ޚަބަރު ރައްޔިތުންގެ މަޖިލިސް

ގަވަރުނަރު ވަކިކުރަން ލަފާދޭން ނިންމައިފި

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް ލަފާ އަރުވަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފި އެވެ.

Ads by MWSC

މިމައްސަލަ ކޮމިޓީއަށް ހުށަހެޅުއްވީ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް އެވެ. ނާޒިމް ވިދާޅުވެފައިވާ ގޮތުން މި ސަރުކާރުން މިހާރު ތައްޔާރުވެފައިވަނީ ގައުމުގެ ފިސްކަލް ހާލަތު ރަނގަޅު ކުރުމަށްޓަކައި އިކޮނޮމިކް ރިފޯމް އެޖެންޑާއެއް އެކުލަވުމަށެވެ.

އެހެންކަމުން އާ ގާނޫނުތަކެއް ތައާރަފުކޮށް އެ ގާނޫނުގެ ދަށުން މުޅިން އާ ސިޔާސަތުތަކެއް މިސަރުކާރުން ތަންފީޒު ކުރާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ. އެހެންނަމަވެސް ދައުލަތުގެ މަނިޓަރީ ޕޮލިސީ ކޮންޓްރޯލް ކުރުމަކީ ގަވަރުނަރު އަދާކުރައްވަންޖެހޭ މަސްއޫލިއްޔަތެއްކަމަށް ނާޒިމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަންވެސް ކުރައްވާ ނާޒިމް މިއަދު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައިވެސް ވަނީ ގަވަރުނަރުގެ އެއްވެސް އެހީތެރިކަމެއް މި ސަރުކާރަށް ނުލިބޭކަމަށް ވިދާޅުވެފަ އެވެ. މާލީ ހާލަތާއި ގުޅިގެން އެއްވެސް ލަފައެއް ނުދެއްވާ ކަމަށް ވިދާޅުވެ މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރައްވާ ކަމުގެ ތުހުމަތު ނާޒިމް، އަލީ ހާޝިމްގެ މައްޗަށް ކުރެއްވި އެވެ.

ގަވަރުނަރުގެ މަގާމަށް އަލީ ހާޝިމް އައްޔަނު ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގައި 2019 ވަނަ އަހަރު އެވެ. އޭގެ ކުރިން ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގެ އޭނާ ވަނީ ފިނޭންސް މިނިސްޓަރުގެ މަގާމުވެސް އަދާކުރައްވައިފަ އެވެ.

ރާއްޖޭގެ މާލީ ހާލަތު ދަށަށް ދިޔުމުގެ ސަބަބުން ސަރުކާރުން ދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ގާނޫނުތަކަށް ބަދަލު ގެނައުމާއި ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އެޅުންވެސް މީގެ ތެރޭގައި ހިމެނެ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!