ޚަބަރު އިޖުތިމާޢީ

މަންމާފުޅުގެ ޖަނާޒާގެ އިންތިޒާމުތަކާ ގުޅިގެން ސޯލިހުގެ ހާއްސަ ޝުކުރެއް ޝަހީމަށް

މުޙައްމަދު ޢަތީފް ، ދެން އޮންލައިން

އެމަނިކުފާނުގެ މަންމާފުޅު، މުއުމިނާ ހުސައިންފުޅުގެ ޖަނާޒާގެ އިންތިޒާމްތައް ހަމަޖައްސަވައިދެއްވުމުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަދާކުރެއްވި ދައުރަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޝުކުރު އަދާކުރައްވައިފި އެވެ.

Ads by Sosun Fihaara

މިއަދު މެންދުރުފަހު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ސޯލިހު ވަނީ އެމަނިކުފާނާއި އެމަނިކުފާނުގެ އާއިލާގެ ފަރާތުން މަންމާފުޅުގެ ޖަނާޒާގެ ކަންތަކުގައި ސަރުކާރުގެ ފަރާތުން ޝަހީމް އިސްވެހުންނަވައި، ހަމަޖައްސަވައިދެއްވި އެންމެހާ އިންތިޒާމުތަކަށް ޝުކުރު ދަންނަވާފަ އެވެ.

ޖަނާޒާގައި ބައިވެރިވަޑައިގެން މަންމާފުޅަށް ހެޔޮދުއާ ކޮށްދެއްވި ބޭފުޅުންނަށާ އަދި ތައުޒިޔާ ވިދާޅުވި ހުރިހާ ބޭފުޅުންނަށް އެމަނިކުފާނާއި އާއިލާގެ ފަރާތުން ސޯލިހު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

އާއިލާގެ ފަރާތުން ސޯލިހުގެ ޝުކުުރު ޝަހީމަށް ހާއްސަ ކުރެއްވިއިރު އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވެސް ވަނީ ޝަހީމުގެ ނަން ފާހަގަކުރައްވާފަ އެވެ. ފިރިކަލުންގެ މަންމާފުޅު އަވަހާރަވުމާ ގުޅިގެން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ފަޒްނާ ވިދާޅުވެފައި ވަނީ ޖަނާޒާގެ ކަންކަން ސަރުކާރާއި މާލޭ ސިޓީ ކައުންސިލުން ވަރަށް ގާތުން ބެއްލެވި ކަމަށެވެ. މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމާއި އިސްލާމިކް މިނިސްޓަރު ޝަހީމާއި އެމަނިކުފާނުގެ އަނބިކަބަލުންގެ ނަން ހާއްސަ ގޮތެއްގައި ފަޒުނާ ފާހަގަކުރެއްވި އެވެ. އަދި އިސްލާމީ މަރުކަޒާއި މާލޭ ސިޓީ ކައުންސިލުގެ މަސައްކަތު މީހުންނަށް ވެސް އެކަމަނާ ވަނީ ވަރަށް ހާއްސަ ޝުކުރެއް އަދާކުރައްވާފަ އެވެ.

އެ ‎އާއިލާއަށް ލިބުނު ފުންހިތާމަ އާ ގުޅިގެން ތައުޒިޔާ ވިދާޅުވި ފަރާތްތަކާއި މައްޔިތާގެ މޫނުދެކުމަށް ވަޑައިގެންނެވި ފަރާތްތަކާާ އަދި ޖަނާޒާގައި ބައިވެރިވެ ވަޑައިގެންނެވި ފަރާތްތަކަށް ފަޒްނާ ވެސް ވަނީ ޖުމްލަކޮށް ޝުކުރު ދަންނަވާފަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!