ޚަބަރު

ސިޔާސީ ޕާޓީތަކަށް ބަޖެޓުން ފައިސާ ދިނުން ހުއްޓާލަން އިއްބެ ގޮވާލައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު ދެމުން އަންނަ ފައިސާ ދިނުން ހުއްޓާލަން ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ހުސެއިން (އިއްބެ) ގޮވާލައިފި އެވެ.

Ads by Sosun Fihaara

އިއްބެ މިހެން ގޮވާލެއްވީ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވަމުންދާތީ އެކަމާ ގުޅޭ ގޮތުން ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ހުށަހެޅުއްވި ބިލުގެ ބަހުސްގަ އެވެ.

ސިޔާސީ ޕާޓީގެ ގާނޫނުގައިވާ ގޮތުން، ދައުލަތުގެ ކޮންމެ އަހަރެއްގެ ބަޖެޓްގެ 0.1 ޕަސެންޓް ސިޔާސީ ޕާޓީތަކަށް ދޫކުރަން ޖެހެއެވެ. މިއަހަރުގެ ބަޖެޓުން ސިޔާސީ 6 ޕާޓީއަށް 44.09 މިލިއަން ރުފިޔާ ދޫކުރިއެވެ. އެންމެ ބޮޑު އަދަދެއް ދޫކޮށްފައިވަނީ އިދިކޮޅު އެމްޑީޕީއަށެވެ. އެއީ 15.1 މިލިއަން އެވެ.

އިއްބެ ވިދާޅުވީ, އިދިކޮޅުގައިި އޮވެ ސިޔާސީ ޕާޓީތަކުން ކުރަމުން އަންނަނީ ޖެއްސުން ކަމަށާއި, ރައްޔިތުންނާ ވެރިޔަކާ ދޭތެރޭގައި ފިތުނަ އުފެއްދުން ނޫން ކަމެއް ނުކުރާ ކަމަށެވެ. އަދި މިކަމަށް ރައްޔިތުންގެ ޓެކްސް ފައިސާއިން ހަރަދު ކުރަން ޖެހޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވި އެވެ.

"ބަޖެޓް އަޅުގަނޑުމެން ހަރަދު ކުޑަކުރާ ވާހަކަ ދައްކާއިރު, ހުރިހާ ދާއިރާއަކުން ވެސް ޚަރަދު ކުޑަކުރަން ޖެހޭ" އިއްބެ ވިދާޅުވި އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރާނީ، ރައްޔިތުންގެ މަޖިލީހުން ބަޖެޓް ފާސްކުރާ ދުވަހާ ހަމަޔަށް އެ ޕާޓީއެއްގެ މެންބަރުންގެ ދަފްތަރުގައި 10،000 މީހުން ހަމަވާ ޕާޓީތަކަށެވެ.

މި އަދަދަށް މިއަހަރު މެންބަރުން ހަމަވަނީ އެމްޑީޕީ، ޕީޕީއެމް، ޖޭޕީ، ޕީއެންސީ، އެމްޑީއޭ އަދި އަދާލަތު ޕާޓީގަ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!