ސްޕޯޓްސް އާބިޓްރޭޝަނެއް އުފައްދަން ހުށަހަޅަނީ
ސްޕޯޓްސް އާބިޓްރޭޝަނެއް އުފެއްދުމަށްޓަކައި ކުޅިވަރާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ރާފިއު ވަނީ ކުޅިވަރާ ބެހޭ ގާނޫނު އިސްލާހުކުރުމަށް ވަރަށް އަވަހަށް ސަރުކާރުގެ ފަރާތުން ބިލެއް ހުށަހަޅާނެކަން ހާމަކުރައްވާފަ އެވެ.
އެގޮތުން އެންމެ މުހިއްމު އެއްކަމުގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ ސްޕޯޓްސް އާބިޓްރޭޝަނެއް އުފެއްދުމަށެވެ. އަދި މިނިސްޓްރީގެ ފަރާތުން ހުށަހަޅަން ބޭނުންވާ އިސްލާހުތައް މި ހަފްތާ ތެރޭގައި ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވާނެ ކަމަށް ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ސްޕޯޓްސް އެކްޓް، ކުޅިވަރުގެ ގާނޫނަށް މިހާރު ގެނެވިގެންދާ ބަދަލުގައި މިހާރު އަޅުގަނޑުމެން ވާނީ ހިމަނާފަ. އެހެންވީމަ މި ހަފްތާ ތެރޭގައި އިރާދަކުރެއްވިއްޔާ އޭޖީ އޮފީހަށް އަޅުގަނޑުމެން ފޮނުވާ ގޮތަށް، މިހާރު އޮތީ އެމެންޑްމެންޑްސް ނިންމާ މިއަދު ނޫނީ މާދަމާ އޭޖީ އޮފީހަށް ގެންދާ ގޮތަށް." މިނިސްޓަރު ވިދާޅުވި އެވެ.
މީގެ އިތުރުން ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތައް ހަރުދަނާ ކުރުމަށް ވެސް ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ދެނެގަންނަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ އެސޯސިއޭޝަންތަކުގެ ގަވާއިދުތައް ފުށުނާރާ ގޮތް ހެދުމުގެ މުހިއްމުކަން ވެސް ރާފިއު ފާހަގަކުރި އެވެ.
"އޭގެ ތެރޭގައި ގާނޫނަށް ގެންނަން ޖެހޭ ބަދަލުތަކާއި އަދި އެސޯސިއޭޝަންތަކުގެ ހިންގާ ގަވާއިދަށް ގެންނަން ޖެހޭ ބަދަލުތަކާއި އަދި އެ އެސޯސިއޭޝަންތައް އެފިލިއޭޓްވެފައި ހުންނަ މައި އިދާރާގެ ގަވާއިދުތަކާއި ސްޕޯޓްސް ކޮމިޝަންގެ ގަވާއިދުތަކާ މި ހުރިހާ ގަވާއިިދުތަކަކާއި ގާނޫނުތަކަކާ ލާމެހިގެން ފުށުނާރާ ގޮތަށް އެކަން ބައްޓަން ކުރުމަކީ މީގެ ޖުމްލަ ހައްލު ކަމުގައި އަޅުގަނޑު ދެކެނީ" ރާފިއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގާނޫނަށް އިސްލާހު ހުށަހަޅާނީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކަށް "ކުޅިވަރު ފެތުރިގެންދާ ގޮތަށް" ކަމަށެވެ. އަދި މާ ގިނަ ދުވަހެއް ނުވެ އެކަން ފުރިހަމަވެގެންދާނެ ކަމަށެވެ.