގޮތުން މުޖުތަމައުއިން އެކަހެރި ވެގެންދާ ކުދިންނާއި، އެޓް ރިސްކުގައި ތިބޭ ކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ނަގަމުން ދާނެ ކަމަށެވެ.
އޭގެ އިތުރުން، އެކި އެކި ކުށްތަަކަށް އަރައިގަންނަ ފަރާތްތަކާ އެކުގައި ކުށުގެ މާހައުލުން ތަކުރާކުރުން، ފުލުހުންނާ ހިދުމަތްދޭ ފަރާތްތަކާ ދިމާވާ ކުދިން ވެސް ދައުލަތުގެ ބެލުމުގެ ދަށަށް ނަގަމުން ދާނެކަމަށްވެސް ވިދާޅުވި އެވެ.
އަދި ދައުލަތުގެ ބެލުމުގެ ދަށަށް އެގޮތަށް ކުދިން ނެގޭނީ ކޯޓުން ހުކުމް ކުރުމުން ކަމަށާއި، ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ނެގުމަށް ފަހު ކުއްޖާއަށް 18 އަހަރު ވަންދެން ކެއާ ފެސިލިޓީގައި ބެލެހެއްޓުން ކަމަށެވެ.
އެ ފެސިލިޓީ ހެދުމަށް ފުލުހުންގެ ތަމްރީންތައް ކުރިއަށްގެންދާ ދ. ވާނީގައި ފުރުސަތު އޮތްތޯ ބެލުމުގެ މަސައްކަތްތައް ފަށާފައިވާ ކަމަށް ވަޒީރު ވިދާޅުވެފައިވެ އެވެ.