ޚަބަރު

ޖަޕާނުން ފުލުހުންނަށް 58 ވެހިކަލް ހަދިޔާކޮށްފި

މަރިޔަމް އުމްނާ އިސްމާޢިލް ، ދެން އޮންލައިން
ޖަޕާނުން ފުލުހުންނަށް ހަދިޔާކުރި އުޅަނދުތައް

ޖަޕާނު ސަރުކާރުން ދިވެހި ފުލުހުންގެ ހިދުމަތަށް 58 އެއްގަމު އުޅަނދު ހަދިޔާކޮށްފި އެވެ.

Ads by STELCO

އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ރަސްމިޔާތެއްގައި، ފުލުހުންގެ ފަރާތުން މި އުޅަނދުތަކާ ހަވާލުވީ ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު އެވެ. ޖަޕާން ސަރުކާރުގެ ފަރާތުން މިތަކެތި ހަވާލުކޮށްދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ތަކެއުޗީ މިދޮރީ އެވެ.

ޖަޕާނުން ފުލުހުންނަށް ހަދިޔާކޮށްފައިވަނީ 54 ކާރާއި ހަތަރު ވޭން އެވެ.

މި ރަސްމިއްޔާތުގައި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ދެއްކެވި ވާހަކައިގައި އޭނާ ވަނީ މުޖުތަމައުގައި ކުށްކުރުން އިތުރުވަމުންދާއިރު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ކުރަންޖެހޭ މަސައްކަތްތައް ވެސް އިތުރުކުރަންޖެހިފައިވާ ކަން ފާހަގަކުރައްވާފަ އެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި އެކަން ކުރެވޭނީ ރަނގަޅު ވަސީލަތްތައް ފުލުހުންގެ ހިދުމަތުގައި ގާއިމުކޮށްގެން ނެވެ.

ކޮމިޝަނަރު ވިދާޅުވީ ޖަޕާނު ސަރުކާރުން ހަދިޔާކުރި އުޅަނދުތަކާއެކު އެ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށެވެ. އަދި އޭގެ ސަބަބުން ރައްކާތެރިކަމާއި ހަމަޖެހުން ގާއިމުކުރުމަށްޓަކައި ފުލުހުންގެ ގާބިލިއްޔަތު ވަރަށް ބޮޑަށް އިތުރުވެގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ސަފީރުގެ ވާހަކައިގައި އޭނާ ވިދާޅުވީ، މިއީ ޖަޕާނު ސަރުކާރުން ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް އެހީވާން ބޭނުންވާކަމުގެ ހެއްކެއް ކަމަށާއި މިކަމުގެ ސަބަބުން ފުލުހުންގެ މަސްއޫލިއްޔަތު އެންމެ ފުރިހަމަ ގޮތުގައި އަދާކުރަން ފަސޭހަވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އެގޮތުން ފުލުހުން ހިންގާ ޓްރެފިކް އޮޕަރޭޝަންތަކަށް އިތުރު ކުރިއެރުމެއް ލިބި، ކުރިއަށް އޮތްތަނުގައި އެހެނިހެން ވަސީލަތްތައް ވެސް ޖަޕާނު ސަރުކާރުން ފުލުހުންނަށް ފޯރުކޮށްދޭނެ ކަމަށެވެ. އެގޮތުން މެޓަލް ޑިޓެކްޓާ ލޭޒާ، ޕެސެންޖާ ކްރާފްޓު އަދި ރަބާ ބޯޓު ފަދަ ތަކެތި ހަދިޔާކުރައްވާނެ ކަމަށް ސަފީރު ވިދާޅުވި އެވެ.

މިރަސްމިއްޔާތުގައި ފުލުހުން ވަނީ، އެ މުއައްސަސާގެ ކުރިއެރުމަށާއި އުމްރާނީ ތަރައްގީއަށް ބޭނުންވާ އެކި ވަސީލަތްތައް ފޯރުކޮށްދިނުމުގައި ޖަޕާން ސަރުކާރުން ވަމުންދާ އެހީތެރިކަން ފާހަގަކޮށް އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ޖަޕާނު ސަރުކާރަށް ހަނދާނީ ފިލައެއް ވެސް އަރުވާފައިވެ އެވެ.
.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!