ވަކިކުރާ މައްސަލާގައި ހާޝިމް މާދަމާ މަޖިލީހަށް ހާޒިރުކުރަނީ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަލީ ހާޝިމް މާދަމާ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފި އެވެ.
ހާޝިމް ހާޒިރުކުރާ ކޮމިޓީގެ ބައްދަލުވުން ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ މާދަމާ 11:00 ގަ އެވެ.
ބައްދަލުވުމުގައި އެޖެންޑާގައިވާ ގޮތުން ހާޝިމް ހާޒިރުކުރަނީ އޭނާ ވަކި ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާ ދިނުމާއި ގުޅޭ މައްސަލާއާ ބެހޭ ގޮތުންނެވެ.
ގަވަރުނަރުގެ މަގާމުން ހާޝިމް ވަކިކުރުމުގެ މައްސަލަ މާލިއްޔަތު ކޮމިޓީއަށް އިއްޔެ ހުށަހެޅުއްވީ، ދިއްގަރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނައިބް ރައީސް އަހުމަދު ނާޒިމް އެވެ.
މާލިއްޔަތު ކޮމިޓީން ގަވަރުނަރުގެ މަގާމުން ހާޝިމް ވަކިކުރުމަށް ނިންމި ސަބަބުތަކަކީ:
- ރާއްޖޭގައި ހިންގާ ބޭންކުތަކާއި ފައިނޭންޝަލް އިންސްޓިޓިއުޓްތަކުން އާއްމުންނަށް ލޯނު ދޫކުރާ މިންވަރު ނުސީދާކޮށް ހިފަހައްޓައި ބޭންކުތަކުގެ ރިޒާމް އެމްއެމްއޭގައި ބެހެއްޓުމަށް ގަވަރުނަރު ވަނީ ބާރުއަޅުއްވާފަ؛ އެގޮތަށް އަމަލުކުރުމުން އިގްތިސާދުގައި ދައުރުވާން ހުރި ފައިސާ މަދުވެ، އިގްތިސޯދީ މަސައްކަތްތައް ހުއްޓި، ގައުމުގެ އިގްތިސާދީ ދުވެލި މަޑުޖެހިފައިވާކަން
- ސަރުކާރުން ވެސް މިހާރު ފައިސާ ހޯދަނީ ޑޮމެސްޓިކް މާކެޓުން ކަމަށްވާތީ ޑޮމެސްޓިކް މާކެޓް ރަނގަޅަށް ރެގޮއުލޭޓްކުރުމުގެ މުހިއްމުކަން ބޮޑުވެފައިވާ ވަގުތެއްގައި އެކަން ކުރަމުންދާތައް ނުފެންނަކަން
- މިނިސްޓަރު ހޯމް އެފެއާޒްއާއި ފުލުހުންގެ ފަރާތުން މަޖިލީހުގެ ސަލާމަތީ ކަންކަމާ ބެހޭ ކޮމިޓީއާއި ހިއްސާކޮށްފައިވާާ މައުލޫމާތުތަކުގައި ކުށްކުރަން ހުއްޓުވުމަށް ހުރި ގޮންޖެހުންތަކުގެ ތެރޭގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ގެ ގަވާއިދުތައް އަދާހަމަކޮށްފައިނުވާ މައްސަލަ ފާހަގަކޮށްފައިވޭ
- 17 ނޮވެމްބަރު 2023 އިން ފެށިގެން ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި ސަރުކާރަށް ލަފާދިނުމާއި އަދި އެމްއެމްއޭގެ މަގްސަދުތައް ހާސިލުކުރުމަށް މަސައްކަތް ކޮށްފައިނުވާކަން
- އެމްއެމްއޭގެ އިސްވެރިޔާގެ ހައިސިއްޔަތުން ގަވަރުނަރުގެ މަސްއޫލިއްޔަތު ހާޝިމް އަދާނުކުރައްވާކަން
އެ މައްސަލަ ހުށަހެޅުއްވި މެންބަރު ނާޒިމް ވިދާޅުވެފައި ވަނީ އިގުތިސޯދު ހީނަރުވެ، އަލުން އަނބުރާ އިޔާދަކުރަން އުނދަގޫ ހިސާބަކަށް ގައުމުގެ އިގުތިސޯދު ނިކަމެތިވެގެން ދިޔައިރު، އެމްއެމްއޭގެ ގާނޫނުގައި ބަޔާން ކުރާ މަގުސަދުތައް ހާސިލު ކުރެވިފައިވާ ނުވާ ކަމަށެވެ. އަދި ސަރުކާރަށް އިގުތިސޯދީ ލަފާ ދިނުމާއި މަނިޓަރީ ޕޮލިސީ ވެސް އޭގެ އެންމެ އެކަށޭނެ ގޮތުގައި ހިނގަމުންދާ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.