ޚަބަރު

މަދު ބަޔަކު ވޯޓުލި އިންތިހާބުގެ ނަތީޖާއިން މާޔޫސެއް ނުވޭ: ފައްޔާޒު

އަލީ ސަމާޙް ، ދެން އޮންލައިން
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް/ ފޮޓޯ: ދެން

އިއްޔެ ބޭއްވި ކައުންސިލުތަކުގެ ބައި-އިލެކްޝަން އިންތިހާބު ތަކުގައި ވޯޓުލީ މަދު އަދަދެއްގެ ބަޔަކަށްވާއިރު އެ އިންތިހާބުން އިދިކޮޅު މައި ޕާޓީ އެމްޑީޕީއަށް އެއްވެސް ގޮނޑިއެއް ކާމިޔާބު ނުކުރެވުނަސް މާޔޫސް ވާންޖެހޭ ސަބަބެއް ނެތް ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ރޭ ވިދާޅުވެއްޖެ އެވެ.

Ads by Hajj Corporation

އިއްޔެ ހަ ބައި-އިލެކްޝަނެއްގެ ވޯޓުލުން ކުރިއަށް ގޮސްފައިވާއިރު ވޯޓުލާން ނިކުތީ 26.91 ޕަސެންޓެވެ. މިއީ ބައި-އިލެކްޝަންއާ ބަލާއިރު ވަރަށް ކުޑަ އަދަދެކެވެ.

ރަސްމީ އެކައުންޓުން "އެކްސް" ގައި ކުރި ޕޯސްޓެއްގައި މިދިޔަ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ވަނީ ބައި-އިލެކްޝަންތަކުގައި ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓުން ދެއްކި ހިތްވަރާއި ކުރި މަސައްކަތަށް ޝުކުރު އަދާކޮށްފަ އެވެ.

"މަދު އަދަދެއްގެ ބަޔަކު ވޯޓުލީ އިންތިހާބުގެ ނަތީޖާ ނުކުތް ގޮތަކާމެދު މާޔޫސްވާންވީ ސަބަބެއް ނެތް" އެމްޑީޕީ ރީފޯމް ކުރުމަށް މަގުޗާޓެއް އެކުލަވާލަން ދެކުނުގެ އަތޮޅުތަކަށް މި ވަގުތު ދަތުރުކުރަމުންދާ ފައްޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕާޓީގެ ހިންގުން ހަރުދަނާކުރުމަށް މިހާރު ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް އޮތީ އެމްޑީޕީއަށް ކާމިޔާބު ދުވަސްތަކެއް ކަމަށެވެ.

ބައި-އިލެކްޝަންގެ ވަގުތު ނަތިއްޖާ ދައްކާ ގޮތުން ސަރުކާރު ހިންގާ ކޮންގްރެސް ކޯލިޝަނުން 5 ގޮނޑި ކާމިޔާބުކޮށްފައިވެ އެވެ. އެއީ މާލެ ސިޓީ ކައުންސިލުން ހުސްވި 3 ގޮނޑި އާއި ކުޅުދުއްފުށީ ކައުންސިލް ގޮނޑީގެ އިތުރުން ފ. ބިލެއްދޫ ކައުންސިލް ރައީސްގެ ގޮނޑި އެވެ.

މި ބައި އިލެކްޝަންގައި އެމްޑީޕީއަށް ބޮޑު ނާކާމިޔާބެއް ލިބުނުއިރު ނިމިދިޔަ ރިޔާސީ އިންތިހާބާއި އޭގެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް އެ ޕާޓީވީ ބައްޔެވެ. އިންތިހާބުތަކުން އެމްޑީޕީން ބަލިވާ ކޮންމެ ފަހަރަކު ޕާޓީގެ ލީޑާޝިޕް ބަދަލުކުރަން އާއްމު މެންބަރުން ގޮވާލަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!