ހޭދައަށް ބަލާއިރު އަމާން ވެށި ސެންޓަރުތަކުގެ ޖުމްލަ ނަތީޖާ ރަނގަޅު: މިނިސްޓްރީ
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަކުދިން ބެހެއްޓުމަށް ހެދި 'އަމާން ވެށި' ސެންޓަރުތަކަށް ކުރާ ހަރަދާ އަޅާބަލާއިރު، ނެރެވޭ ނަތީޖާ ރަނގަޅު ކަމަށް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް އިން ބުނެފި އެވެ.
ދައުލަތުގެ ބެލުމުގެ ދަށަށް ނެގޭ ކުދިންނަށް އާއިލީ މާހައުލެއް ހޯދައިދިނުމުގެ މަގްސަދުގައި މިދިޔަ ސަރުކާރުން ވަނީ ރާއްޖޭގެ 7 ރަށެއްގައިި އެފަދަ ސެންޓަރުތަކެއް ގާއިމުކޮށްފަ އެވެ. އިއްޔެ ބޭއްވި މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ވަޑައިގެން މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ ސައުފިޝާން އަބްދުﷲ ވަނީ މިކަމާ ގުޅިގެން ވާހަކަދައްކާފަ އެވެ.
ސައުފިޝާން ވިދާޅުވީ، 7 އަމާން ވެށި ސެންޓަރުތަކެއް ގާއިމުކޮށްފައިވީނަމަވެސް، އެ ހުރިހާ ތަނަކުން އެންމެ ބޭނުންވި ނަތީޖާއެއް ނުނިކުންނަ ކަމަށެވެެ.
"އަޅުގަނޑުމެން ފާހަގަކޮށްލަން ބޭނުން 7 ތަނުގެ ތެރެއިން ބައެއް ތަންތަނުގައި ވަރަށް ރީތިކޮށް ސެޓްލްވިއިރު އަނެއް ބައި ތަންތަނުގައި ހަމަ އަޅުގަނޑުމެންނަށް ވަރަށް ބައިވަރު ދަތިތަކާ ދިމާވި ކުދިން ބެލެހެއްޓުމުގައި. ހަމަ ދެން އޭގައި ބައިވަރު ރީޒަންތަކެއް ވެސް ހުރިހެން އަޅުގަނޑަށް ހީވަނީ." ސައުފިޝާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އޭގެ ތެރެއިން އެއް ސެންޓަރުގައި ހިދުމަތް ނުދެވޭ ވަރަށް ދަތިތަކާ ކުރިމަތިވާ ކަމަށެވެ. ވަކި ސެންޓަރެއްގެ ނަން ވިދާޅުނުވެ ސައުފިޝާން ވިދާޅުވީ އެތައް ފަހަރެއްގެ މަތިން މަސައްކަތްކޮށްގެންވެސް އެތަނުގެ ހާލަތު ރަނގަޅު ނުވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް އެއް ފަހަރު ޖެހުން އެތަން ހުސްކޮށްފަ ކުދިން އެކި ދިމަދިމާލަށް ބަހާލަން. އެހެންވީމަ އެގޮތަށް އަޅުގަނޑުމެންނަށް ފާހަގަކޮށްލެވޭ އެއްމެ ތަނެއް ހުރީ ވަރަށް އުނދަގޫވެގެންދާ. ނުހިންގޭ ވަރަށް އުނދަގޫވެގެންދާ." އޭނާ ވިދާޅުވި އެވެ.
އެ 7 ސެންޓަރުގެ ތެރެއިން 6 ސެންޓަރު ރަނގަޅަށް ހިންގޭތީ މިނިސްޓްރީން ބުނަނީ" ކުރާ ހޭދައާ ބަލާފަ ނެރެވޭ ނަތީޖާ ގޯހެއް ނޫނޭ." އެވެ.
އެންމެ ފުރަތަމަ އަމާންވެއްޓެއް ހުޅުވީ ބ އޭދަފުށީގައެވެ. ނ. މަނަދުއާއި ފުވައްމުލަކު ސިޓީއާއި ށ.ފުނަދޫ އަދި ހއ ދިއްދޫގެ އިތުރުން ލ. ފޮނަދޫގެ އިތުރުން ދ. ކުޑަހުވަދޫގައި ވެސް އަމާން ވެށި ގާއިމުކޮށްފައި ވެއެވެ.