ޚަބަރު

ދެ އިންތިހާބު އެއްކޮށްލުމުން ހަރަދުގެ 45 ޕަސެންޓް ސަލާމަތްކުރެވޭނެ: އީސީ

  • އީސީން ބުނީ 150 މިލިއަނެއްހާ ރުފިޔާއިން ދެ އިންތިހާބު ބޭއްވޭނެ ކަމަށް
  • ފުއާދު ވިދާޅުވީ އޭރުން ރައްޔިތުންގެ ބައިވެރިވުން ވެސް އިތުރުވާނެ ކަމަށް ބެލެވޭ ކަމަށް
މަރިޔަމް އުމްނާ އިސްމާޢިލް ، ދެން އޮންލައިން
އީސީގެ މެންބަރުންތަކެއް

ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ރައީސްގެ ވިސްނުންފުޅަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ތާއީދު ކުރާ ކަމަށާއި، އެގޮތަށް ދެ އިންތިހާބު ބާއްވައިފިނަމަ، ހަރަދަށް ދާ މިންވަރުގެ 45 އިންސައްތަ ސަލާމަތް ކުރެވޭނެ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

Ads by STELCO

ރޭ ބޭއްވި ޕީޕަލްސް ނެޝަނަލް ކޮންގްރެސް, ޕީއެންސީގެ ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބާއި ދެމެދު ހޭދަވަނީ ގާތްގަނޑަކަށް ހަ ވަރަކަށް މަސް ދުވަސް ކަމަށް ވިދާޅުވެ ދެ އިންތިހާބަށް ބޮޑު ހަރަދެއް ކުރަންޖެހޭކަން ފާހަގަކުރައްވާފަ އެވެ. އެހެންވެ، އެމަނިކުފާނުގެ ވިސްނުންފުޅަކީ ދެ އިންތިހާބު އެއްކޮށް ބޭއްވުމަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށެވެ. އެކަން ކުރައްވާނީ ރައީސް ވިދާޅުވި ގޮތުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުންނެވެ.

ފުރަތަމަ ކޮންމެެވެސް އެއް ދައުރެއް ދިގު ކުރަންޖެހޭ

މިކަމާ ގުޅިގެން 'ދެން' އާ ވާހަކަ ދައްކަވަމުން އީސީގެ ރައީސް ފުއާދު ތައުފީގް ވިދާޅުވީ، އެގޮތަށް ދެ އިންތިހާބު އެއްކޮށް ބޭއްވޭނީ ކޮންމެވެސް އެއް ބައެއްގެ ދައުރު ދަންމާލައިގެެން ކަމަށެވެ.

"މިސާލަކަށް ރައީސްގެ ރިޔާސީ ޓާމް ނިމޭ ދުވަހާ މަޖިލީސްގެ ޓާމް ނިމޭ ދުވަހާ ދެ ދުވަސް ތަފާތުވެފައި އޮތީމަ އެއް ދުވަހަކަށް ހެދުމަށްޓަކައި އެކައްޗެއްގެ ޓާމް ދިގުކުރުން، ނޫނީ އެކައްޗެއްގެ ޓާމްކުޑަކުރުން. އެކަހަލަ ގޮތެއް ހައްދަވައިގެން ދެ ޓާމް ދޭތި އެކައްޗަަކަށް ހެދޭނީ." އޭނާ ވިދާޅުވި އެވެ.

ފުއާދު ވިދާޅުވި ގޮތުގައި ހަރަދުގެ ގޮތުންނާއި އީސީގެ މަސައްކަތްތަކަށް ވެސް ދެ އިންތިހާބު އެއްކޮށްލައިފި ނަމަ ލުއިވާނެ އެވެ. އަދި ގައުމުގެ އިގްތިސާދީ ހާލަތަށް ބަލާއިރު އެއީ އެންމެ ރަނގަޅު ގޮތް ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

"ދެން ހަރަދުގެ ގޮތުން ލުއިވެފަ މަސައްކަތުގެ ގޮތުން ލުއިވެފަ އަދި އަމުދުން މި ގައުމުގެ ހާލަތު އޮތް ގޮތުން، މާލީ ބޮޑު ވަޅުގަނޑެއްގައި އުޅޭތީވެ ހަމަ މުހިއްމު ފިޔަވަޅެއް ކަމުގައި އަޅުގަނޑު ދެކެނީ"

މިދިޔަ ރިޔާސީ އިންތިހާބަށް 180 މިލިއަން ރުފިޔާ ހަރަދު ކުރިއިރު މިއަހަރުު ބޭއްވި މަޖިލީސް އިންތިހާބަށް 120 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވެއެވެ. ފުއާދު ވިދާޅުވީ 150 މިލިއަނެއްހާ ރުފިޔާއަށް ދެ އިންތިހާބު ބޭއްވޭނެ ކަމަށެވެ.

"އަޅުގަނޑު ދަންނަވާނީ ހަމަ 45 ޕަސެންޓު ވަރު ސަލާމަތް ކުރެވޭނެހެން ހަރަދުގެ ގޮތުން. ...އަޅުގަނޑުމެން މިހާރު ލަފާ މިކުރާ ގޮތުން... އިތުރު ހަރަދެއް ކުރަން ނުޖެހޭނަމަ 150 މިލިއަނަށް ދެ އިންތިހާބު އެއްކޮށް ބާއްވާ ނިންމާލެވޭނެ" " ފުއާދު ވިދާޅުވި އެވެ.

ރައްޔިތުންގެ ބައިވެރިވުން އިތުރުވާނެ

އީސީގައި މެމްބަރެއްގެ ގޮތުގައި 10 އަހަރުގެ ހޭދަކުރައްވާފައިވާ ފުއާދު ދެކެވަޑައިގަންނަވާ ގޮތުގައި ދެ އިންތިހާބު އެއްކޮށްލުމުން ރައްޔިތުންގެ ބައިވެރިވުން ބޮޑުވެގެންދާނެ އެވެ. އެއީ ރިޔާސީ އިންތިހާބުތަކުގައި ވޯޓުލެވޭ އާބާދީގެ 90 އިންސައްތައާ ގާތްކުރާ އަދަދެއްގެ މީހުން ވޯޓުލާއިރު އޭގެ ފަހުން އަންނަ އިންތިހާބުތަކުގައި ވޯޓު ލާން ދާ މީހުންގެ އަަދަދު މަދުވާތީ އެވެ.

"އެއީ ރިޔާސީ އިންތިހާބަށް އަބަދުވެސް އުޅެނީ ގާތްގަނޑަކަށް 90 ޕަސެންޓާ ކައިރި އަދަދެއްގައި. 89، 90 ޕަސެންޓު އެކަހަލަ ވަރެއްގައި. އެކަމަކު މަޖިލީސް އިންތިހާބުގައި މިއުޅެނީ ގާތްގަނޑަކަށް 80 އާއިި ކައިރީގައި 79، 80، ޕަސެންޓު، އެކަހަލަ ވަރެއްގައި. އެހެންވީމާ ރިޔާސީ އިންތިހާބަށް ވޯޓު ދޭން އަންނަ އެންމެން ވެސް މަޖިލީސް އިންތިހާބުގައި ވޯޓު ދިނުމުގެ ފުރުސަތު އޮންނާނެތީ ބޮޑުވާނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ. " އޭނާ ވިދާޅުވި އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!