ޚިޔާލު ރިޕޯޓް

މަޖިލިސް މެމްބަރުންގެ މުސާރަ ރާއްޖެއަށް ހެޔޮވަރުކުރަން ޖެހިފައި

  • ރާއްޖޭގައި މަޖިލިސް މެމްބަރެއްގެ މުސާރަ އަކީ 82,500 ރުފިޔާ
  • ސައުތު އޭޝިއާގައި އެންމެ ބޮޑު ހޭދައެއް މެމްބަރުންގެ މުސާރައަށް ކުރަނީ ރާއްޖެއިން
  • ބަރުލަމާނީ ނިޒާމު އޮންނަ ގައުމުތަކުގައިވެސް މެމްބަރުންގެ މުސާރަ ދެގުނަ ކުޑަ
އަޒްހާން އިބްރާޙީމް ، ދެން އޮންލައިން

ރާއްޖޭގެ މާލީ ހާލަތު އިންތިހާއަށް ދަށަށް ގޮސްފި އެވެ. މިއީ މިއަދު ގަބޫލުކުރަން ބޭނުން ނުވިޔަސް ފެންނާން އޮތް ހަގީގަތެވެ. މަންޒަރު މިއަށްވުރެއް ސާފުކޮށްދޭނަމަ މިއަދު ރާއްޖޭގައި އަމިއްލަ މިނިވަން ދުވަސް ފާހަގަކުރުމަށް ކޮންމެ އަހަރަކު ބާއްވަމުން އައި ކުޅިވަރުތައް ނުބޭއްވޭ ހިސާބަށް ހާލަތު ގޯސްވެއްޖެ އެވެ. ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް ތިބޭ ސިޔާސީ މުވައްޒަފުން ރެކޯޑު އަދަދަކަށް މަދު ކުރަން ޖެހި, ކުންފުނިތަކުންވެސް ހަރަދު ކުޑަކުރަން މަޖުބޫރު ވެއްޖެ އެވެ. މިހާލަތަށް ރާއްޖެ ދިޔައިރު މަޖިލިސް މެމްބަރުންގެ ރާގު ހުރީ އުއްމީދު ކުރި ގޮތާއި މުޅިން ހިލާފަށެވެ.

Ads by Sosun Fihaara

އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި ރައްޔިތުންގެ މަޖިލީހަށް ލިބޭ މުސާރަ ކުޑަ އިއްޒަތްތެރި ރައީސް. މި އިއްޒަތްތެރި މަޖިލީހުގެ މެމްބަރުންނަށް ލިބޭ މުސާރަ ކުޑަ." ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވި އެވެ.

ޝުޖާއު ދެކިލައްވާ ގޮތުގައި ސިޓީ ކައުންސިލް މެމްބަރެއްގެ މުސާރައަކީ 30,000 ރުފިޔާ އެވެ. އެއަށްވުރެއް މަޖިލިސް މެމްބަރެއްގެ ޒިންމާތައް އެތައް ގުނައެއް ބޮޑެވެ. އެހެންކަމުން މިހާރު މަޖިލިސް މެމްބަރަކަށް ލިބޭ މުސާރަ  ވަރަށް ކުޑަ އެވެ.

ރާއްޖޭގެ އެކި ރަށްރަށުން ހޮވިވަޑައިގެން މިތަނަށް ވަޑައިގަންނަވާ ބޭފުޅުން 20،000ރ. ގެ އެލަވަންސެކޭ ބުންޏަސް 20،000ރ. އަކުން އެބޭފުޅުންނަށް ހަަމައެއް ނުޖެއްސޭނެ ކަން އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް އިނގޭ.” ރާއްޖޭގެ އެންމެ ބޮޑު މަހުޖަނު އަދި މާމިނގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާޙިމް ވިދާޅުވި އެވެ.

ގާސިމް އިބްރާހިމް އަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރާ ބޭފުޅެކެވެ. ރިސޯޓުތަކުން އެތައް މިލިއަން ރުފިޔާއެއްގެ ފައިދާ އެމަނިކުފާނުގެ ކުންފުނިތަކުން ނަންގަވަ އެވެ. އެހެންނަމަވެސް މަޖިލިސް މެމްބަރެއްގެ ގޮތުގައި ހުންނަވައި ލިބިވަޑައިގަންނަވާ މުސާރައާއި އިނާޔަތްތައް އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި ކުޑަ އެވެ.

ރާއްޖޭގައި މަޖިލިސް މެމްބަރެއްގެ އަސާސި މުސާރައަކީ 40,500 ރުފިޔާ އެވެ. އިނާޔަތްތަކާއިއެކު 82,500 ރުފިޔާ ލިބެ އެވެ. މުޅި ޖުމްލަ 93 މެމްބަރުން މަޖިލީހުގައި ތިއްބަވާއިރު މިއިން ކޮންމެ މެމްބަރަކު ތަމްސީލު ކުރައްވަނީ ގާތްގަނޑަކަށް 5,000 އެއްހާ ރައްޔިތުންގެ އާބާދީ އެކެވެ.

އަވައްޓެރި އެހެން ގައުމުތަކުގައި މަޖިލިސް މެމްބަރުންގެ މުސާރަ ހުރި އަދަދުތަކަށް ބަލައިލަމާ ހެއްޔެވެ. ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ ކަމަށްވާ 1.4 ބިލިއަން މީހުންގެ އާބާދީއެއް އޮންނަ އިންޑިއާގައި 788 މެމްބަރުން މަޖިލިސް ތަމްސީލު ކުރައްވަ އެވެ. އިންޑިއާއަކީ ރާއްޖެއާއި ހިލާފަށް ބަރުލަމާނީ ނިޒާމެއް އޮންނަ ގައުމަކަށް ވުމުން މެމްބަރުންގެ މަސްއޫލިއްޔަތުތައްވެސް ބޮޑެވެ. އެތައް މިލިއަން ރައްޔިތުންނެއް ކޮންމެ މެމްބަރަކު ތަމްސީލު ކުރައްވަ އެވެ. އެހެންނަމަވެސް އިނާޔަތްތަކާއިއެކު މެމްބަރެއްގެ މުސާރައަކީ ގާތްގަނޑަކަށް 40,000 ދިވެހި ރުފިޔާ އެވެ.

އަވައްޓެރި ޕާކިސްތާނުގައިވެސް އޮންނަނީ ބަރުލަމާނީ ނިޒާމެކެވެ. އެގައުމުގެ މަޖިލީހުގައި 446 މެމްބަރުން ތިއްބަވަ އެވެ. އެތައް މިލިއަން ރައްޔިތުންނެއް މިއިން ކޮންމެ މެމްބަރަކުވެސް ތަމްސީލު ކުރައްވަ އެވެ. ޕާކިސްތާނުގައި މަޖިލިސް މެމްބަރެއްގެ މުސާރައަކި އިނާޔަތްތަކާއިއެކު ގާތްގަނޑަކަށް 30,000 ދިވެހި ރުފިޔާ އެވެ.

ބަންގްލަދޭޝްގައި ތިއްބަވާ 320 މަޖިލިސް މެމްބަރުންނަށް ކޮންމެ މެމްބަރަކަށް ލިބެނީ 25,000 ދިވެހި ރުފިޔާގެ މުސާރަ އެކެވެ. 22 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ސްރީލަންކާގައި 225 މެމްބަރުން މަޖިލީހުގައި ތިއްބަވާއިރު މިއިން ކޮންމެ މެމްބަރެއްގެ މުސާރައަކީ 11,000 ދިވެހި ރުފިޔާ އެވެ.

ރާއްޖެ ހިމެނޭ ސައުތު އޭޝިއާގެ ގައުމުތަކުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް މަޖިލިސް މެމްބަރުންގެ މުސާރައަށް ކުރަނީ ރާއްޖެއިންނެވެ. ރާއްޖެއިން އަހަރަކު މަޖިލީހަށް 207 މިލިއަން ރުފިޔާ ހޭދަކުރެ އެވެ. އިންޑިއާ ފަދަ ބަރުލަމާނީ ނިޒާމު އޮންނަ ގައުމުތަކުގެ މަޖިލިސް މެމްބަރުންގެ މުސާރައާއި އަޅާ ބަލާއިރު ރާއްޖެއިން ދެގުނަ އިތުރަށް ހަރަދު ކުރެ އެވެ.

މިހާރު ރާއްޖޭގައި ތަކެތީގެ އަގުތަކާއި ގެދޮރުގެ ކުއްޔަށް ބަލާއިރު އާންމު ރައްޔިތަކަށް 25,000 އެއްހާ ރުފިޔާ ލިބިގެން ފުއްދައިލެވެ އެވެ. އެހެންނަމަވެސް މަޖިލިސް މެމްބަރަކަށް ވުމުން ކުރަންޖެހޭ ހަރަދުތައް އިތުރުވެދާނެކަމަށް ގަބޫލު ކުރެވެ އެވެ. މިކަންކަމަށް ބަލައި މެމްބަރެއްގެ މުސާރައިގެ ގޮތުގައި އިނާޔަތްތަކާއިއެކު 40,000 ދިވެހި ރުފިޔާއަކީ ފުދޭނެ މިންވަރެކެވެ. އެވަރުން ނުވާނަމަ 50,000 ރުފިޔާއަކީވެސް މުސާރައިގެ ގޮތުގައި ދޭން އެކަށޭނަ އަދަދެއްކަމަށް ބުއްދިއަށް ގަބޫލު ކުރެވިދާނެ އެވެ.

މެމްބަރުން ވިދާޅުވާ ގޮތުގައި ކޮފީގެ ހަރަދަށް އެކަނި ދުވާލަކަށް 1,000 ރުފިޔާ ހޭދަކުރަން ޖެހެ އެވެ. މި ކޮފީތަކަކީ މުހިންމު ކޮފީތަކެއް ކަމަށް އެ މެމްބަރުން ވިދާޅުވެ އެވެ. މިއީ މަހެއްގެ މައްޗަށް 30,000 ރުފިޔާ އެވެ. އެހެންކަމުން ދިރިއުޅުމަށް މެމްބަރުން މި ހޭދަކުރަނީ 50,000 އެއްހާ ރުފިޔާ އެވެ.

ރާއްޖޭގެ މާލީ ހާލަތަށް ބަލާއިރު ކޮފީއަށް މި ހޭދަކުރާ ފައިސާ ކުޑަކުރުން ކިހިނެއް ވާނެ ހެއްޔެވެ. ސިއްހީ ފަރުވާއާއި އެނޫންވެސް ކަންކަމަށް މަޖިލިސް މެމްބަރުންނަށް ބޮޑެތި އިނާޔަތްތައް ލިބޭއިރު މުސާރައިން ބައެއް އުނިކުރުމަކީ މިވަގުތު ދައުލަތުގެ ހަރަދުތައް އެތައް ތަނެއް ކުޑަކުރެވިދާނެ ކަމެއްކަމަށް ފެނެ އެވެ. މަޖިލީހުގެ ހަރަދުތައް މިއޮތީ ރާއްޖެއަށް ހެޔޮވަރުކުރަން ޖެހިފަ އެވެ. މިކަން ކުރެވޭނީ ސިޔާސީ ގޮތުން ރައްޔިތުން ތަމްސީލު ކުރައްވަން ތިއްބަވާ ބޭފުޅުން ގައުމީ މަސްލަހަތު އިސްކޮށްގެންނެވެ.

Ads by HDC
  1. ކޯޓަށް ހުށަހެޅޭ ޖިނާޢީ މައްސަލަތައް ނިންމުމުގައި ލަސްވަން މެދުވެރިވާ އެންމެ ބޮޑު ސަބަބަކީ ހެކިބަސް އަދާކުރުމަށް އުޛުރުވެރިވުމާއި ، ހެކި ބަސް އަދާކުރުމަށް އިންކާރުކުރުމާއި ، ދަޢްވާ ކުރާއިރު ދީފައިވާ އެޑްރެހުގައި ދަޢްވާ ލިބޭފަރާތް ނޫޅުމެވެ. އެހެނިހެން ސަބަބުތަކުގެ ތެރޭގައި ވަކީލުން ހަމަޖެއްސުމަށް ވަގުތު ދޭންޖެހުމާއި ، ވަކީލުން ގެ ސެޑިޔުލު ބިޒީވުމާއި، ބައެއްކަހަލަ ޑޮކިޔުމެންޓްތައް ފަހުން ހޯދަންޖެހުމާއި ، މައްސަލަތައް ދުރާލާ ތާވަލު ކުރެވިފައި ، ނުހުރުމާއި، މައްސަލައި ގެ އަޑު އެހުންތައް މެދުނުކެނޑި ގެންދެވޭނެ ގޮތެއްގެ މައްޗަށް ސަމާލުކަން ދެވޭލެއް ކުޑަވުމެވެ.
    އަދި ފާއިތުވި ސަރުކާރުގައި JSC ގެ މެންބަރުންގެ ގޮތުގައި ސިޔާސީ ޕާޓީއަށް ނިސްބަތްވާ އެކްޓިވިސްޓުން ގެ މެޖޯރިޓީ އޮތުމުން ކޯޓުތަކުން ނިންމާ މައްސަލަތަކުގެ ތެރެއިން އިސްތިޢްނާފް ކުރެވޭ ޒާތުގެ ބައެއް މައްސަލަތައް ޕާޓީ ސިޔާސަތު އިސްކޮށް ސުލޫކީ މައްސަލަތައް ގޮތުގައި ، ބަލައިގަނެ ފަނޑިޔާރުކަމުގައި ހުންނަ ހާލަތުގައި ވެސް ފަނޑިޔާރު ގެ ޢަބުރު ކަތިލުމުގެ ގޮތުން ނޫސްބަޔާންތައް ނެރެ ފުރައްސާރަކުރުމުގެ ސިޔާސަތެއް JSC ގެ ސިޔާސަތުގެ ތެރެއިން ބައެއް ގޮތުގައި ތަންފީދު ކުރަމުން ގެންދިޔުމުން ދިމާވި ދަތިތަކަކީ ވެސް ވޭތުވި ދިޔަ ފަސް އަހަރު މައްސަލަތައް ލަސްވުނަށް މެދުވެރިވި ސަބަބެއް ކަމުގައި ފާހަގަކުރެވިފައި ވެއެވެ.

  2. ޑިމޮކްރަސީ

    ރައްޔިތުންގެ މަންދޫބުންގެ މުސާރަ އަދިވެސް މާކުޑާއީ ލައްކަ އަކުން ކިރިޔާވެސް ފުދޭނި އެކަމު ދިވެހި ޢާންމު މީހާއަށް މަހަކު ދިހަވަރަކަށްހާސް ލިބުނަސް އޭގެން އޭނަ ފުއްދަންޖެހޭނެ އެއީ މިޤަވްމުގެ މަތިފަޑީގަ ތިބި ރައްޔިތުންދެކެ ނުހަނު ލޯބިވާ މީހުން އެދޭގޮތް އަދި ބޭނުންވާ ގޕތަކީ ދިވެހި ޓެކްސްފައިސާއިން މިވެރިން ކުޅޭނެ ކުޅިއެއްޖަހާފަ ޤަވްމު ދަރުވަމުން ގެންގޮސް ދިވެހިން އިދަޖައްސާލުން