ޚިޔާލު ރިޕޯޓް

ގޮނޑިއަކަށްފަހު ގޮނޑިއެއް ސަރުކާރަށް, ރައްޔިތުން މިބުނަނީ ކީކޭ?

  • އިންތިހާބުތަކަށް އޮތް ތަރުހީބު ކުޑަ
  • އެމްޑީޕީގެ ތާއީދު ވަރަށް ބޮޑަށް ފަނޑުވެއްޖެ
  • ސަރުކާރުގެ 8 މަސް ފުރުމުން ރައްޔިތުން ދިން ހަދިޔާއެއް
އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ހަ ބައި އިލެކްޝަނަކުން ކޮންގްރެސް ޕާޓީން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައި

އިއްޔެއަކީ ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ހަ ދާއިރާއެއްގެ ކައުންސިލް ބައި އިލެކްޝަންތަކެއް ކުރިއަށް ދިޔަ ދުވަހެކެވެ. އެގޮތުން މާލޭ ސިޓީގެ ތިން ކައުންސިލް ގޮނޑިއަކާއި ފ. ބިލެއްދޫ ކައުންސިލްގެ ރައީސްގެ އިތުރުން ހދ. ކުޅުދުއްފުށީ ކައުންސިލް އަދި ރ. ރަސްމާދޫ ކައުންސިލްގެ އަންހެން މެމްބަރަކު އިއްޔެ ވަނީ އިންތިހާބުކޮށްފަ އެވެ.

Ads by STELCO

މި ބައި އިލެކްޝަންތަކުގެ ނަތީޖާތަކަށް ބަލާއިރު މާލެ ސިޓީގެ ތިން ގޮނޑިވެސް ކާމިޔާބު ކުރީ ވެރިކަން ކުރާ ކޮންގްރެސް ޕާޓީއިންނެވެ. ކުޅުދުއްދުށި ގޮނޑިވެސް އެޕާޓީން ގެންދިޔައިރު ބިލެއްދޫ ގޮނޑިވެސް ބުރަވީ ސަރުކާރު ހިންގާ ޕާޓީއަށެވެ. ރަސްމާދޫ ކައުންސިލްގެ ގޮނޑި ކާމިޔާބުކުރީ އަމިއްލަ ކެނޑިޑޭޓެކެވެ.

މީގެ ތެރެއިން ރަސްމާދޫ ކައުންސިލް ގޮނޑި ފިޔަވާ އަނެއް ފަސް ދާއިރާއަށްވެސް އެމްޑީޕީން ވާދަކުރި އެވެ. އެއްވެސް ދާއިރާއަކުން ކާމިޔާބު ނުލިބި އެމްޑީޕީއަށް ލިބުނީ ސުމެކެވެ. ބައި އިލެކްޝަންތަކަށް ތަންކޮޅެއް ތަފްސީލީ ގޮތެއްގައި ބަަލައިލަން ހިނގާށެވެ.

ތަރުހީބު ކުޑަ

އިއްޔެ ބޭއްވި ހަ ބައި އިލެކްޝަންގައި 13,112 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބުނެވެ. އެއީ 6,703 ފިރިހެނުންނާއި 6,409 ފިރިހެނުންނެވެ. މީގެ ތެރެއިން ވޯޓު ލާން ނިކުތީ 3,528 މީހުންނެވެ. އެއީ 1,881 ފިރިހެނުންނާއި 1,647 އަންހެނުންނެވެ.

މާނައަކީ އިއްޔެގެ އިންތިހާބުތަކުގައި 9,584 މީހުން ވޯޓުލާން ނުނިކުމެ އެވެ. މިއީ ނިސްބަތުންނަމަ 73.09 އިންސައްތަ އެވެ. ވޯޓުލީ އެންމެ 26.91 އިންސައްތަ މީހުންނެވެ.

އަދަދުތަކަށް ބަލާއިރު މިއީ ހައިރާން ވާވަރުގެ އަދަދުތަކެކޭ މުޅިއެކުން ދެންނެވޭކަށް ނެތެވެ. ސަބަބަކީ ކައުންސިލް އިންތިހާބުތަކަކީ އާންމުކޮށްވެސް ތަރުހީބު ކުޑަ އިންތިހާބުތަކަކަށް ވާތީ އެވެ. އަދި ހާއްސަކޮށް ބައި އިލެކްޝަންތަކުގައި ވޯޓު ލާނެ ފޯރިއެއް އާންމުންގެ މެދުގައި ނޯވެ އެވެ.

އެމްޑީޕީގެ ކުލަ ފަނޑުވެއްޖެ

އިއްޔެ މި ލިބުނު ނަތީޖާތަކުން އެމްޑީޕީއަށް ލިބުނީ ވަރަށް ބޮޑު މާޔޫސްކަމެކެވެ. ނިމިދިޔަ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގައި ލިބުނު ނާކާމިޔާބީއަށްފަހު އަދިވެސް އެ ހާލަތު ބަދަލުވަމުން ނުދާކަން މިވަނީ ފެނިފަ އެވެ. މަޖިލިސް އިންތިހާބަށްފަހު އެމްޑީޕީގެ ސިޔާސީ ހަރަކާތްތައް ވަރަށް ބޮޑަށް މަޑުޖެހުނެވެ. އެހެންނަމަވެސް މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި އަނެއްކާވެސް މަސައްކަތްތައް ވަނީ ފަށައިފަ އެވެ.

އެމްޑީޕީ ލީޑަޝިޕަށް އޮތް ތާއީދު ފަނޑުވެއްޖެކަމަށް ވާހަކަ ދެކެވޭތާ ދުވަސްތަކެއް ވެއްޖެ އެވެ. އެޕާޓީ ރިފޯމް ކުރުމަށް މަސައްކަތްތަކެއް ކުރަން ޖެހިއްޖެކަމަށްވެސް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. އިއްޔެގެ ނަތީޖާތަކުންވެސް މި ބުނެދެނީ މި ވާހަކަ އެވެ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ދެކެވަޑައިގަންނަވާ ގޮތުގައި އިއްޔެ އެޕާޓީއަށް ލިބުނީ ނާކާމިޔާބީއެއް ނޫނެވެ. އިންތިހާބަށް އޮތް ތަރުހީބު ކުޑަވުމުން ސިޔާސީ ގޮތުން ވަކި ޕާޓީއަކަށް ތާއީދު އޮތްތޯ ނުވަތަ ނެތްތޯ ވަޒަން ނުކުރެވޭނެކަމަށް ފައްޔާޒު ދެކެވަޑައިގަންނަވަ އެވެ. 

އެހެންނަމަވެސް މަޖިލީހުގެ 93 ގޮނޑީގެ ތެރެއިން 12 ގޮނޑި އެމްޑީޕީއަށް ކާމިޔާބު ކުރެވުމަކީ ތާއީދު ނެތްކަމުގެ ހެއްކަކަށް ފުދެ އެވެ. ރާއްޖޭގައި އޮތް އެންމެ މެމްބަރުން ގިނަ ޕާޓީއަށް މިވަރުގެ ތާއީދެއް އޮވެގެން ވާނެކަމަކަށް ގަބޫލެއް ނުކުރެވެ އެވެ.

މިދިޔަ ދުވަސްތަކުގައި އެމްޑީޕީގެ ސިޔާސީ މަސައްކަތްތައް މަޑުޖެހިފައި އޮތުމަކީވެސް ތާއީދު ކުޑަވާން ދިމާވެދާނެ ސަބަބެކެވެ. އެމްޑީޕީއަކީ އިދިކޮޅަށް ކުޅެން އެންމެ ފަރިތަ ޕާޓީކަން ތާރީހުން ފެންނާން އެބައޮތެވެ. އެހެންނަމަވެސް މިހާރު އިދިކޮޅު މައި ޕާޓީގެ ޒިންމާ އެމްޑީޕީއަށް އުފުލެއެކޭ ދެންނެވޭކަށް ނެތެވެ.

ސަރުކާރަށް އޮތް ތާއީދު

އިންތިހާބުތަކަށް އޮތް ތަރުހީބު ކުޑައެއްކަމަކު ނަތީޖާއިން ދިން އަނެއް މެސެޖަކީ އާންމުންގެ މެދުގައި ސަރުކާރަށް ތާއީދު އޮތްކަމެވެ. މާލެ ސިޓީއަކީ އެންމެ ފަހުން ބޭއްވި ކައުންސިލް އިންތިހާބާއި ހަމައަށްވެސް އެމްޑީޕީން މެޖޯރިޓީ ނަގަމުން އައި ތަނެކެވެ. އެހެންނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު މޭޔަރުކަން ކާމިޔާބު ކުރެއްވި އިންތިހާބާއިއެކު މިކަން ބަދަލުވެ ކޮންގްރެސް ޕާޓީން މާލެއަށް ވެރިވާން ފެށި އެވެ.

މިފަހުން ބޭއްވި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގައިވެސް ކޮންގްރެސް ޕާޓީން ވަނީ މާލެ ސިޓީގެ މެޖޯރިޓީ ނަގައިފަ އެވެ. ކުޅުދުއްފުއްޓަކީ ވަކި ޕާޓީއަކުން ކޮންޓްރޯލް ކުރާ ތަނެއް ނޫނެވެ. އެހެންނަމަވެސް އެ ސިޓީގައިވެސް ކޮންގްރެސްއަށް އޮތް ތާއީދު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

ސަރުކާރަށް 8 މަސް ދުވަސް ވެގެން ދިޔައިރު ރައްޔިތުންނާއި ގުޅުންހުރި ވަރަށް ގިނަ ކަންކަމުގައި ހަރުދަނާ މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ. އިންތިހާބުތަކުގެ ނަތީޖާތަކުން ބުނެދޭ އެއް ވާހަކައަކީ މިއެވެ. ގިނަ ކަންކަމުގައި ސަރުކާރުގެ ސިޔާސަތުތައް ރައްޔިތުންނަށް ގަބޫލުކުރެވެ އެވެ. މިހާތަނަށް އައިއިރު ފެނިގެން ދިޔައީ ކޮންމެ ވުޒާރާއަކުންވެސް ހިފައިގެން އައި ސިޔާސަތުތައް ވަރަށް ރަނގަޅަށް ތަންފީޒުވެގެން ދާތަނެވެ. އަދި ކުރިއަށް އޮތް ފަސް އަހަރަށް ބަހާލެވިފައިވާ ގިނަ މަސައްކަތްތަކުގެ ބިންގާތައް އެޅިގެން ދިޔަތަނެވެ.

ސިޔާސަތުތަކާއި މަސައްކަތްތަކުގެ އިތުރުން ރައްޔިތުންނާ ގާތުން މަސައްކަތް ކުރުމަކީވެސް ތާއީދު އިތުރުވާ ކަމެކެވެ. މިސަރުކާރު ފާހަގަވެގެންދާ އެއް ކަމަކީ ރައްޔިތުންގެ މަޝްވަރާއާއި ހިޔާލު ހޯދައިގެން މަސައްކަތް ކުރުމެވެ. ކައުންސިލް މެމްބަރުންނަށް ސީދާ ވަޒީރުން ގުޅައި ނުވަތަ މަޖިލިސް މެމްބަރުން މެދުވެރިއަކަށްވެ ވަޒީރުންނާއި ހަމައަށް ޝަކުވާތައް އުފުލި އެ ޝަކުވާތަކާ އެއްގޮތަށް މައްސަލަތައް ހައްލުކުރާ މަންޒަރުވެސް ފެނިގެން އެބަ ދެ އެވެ. މިއީ ސީދާ ރައްޔިތުންނާ ސަރުކާރު ވަރަށް ބޮޑަށް ގުޅުވައިދޭ ކަމެކެވެ.

އިއްޔެ ބޭއްވި ބައި އިލެކްޝަންތަކަކީ ސަރުކާރަށް 8 މަސް ފުރުނު ދުވަހު ލިބުނު އެންމެ އުފާވެރި އެއް ހަބަރެވެ. މިއީ 8 މަސް ދުވަހުގެ ކާމިޔާބީ ވަޒަން ކުރެވުނު ނަތީޖާއެކޭ ދެންނެވުން ކުށަކަށް ނުވާނެ އެވެ.

Ads by Allied Insurance
  1. ޙުސައިން

    ކިތަންމެ ޕްރޮމޯޓްކުރަން އުޅުނަސް، ސަރުކާރަކަށް ތާއިދެއް ނެތް މިހާރު. ރާއްޖެތެރޭ ރަށްރަށުގައި ދިރިއުޅޭ މީހުންނަށް ލޮލަށް ފެނި އަތުން ހިފޭނެ ކަންކަން ވަމުންދާގޮތް. ނުޙައްޤުން ވަޒީފާ ދީ. ޕްރޮޖެކްޓްތައް ހުއްޓިފައި. އަމިއްލަ ޕާޓީ މީހުންތައްވެސް ކިޔަނީ ކަޑައޭ ބްރޯ މި ސަރުކާރު.

  2. ޙަސަނު

    13 ހާސް މީހުން ލާންޖެހޭ ވޯޓެއްގަ 3 ހާސްމީހުން ވޯޓުލައިގެން ހޭވުނީމަ އެއީދެން ވަރަށްބޯޑުކާމިޔާބީއެއްކަން އެންމެންވެސް ގަބޫލުކުރާނެ. ހާދަހާވާ ކާމިޔާބޭ. ސަބަހޭ ޝުކުރިއްޔާ މުއިއްޒު.