ޤާސިމްގެ ޝަކުވާ; ހޯޑެއްދޫ ނިންމަން ލޯނެއް ދޭން އާދޭސްކުރިއިރުވެސް ކުރީ ސަރުކާރުން ނުދިން
ގދ. ހޯޑެއްދޫގައި ވިޔަފާރިވެރިޔާ ޤާސިމް އިބްރާހީމްގެ ހޮރައިޒަން ފިޝަރީޒްއިން އަޅާފައިވާ މަސް ފެކްޓްރީ އޮޕަރޭޝަނަށް ގެންނަން ބޭނުންވާ ފައިސާ ލޯނެއްގެ ގޮތުގައި ދޭން ސަރުކާރުގައި އެދުމުން ވެސް އެކަން މިދިޔަ ސަރުކާރުން ކޮށްނުދިން ކަމަށް ވިދާޅުވެ އެމަނިކުފާނުގެ ޝަކުވާތައް ބަންޑުން ކޮށްލައިފި އެވެ.
މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ރިޔާސަތުގައި އިންނަވާ ޤާސިމް ވަނީ މިއަދު ކުރިޔަށްދިޔަ ބަހުސްގައި އެކި ފަހަރު މަތިން ބައިވެރިވެ ވަަޑައިގެންފަ އެވެ. މިއަދު މާލިއްޔަތު ކޮމިޓީއަށް ހުށަހަޅާފައިވަނީ މާކެޓް ރޭޓަށް މަސް ގަތުމަށް ސަރުކާރުން ނިންމުމާ ގުޅިިގެން އެމައްސަލަ އެވެ.
މަސްވެރިކަމުގެ ސިނާއަތުގައި ވިިޔަފާރި ކުރަމުން އަންނަ ޤާސިމް އިބްރާހީމް ވަނީ ސަރުކާރުގެ އެ ނިންމުމަށް ތައުރީފް ކުރައްވައިފަ އެވެ. އަދި ވިދާޅުވެފައިވަނީ ކުރީ ސަރުކާރުތަކުން ކަންތައް ކުރަމުން އަންނަނީ ސިިޔާސީ ބޭނުމަށް ކަމަށާއި ޕްރައިވެޓް ސެކްޓާ ކުރިއަރުވަން މަސައްކަތް ނުކުރާ ކަމަށެވެ.
"އަސްލު ޙަޤީޤަތުގައި މި ވޭތުވެދިޔަ ތިން ސަރުކާރުގެ ތެރެއިން ސަރުކާރަކުންނެއް, އެކަށީގެންވާ މަސައްކަތެއް, ރައްޔިތުންނަށް އިންސެންޓިވް ދެވޭނެ ގޮތަކަށް, ފޮރިން އެކްސްޗޭންޖް އިތުރު ކުރެވޭ ގޮތަކަށް އިންޑަސްޓްރީ ކުރިއަރުވަން މަސައްކަތެއް ކޮށްފައެއް ނެތޭ" ޤާސިމް ވިދާޅުވި އެވެ.
އެކަމަށް މިސާލު ޖައްސަވަމުން ޤާސިމް ވިދާޅުވީ, އެމަނިކުފާނުގެ ކުންފުނިން ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގެ އިންފްރާސްޓްރަކްޗަރއަށް ބޮޑެތި ޚަރަދުތަކެއް ކޮށްފައިވާނެ ކަމަށެވެ. އެގޮތުން އެމަނިކުފާނުގެ ކުންފުނިން މި ސިނާއަތަށް 250 މިލިޔަން ޑޮލަރު ޚަރަދުކޮށްފައިވާ ކަމަށް ވިދާޅުވަމުން ވިދާޅުވީ, ހޯޑެއްދޫ އޮޕަރޭޝަނަށް ގެންނަން ލޯނަކަށް އެދުމުން ކުރީ ސަރުކާރުން އެކަން ކޮށްނުދިން ކަމަށެވެ.
"އަޅުގަނޑު ސަރުކާރުގައި އާދޭސްކޮށްފައި ދެންނެވިން ހޯޑެއްދޫގެ އިންވެސްޓްމެންޓް ނިންމަން ވެގެން 100 މިލިޔަން ޑޮލަރު ދޭށޭ ފަސް އަހަރުގެ ތެރޭގައި ދައްކާ ގޮތަށް, ލޯނެއްގެ ގޮތުގައި" ޤާސިމް ވިދާޅުވި އެވެ.
ޤާސިމްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ, މިފްކޯއަށް ބޮޑެތި ލުއިތަކާއެކު, ސަބްސިޓީ ދޭއިރު, ޕްރައިވެޓް ކުންފުނިތަކަށް ވެސް އެކަންކަން ޙައްޤު ކަަމަށެވެ.