މުސީބާތްތަކުން ސަލާމަތް ވެވޭނީ އީމާންކަމާއި އިސްލާމްކަމުން: ހުތުބާ
މުސީބާތްތަކުން ސަލާމަތް ވެވޭނީ އީމާންކަމާއި އިސްލާމްކަމުގެ ސަބަބުން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
އާޝޫރާ ދުވަހުގެ މާތްކަމުގެ މައްޗަށް އަލިއަޅުވާލައި ހުތުބާގައި ބުނެފައި ވަނީ އެ ދުވަހަކީ ފިރުއައުނުގެ ކިބައިން މޫސާގެފާނު ސަލާމަތްކުރައްވައި، ފިރުއައުނާއި އޭނާގެ ލަޝްކަރު ގަރަގުކުރެއްވި ދުވަސް ކަމަށެވެ. މުހައްރަމް މަހުގެ ދިހަވަނަ ދުވަހަކީ ހެޔޮކަމާއި ޒިކުރާތަކާއި ފިލާވަޅުތަކުން ފުރިގެންވާ ދުވަހެއްކަން ފާހަގަކޮށް ހުކުރު ހުތުބާގައި ބުނީ މުސްލިމުންނަށް ޓަކައި، މާތް ﷲ ހާއްސަ ކުރައްވާފައިވާ ދުވަސްތަކުގެ މަތިން ހަނދުމަކޮށް އެ ދުވަސްތަކުން އިބްރަތް ހާސިލުކުރަން ޖެހޭ ކަމަށެވެ. އެއީ އެކަލާނގެ ނިއުމަތްތައް ހަނދުމަކޮށް އެކަލާނގެ މަންހަޖަށް ތަބާވުމަށް ޓަކައި ކަމަށެވެ.
މިއަދުގެ ހުތުބާގައި ބުނި ގޮތުގައި އާޝޫރާ ދުވަހުގެ ހާދިސާއިން ލިބޭ އެންމެ މުހިންމު ފިލާވަޅަކީ މާތް ﷲ އަށް އީމާންވާ މީސްތަކުންނާއި އެކަލާނގެ ނަބިއްޔުންނާއި ރަސޫލުން، ބޮޑެތި މުސީބާތްތަކުން ސަލާމަތްކުރައްވާ ގޮތް އެނގި، އީމާންކަން ހަރުދަނާ ކުރުމަށް މަސައްކަތް ކުރުމުގެ ފިލާވަޅު ކަމުގަ އެވެ. މިފަދަ ހާދިސާތަކުން އެނގެނީ މުސީބާތްތަކުން ސަލާމަތް ވެވޭނީ އީމާންކަމާއި އިސްލާމްކަމުން ކަމުގަ އެވެ. އަދި އާހިރަތުގައި ނަސްރާއި ނަސީބު ލިބުމުގެ މަގަކީ އެއީ ކަމަށާއި މާތް ﷲ އަށް އިތުބާރުކޮށް، އެކަލާނގެ ހަޒުރަތަށް ރުޖޫއަވެގެން މެނުވީ ދެ ދުނިޔޭގައި ވެސް ސަލާމަތެއް ނެތްކަން އެނގޭ ކަމުގަ އެވެ.
"ފިރުއައުނު ގަރަގުކުރެއްވި ހާދިސާއިން އެނގެނީ މާތް ﷲ އަށް ކާފިރުވެ، ދުނިޔެ ފަސާދަކުރަން އުޅޭ މީހުންނަށް، ގަދަފަދަ އަޒާބުން އަޒާބުދެއްވައި، ނެތިކުރައްވާނެކަމެވެ. އެމީހުންނަށް އެކަމުގައި ކާމިޔާބު ނުލިބޭނެކަމެވެ. އަދި އަހަރެމެން ފަސާދަޔާ ދެކޮޅަށް ތެދުވާން ޖެހޭނެކަމެވެ. ހަމައެހެންމެ، މާތް ﷲ އަށް އީމާންވާ މީހުންނަށް ދުނިޔޭގައި ވެސް އިއްޒަތާއި ޝަރަފާއި ގަދަރު ދެއްވާނެކަމެވެ،"
ހުތުބާގައި ބުނީ އާޝޫރާ ދުވަހު ރޯދަ ހިފާ މީހާ އަމަލު ކުރާންވީ ގޮތް، ކީރިތި ރަސޫލާގެ ސުއްނަތުން އެނގޭ ކަމަށެވެ. އެކަލޭގެފާނު ހަދީސްކުރެއްވި ބަސްފުޅެއްގެ މާނައިގައިވެ އެވެ. "ތިޔަބައިމީހުން އާޝޫރާ ދުވަހު ރޯދަ ހިފާށެވެ! އަދި އެ ކަމުގައި ތިޔަބައިމީހުން ޔަހޫދީންނާ ހިލާފުވާށެވެ! އެދުވަހާ އެކު އޭގެ އެއް ދުވަސް ކުރިން (އެބަހީ: ނުވަވަނަ ދުވަހު) ނުވަތަ އެއް ދުވަސް ފަހުން (އެބަހީ: އެގާރަވަނަ ދުވަހު) ތިޔަބައިމީހުން ރޯދަ ހިފާށެވެ!"
އާޝޫރާ ދުވަހު ރޯދަ ހިފުން ފިޔަވައި، އެ ދުވަހާއި އެ ރޭ "އާޝޫރާ ދުއާ" ގެ ނަމުގައި ވަކި ދުއާއެއް ކުރުމާއި އެ ރެ އާއި އެ ދުވަހު ވަކި އަޅުކަންތަކެއް ކުރަން ދީނުގައި ޝަރުއުކުރައްވާފައި ނެތް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ވަނީ ފާހަގަކޮށްފަ އެވެ.